26 ތެރަޕިސްޓުން ހޯދަން އިއުލާނުކޮށްފި

ރާއްޖޭގެ ސިއްހީ ނިޒާމުގައި ދިގުދެމިގެން ގޮސްފައިވާ ފަންނީ މާހިރުންގެ ދަތިކަން ހައްލުކުރުމަށްޓަކައި، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން 26 ތެރަޕިސްޓުން ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް ފެށި މުހިންމު މަސައްކަތެކެވެ.

މި އިއުލާނުގެ ދަށުން ހޯދަނީ 6 ސްޕީޗް ތެރަޕިސްޓުންނާއި، 10 އޮކިއުޕޭޝަނަލް ތެރަޕިސްޓުން އަދި 10 ސައިކޮތެރަޕިސްޓުންނެވެ. މުސާރައިގެ އޮނިގަނޑަށް ބަލާއިރު، ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނަށް 12،000 ރުފިޔާއިން މަތީގެ އަސާސީ މުސާރައެއް ކަނޑައަޅާފައިވާއިރު، ސައިކޮތެރަޕިސްޓުންނަށް 17،000 ރުފިޔާއިން މަތީގެ މުސާރައެއް ލިބޭނެއެވެ.

ރާއްޖޭގައި ތެރަޕީގެ ޚިދުމަތްތަކަށް އޮތް ޑިމާންޑު ބޮޑުވަމުންދާ މި ދަނޑިވަޅުގައި، މިއީ ކުޑަކުދިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، ދިގު މުއްދަތެއްގައި މި ދާއިރާއިން ދިވެހިން ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް ވެސް ރައީސް ވަނީ އިއުލާނުކުރައްވާފައެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ހިއްސާ ކުރައްވާ!