އެމެރިކާގެ މުސްލިމުން: ރުޅިވެރިކަމުގެ ހަމަލާތަކެއްގެ ތެރޭގައި އެކަނިވެރިވެފައި

ޖޯޖްޓައުން ޔުނިވަރސިޓީގެ އިންޓަރނޭޝަނަލް އެފެއާޒް އެންޑް އިސްލާމިކް ސްޓަޑީޒްގެ ޕްރޮފެސަރ، އަދި އެމެރިކަން އެކަޑަމީ އޮފް ރިލިޖަންގެ ކުރީގެ ރައީސް ޖޯން އެސްޕޯސިޓޯ ގެ ލިޔުމެއްގެ ތަރުޖަމާ:

މެއި 18 ވަނަ ދުވަހު ސޭން ޑިއޭގޯގެ މިސްކިތަކަށް އަމާޒުކޮށް ދިން ހަމަލާއަކީ އިސްލާމްފޯބިއާގެ ހަމަލައެކެވެ. އެމެރިކާގައި މުސްލިމުންނާ ދެކޮޅަށް އަމާޒުކުރާ ނަސްލީ ތަފާތުކުރުންތަކާއި، އަދި ހަމަނުޖެހުންތަކަކީ އެމެރިކާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ފުރާނައަށް ނުރައްކާވާ ފަދަ ކަންކަންކަން ހަނދާންކޮށްދޭ ހިތާމަވެރި ހާދިސާއެކެވެ.

ސޭން ޑިއޭގޯގެ ހަމަލާއަކީ އެމެރިކާގައި ހިނގާ އިސްލާމްފޯބިއާގެ ހަމަނުޖެހުންތަކުގެ ތެރެއިން ވަކި ހާދިސާއެއް ނޫނެވެ. މުސްލިމުންނާ ދެކޮޅު ރުޅިވެރިކަމާއި ނަސްލީ ތަފާތުކުރުންތައް ގައުމުގެ އެކި ކަންކޮޅުތަކުގައި ފެންނަން އެބަހުއްޓެވެ. މިއީ ޑޮނަލްޑް ޓްރަމްޕާއި، ސަރުކާރުގެ އޮފިޝަލުންނާއި، ކޮންގްރެސްގެ މެމްބަރުންގެ އިތުރުން ހަރުކަށި ކްރިސްޓިއަން ނޭޝަނަލިސްޓުންނާއި ހަތިޔާރު އެޅި ޒަޔަނިސްޓުންގެ ވާހަކަތަކުންނާއި ސިޔާސަތުތަކުން ސާބިތުކޮށް ފެންނަ ކަމެކެވެ.

މުސްލިމުންނަށް އިސްލާމްފޯބިއާ އަކީ، ޔަހޫދީންނަށް އޮތް އެންޓި ސެމިޓިޒަމް ނުވަތަ ޔަހޫދީންނާ ދެކޮޅުވެރިކަން ފަދަ ތަފާތު ކުރުމުގެ ކަމެކެވެ. މިއީ މުސްލިމުންގެ ދީނީ އަދި ސަގާފީ އަގީދާތަކަށް އޮންނަ ނަފްރަތާއި ނުގަބޫލުވުމުގެ ތެރެއިން އުފެދިފައިވާ ކަމެކެވެ. އިސްލާމޯފޯބިއާއަކީ އެމެރިކާގެ ޑިމޮކްރެޓިކް ހަމަތަކަށް އޮތް ބިރެކެވެ.

އެންޓި-ސެމިޓިކް މީހުންނާއި ނަސްލީ ތަފާތުކުރާ މީހުންނެކޭ އެއްފަދައިން، އިސްލާމްދީނާ ދެކޮޅު މީހުންނަކީ ވެސް އެމީހުންގެ ރުޅިވެރިކަން އެންމެ ފުރަތަމައަށް އިންކާރު ކުރާ މީހުންނެވެ. އޭގެ ބަދަލުގައި، މުސްލިމުންނަކީ އެމެރިކާއަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، އެމީހުންނަކީ ތަފާތު "އެހެން ބައެއް" ކަމަށް ސިފަކޮށް، މުސްލިމުންގެ އިތުބާރު ނެތް ކަމަށާއި، ގައުމަށް ނުވަދެވޭނެ ކަމަށް ބުނެ އެމީހުން ބާކީކުރެއެވެ.

ބޮޑެތި މީޑިއާއާއި، ފަހަކަށް އައިސް ސޯޝަލް މީޑިއާ އިން ވަނީ މި ބިރުވެރިކަން ފެތުރުމުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ. ސިޔާސީ އަދި ދީނީ ލީޑަރުންނާއި، ރުޅިވެރިކަން ފަތުރާ މީހުންނަށް އެ ވާހަކަ ދައްކަން މި މީޑިއާ ޕްލެޓްފޯމުން ފުރުސަތު ދެއެވެ.

މީޑިއާގެ ދުވަސްވީ އުސޫލެއް އޮވެއެވެ. "ލޭ އޮހޮރުވުން ހިމެނޭނަމަ، އެއީ ހަބަރެކެވެ." މިއަދު މިކަން އޮތީ މިހެންނެވެ.

ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން އިންތިހާއަށް ނުރައްކާތެރި ޚިޔާލީ ވާހަކަތަކާއި މައުލޫމާތުތައް ފަތުރައެވެ. މިފަދަ ރުޅިވެރިކަން ފަތުރާ ފަރާތްތައް ޒިންމާދާރުކުރުވުމުގެ ބަދަލުގައި، "އެކްސް" އަދި "އިންސްޓަގްރާމް" ފަދަ ޕްލެޓްފޯމްތަކުން އެފަދަ ފަރާތްތަކުގެ އަޑު ގަދަކޮށްދެއެވެ.

އިސްލާމްފޯބިއާގެ މައްސަލާގައި، ސޯޝަލް މީޑިއާ ކުންފުނިތަކުން ގަސްތުގައި ގެއްލުން ހުރި ކޮންޓެންޓް ގިނަ ބަޔަކަށް ފެންނާނެ ގޮތް ހަދައި ދެއެވެ. މީގެ ސަބަބުން ހަމަނުޖެހުންތަކަށް ހިތްވަރުދޭ ފަރާތްތަކަށް އެމީހުންގެ ނުފޫޒު ފުޅާކުރުމުގެ ފުރުސަތު ލިބެއެވެ.

ސަރުކާރުގެ އޮފިޝަލުންގެ ވާހަކަތަކުން މިއަދު މި ނަސްލީ ތަފާތުކުރުން ފެންނަން އެބަހުއްޓެވެ. މީގެ ތެރޭގައި ރައީސް ޓްރަމްޕްގެ ދެ ދައުރުގައި ދައްކާ ވާހަކަތަކުން ފެށިގެން ކޮންގްރެސްގެ މެމްބަރުންގެ ވާހަކަތަކާ ހަމައަށް މި ކަންކަން ފެނެއެވެ.  އަޅުކަން ކުރާ ތަންތަނުގެ ރައްކާތެރިކަން ލިބިގެން ނުވާ މިފަދަ ދުވަސްވަރެއްގައި، އަދި ފައްޅިތަކަށް ދޭ ހަމަލާތައް ކުށްވެރިކުރާ ހާލު، އެމެރިކާގެ ކޮންގްރެސްގެ މެމްބަރުން ދަނީ މުސްލިމުންނަށާއި އިސްލާމްދީނަށް އަމާޒުކޮށް ބިރުވެރި އަދި ގެއްލުންހުރި ވާހަކަތައް ފާޅުގައި ދައްކަމުންނެވެ.

  1. ފެބްރުއަރީ މަހު، ޓެކްސަސްގެ ކޮންގްރެސް މެމްބަރު ބްރޭންޑަން ގިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ޓެކްސަސްގެ ރައްޔިތުން ޝޮޕިންގ މޯލްތަކަށް ގޮސް، ޕާކިސްތާނުގެ އަވަށެއް ހެން ހީވާ ހިސާބަށް ކަންކަން ގޮސްގެން ނުވާނެ. އިސްލާމީ ހިޖުރަކުރުންތަކުން އަހަރެމެން ދަންނަ އަދި ލޯބިވާ އެމެރިކާ މިދަނީ ނެތެމުން،" ކަމަށެވެ.
  2. މާރިޗު 10 ވަނަ ދުވަހު، ރެޕްރެޒެންޓޭޓިވް އެންޑީ އޮގްލްސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ރަސްމީ ކަރުދާސްކޮޅުތަކަކުން މުސްލިމުންނަށް އެމެރިކާ މީހަކަށް ނުވެވޭނެ. މުސްލިމުންނަށް އެމެރިކާގެ ތެރެއަށް ނުވަދެވޭނެ؛ އެމީހުން އައި ތަނަކަށް އެންމެން އެނބުރި ދާންޖެހޭނެ،" ކަމަށެވެ.
  3. ފްލޮރިޑާގެ ކޮންގްރެސް މެމްބަރު ރޭންޑީ ފައިން، ސޯޝަލް މީޑިއާގައި ލިއުއްވީ، "އިސްލާމްދީނަކީ މީޙުން މެރުމަށް ލޯބިކުރާ، މީހުން މެރުމަށް ހިތްވަރުދޭ، އަންހެނުންނަށް އަނިޔާކުރާ އަދި ހުޅަނގުގެ އަގުތައް ނައްތާލަން އުޅޭ ނުރައްކާތެރި ބައެއް،" ކަމަށެވެ. ފެބްރުއަރީ 2026 ގައި މުސްލިމުންގެ ކަރާމާތް ގެއްލޭ ފަދަ ރުޅިވެރި ވާހަކަތަކެއް އޭނާ 'އެކްސް' ގައި ހިއްސާކުރުމުން ގައުމީ ފެންވަރުގައި ބޮޑު ނުރުހުމެއް އުފެދުނެވެ. މިކަމާ ގުޅިގެން ޑިމޮކްރެޓިކް ލީޑަރުންނާއި މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ އޭނާ އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.
  4. ޓެކްސަސްގެ ރެޕްރެޒެންޓޭޓިވް ކީތު ސެލްފް، ޓްވީޓް ކުރެއްވީ، "އިސްލާމީ ޝަރީއަތުން މުސްލިމް ނޫން މީހުންނަށް ތިން ގޮތެއް ހުށަހަޅާ. އެއީ: އިސްލާމްދީން ގަބޫލުކުރުން، ނުވަތަ ކިޔަމަންވުން، ނުވަތަ މަރުވުން. މި ސިޔާސީ އަގީދާއަކީ އަހަރެމެންގެ ގައުމު އެތެރެއިން ހަލާކުކޮށްލަން އުޅޭ މުސްލިމުންގެ އެއްޗެއް، އެމެރިކާގައި މިކަމަށް ފުރުސަތު ދީގެން ނުވާނެ. އަހަރެމެންގެ ސަގާފަތުގެ ތެރެއަށް ވަންނަންވީ ނޫނީ އައި ތަނަކަށް އެނބުރި ދާންވީ!" ކަމަށެވެ.
  5. އަލަބާމާގެ ސެނެޓަރ ޓޮމީ ޓަބަރވިލް ވަނީ ތަކުރާރުކޮށް އިސްލާމީ ޝަރީއަތާއި ހަރުކަށި އިސްލާމްދީނާ ސީދާ ގޮތެއްގައި ކެންސަރު ބައްޔާ އަޅުވާ ކިޔާފައެވެ.، މުސްލިމުންނަކީ 'މަރަށް ލޯބިކުރާ' އަދި އެމެރިކާއާ ދެކޮޅު އަގީދާއެއް ކަމަށް އޭނާ ވިދާޅުވެއެވެ. އޭނާއަކީ އެމެރިކާގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރަން އުޅޭ ކަމަށް ބުނެ އެކަން މަނާކުރުމަށާއި، އެމެރިކާގެ ގާނޫނުއަސާސީއާ ހިލާފަށް އެފަދަ ކަންކަން ގަބޫލުކުރާ މީހުން ގައުމުން ބޭރުކުރުމަށް ވަކާލާތު ކުރާ ފަރާތެކެވެ. ނިއު ޔޯކް ސިޓީގެ މޭޔަރުގެ މަގާމަށް ޒަހްރާން މަމްދާނީ ހުވާކުރެއްވި ރަސްމިއްޔާތުގައި، ސެނެޓަރ ޓަބަރވިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދަތުރުފަތުރުގެ ދޮރޯށިތަކުގެ އެތެރޭގައި ދުޝްމަނުން އެބަތިބި،" ކަމަށެވެ.

އިސްލާމްފޯބިއާގެ ދުނިޔެ

ދެ ބިލިއަން މީހުންގެ ދީން ކަމަށްވާ އިސްލާމްދީނަކީ ބިރެއްގެ ގޮތުގައި ސިފަކުރުމަކީ މުޅި ދުނިޔޭގައި އާންމުވެފައިވާ ކަމެކެވެ. ޔޫރަޕް، ޗައިނާ، އިންޑިއާ، އޮސްޓްރޭލިއާ، އަދި މިޔަންމާގެ ސިޔާސީ ލީޑަރުންނާއި އޮފިޝަލުން ދަނީ މުސްލިމުންނަކީ އުފެދުމުގައި ވެސް ހަމަނުޖެހުން ހިންގާ ބައެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ. އެމީހުން މިކަމަށް ހެކި ދައްކަނީ މަދު ބަޔަކު ކުރާ ކަންކަމުގެ މައްޗަށެވެ. އަދި އިސްލާމްދީނަކީ ދީނެއް ނޫން ކަމަށާއި، އެއީ ސިޔާސީ އަގީދާއެއް ކަމަށް ވެސް އެމީހުން ބުނެއެވެ. މިކަމުގެ ސަބަބުން، މުސްލިމުންނަކީ ގައުމަށް ވަފާތެރި، އިތުބާރު ކުރެވޭ ރައްޔިތުންނަށް ނުވެވޭނެ ކަމަށް ބުނާ ބުނުންތައް ދަނީ އިތުރުވަމުންނެވެ.

ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ދިފާއު ކުރުމުގައި ވެސް އިސްލާމްފޯބިއާ ބޮޑު ދައުރެއް އަދާކުރެއެވެ. އެމެރިކާގެ ސަރުކާރުން ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ވެރިކަމުގައި ވެސް އިސްރާއީލަށް ދޭ އެއްވެސް ޝަރުތެއް ނެތް ތާއީދުގެ އަސްލަކީ މުސްލިމުންނާ ދެކޮޅަށް ފަތުރާ ރުޅިވެރިކަމެވެ.

ދުނިޔޭގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، އދ. ގެ ތަޖުރިބާކާރުންނާއި، ނަސްލު ނައްތާލުމާ ބެހޭ އެތައް ސަތޭކަ އިލްމުވެރިން އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާކަން ހާމަކޮށްފައި ވީނަމަވެސް، އެމެރިކާ ސަރުކާރުން ދަނީ އިސްރާއީލަށް ދޭ ހަތިޔާރުގެ އެހީތައް ބިލިއަން ޑޮލަރުން ދެމުންނެވެ.

ސަރުކާރުގެ މި އަމަލުތައް ދިފާއު ކުރަނީ އިސްލާމްފޯބިއާގެ ތާކުންތާކު ނުޖެހޭ ވާހަކަތަކުންނެވެ. ފަލަސްތީނުގެ ރައްޔިތުންނަކީ އުފެދުމުގައި ވެސް ހަމަނުޖެހުން ހިންގާ އަދި ޔަހޫދީންނާ ދެކޮޅުވެރި ބައެއް ކަމަށް ބުނެ އެމީހުންގެ އިންސާނީ ކަރާމާތް ދަނީ ގެއްލުވާލަމުންނެވެ. އެމެރިކާގައި، ހަރުކަށި ކްރިސްޓިއަން އަދި ޔަހޫދީ ގްރޫޕްތަކުން ދަނީ ފަލަސްތީނު މީހުންގެ އަސާސީ ހައްގުތައް ނިގުޅައިގަތުމަށް، މުސްލިމުންނާއި އަރަބިންނާ މެދު ބިރުވެރިކަން އުފައްދަމުންނެވެ.

ސިޔާސީ އަދި ދީނީ ތަޖުރިބާކާރުން، ޔަހޫދީންނާއި ކްރިސްޓިއަނުންނާއި، އަދި އެހެނިހެން ދީނީ ނަސްލީ ގްރޫޕްތަކާ މެދު ބުނަން ނުކުރޭ ފަދަ ވާހަކަތައް، އިސްލާމްދީނާއި މުސްލިމުންނާ މެދު އެއްވެސް ފަސްޖެހުމެއް ނެތި ފާޅުގައި ލިއެ، ބުނެ ބަހުސް ކުރެއެވެ.

ޔަހޫދީންނާ ދެކޮޅު އެންޓި-ސެމިޓިޒަމް ފަދައިން، އިސްލާމްފޯބިއާ އަކީ އެހާ ފަސޭހައިން ނައްތާލެވޭނެ ކަމެއް ނޫނެވެ. އެހެނިހެން ރުޅިވެރިކަމާ ހިލާފަށް، މުސްލިމުންނާ ދެކޮޅު ނަސްލީ ތަފާތުކުރުންތަކަކީ މިއަދުގެ މުޖުތަމައުގައި ބަލައިގަނެވޭ ކަމެއްގެ ގޮތުގައި ވަނީ ވެފައެވެ.

ދީނީ ގްރޫޕަކާ މެދު ތަފާތުކުރުމަކީ ބުއްދިވެރިކަމެއް ކަމަށް ދައްކަން މަސައްކަތް ކުރެއެވެ. މި ރުޅިވެރި އަޑުތަކާއި، ބާކީ ކުރުމުގެ ވިސްނުންތަކާއި، އަމިއްލަ އެދުންތަކާ ދެކޮޅަށް ތެދުވުމަކީ އަޅުގަނޑުމެން އެންމެންގެ (ސަރުކާރުތައް، ސިޔާސަތު ކަނޑައަޅާ ފަރާތްތައް، މީޑިއާ، ތައުލީމީ މުއައްސަސާތައް، ދީނީ އިލްމުވެރިން، އަދި ކުންފުނިތަކުގެ ވެރިންގެ ވެސް) ޒިންމާއެކެވެ. (އަލްޖަޒީރާގައި ޕްރޮފެސަރ އެސްޕޯސިޓޯ ލިއްޔުވި މަޒުމޫނެއްގެ ތަރުޖަމާ)

ހިއްސާ ކުރައްވާ!