wendyprisilasheikh:  Unsplash
wendyprisilasheikh: Unsplash

އިސްލާމީ އުއްމަތަށް އަދި އާރޯކަމާއި ތާޒާކަން އަންނާނެ!

ތާރީޚުގެ ޞަފްޙާތަކަށް ނަޒަރު ހިންގާލާއިރު، އިސްލާމީ އުއްމަތަކީ ޢަދުލުވެރިކަމާއި، ޙިކުމަތްތެރިކަމުގެ އެންމެ މަތިވެރި ނަމޫނާ ދައްކައިދިން އުއްމަތެވެ. މި އުއްމަތުގެ އަސްލު ބާރަކީ ހަތިޔާރެއް ނުވަތަ މާއްދީ ތަނަވަސްކަމެއް ނޫން ކަމެވެ. އޭގެ ބަދަލުގައި، އަޅުގަނޑުމެންގެ ބާރަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ފުރިހަމަ ދީނުގައި ހިފެހެއްޓުމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވި އިސްލާމްދީނަކީ ހަމައެކަނި އަޅުކަމުގެ ފޮތެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ކޮންމެ ދާއިރާއަކަށް ބޭނުންވާ ފުރިހަމަ ނިޒާމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا
މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ. (ސޫރަތުލްމާއިދާ: 3)

މި ފުރިހަމަކަން ދެމެހެއްޓޭނީ، އަޅުގަނޑުމެންގެ ޢަމަލުތަކާއި، ވެރިކަމުގެ ނިޒާމުތައް އެ ޝަރީޢަތުގެ މައްޗަށް ބިނާކޮށްގެންނެވެ.

އިސްލާމީ ވެރިކަމުގެ ރަން ޒަމާނަކީ ޚުލަފާއުއް ރާޝިދޫންގެ ވެރިކަމެވެ. އޭގެ ތެރެއިން ޚަލީފާ ޢުމަރު ބިން އަލްޚައްޠާބު (ރަޟިޔަﷲ ޢަންހު) ގެ ވެރިކަމަކީ ޢަދުލު އިންސާފުގެ އެންމެ ނަމޫނާ ފެނުނު ޒަމާނެވެ. އިސްލާމީ އުއްމަތުގެ ވެރިކަމުގެ ނިޒާމުތައް ބަލިކަށިވެގެން ދިޔައީ، މަޝްވަރާ ކުރުމުގެ މަތިވެރި ސިފަ ދޫކޮށްލެވުމުންނެވެ. ހެޔޮ ވެރިކަމަކީ ﷲއަށް ބިރުވެތިވެ، ރައްޔިތުންނަށް އޯގާތެރިވެ، އަދުލުވެރިކަމާއެކު ކަންކަން ނިންމުމެވެ.

މިއަދު އަޅުގަނޑުމެން މި ދިރިއުޅެނީ ވަރަށް ގިނަ ފިތުނަތަކެއްގެ ތެރޭގައެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

بَدَأَ الْإِسْلَامُ غَرِيبًا، وَسَيَعُودُ كَمَا بَدَأَ غَرِيبًا، فَطُوبَى لِلْغُرَبَاءِ:  صحيح مسلم

"އިސްލާމްދީން ފެށުނީ ބީރައްޓެހި ދީނެއްގެ ގޮތުގައެވެ. އަދި ފެށުނު ފަދައިން، އެ ދީން އަލުން ބީރައްޓެހި ވެގެންދާނެއެވެ. ފަހެ، އެ ބީރައްޓެހިންނަށް (ދީންމަތީ ސާބިތުވެ ތިބޭ މީހުންނަށް) އުފާ ހުއްޓެވެ."

މި ބަސްފުޅުން ދޭހަވަނީ، އީމާންކަމުގައި ސާބިތުވެ ހުރުމުގެ މުހިންމުކަމެވެ. ދުނިޔޭގެ ކަންކަން ކިތަންމެ ހަލަބޮލިވިޔަސް، ހެޔޮ ޢަމަލުތައް ގިނަކޮށް، ﷲގެ މަގުގައި ދެމިހުރުމަކީ މުއުމިނުންގެ ސިފައެވެ.

އިސްލާމީ އުއްމަތް އަލުން އާރޯވެ، ކުރިއަރައިދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް އެކަމަށްޓަކައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ޒިންމާދާރުވާން ޖެހެއެވެ. ވެރިންނަށް އެކަނި ބަރޯސާވެގެން ތިބުމުގެ ބަދަލުގައި، ފަރުދީ ފެންވަރުގައި ދީނުގެ ޢިލްމު އުނގެނި، އެއަށް އަމަލުކުރުމަކީ މިއަދުގެ އެންމެ ބޮޑު ވާޖިބެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ އުއްމަތަށް ނަސްރާއި، ތަނަވަސްކަމާއި، ހެޔޮ ވެރިކަން މިންވަރުކުރައްވާށި.

ޝައިޚް ކަރީމް އަބޫޒައިދު

ހިއްސާ ކުރައްވާ!