ސިއްހީ ޚިދުމަތްތެރިންނަށް މީސްމީޑިއާގައި ކުރާ ފުރައްސާރަ އިތުރުވަނީ

ސިއްހީ ޚިދުމަތް ދިނުމުގައި ހިނގާ ހާދިސާތަކާއި ގުޅިގެން، މިނިވަން ތަހުގީގެއް ނިމުމުގެ ކުރިން ސިއްހީ ޚިދުމަތްތެރިންނަށް މީސްމީޑިއާގައި އަމާޒުކުރާ ފުރައްސާރައާއި ބިރުދެއްކުމުގެ އަމަލުތައް އިތުރުވަމުންދާތީ، ސިއްހީ މަސައްކަތްތެރިންގެ ޔޫނިއަން (އެމްއެޗްޕީޔޫ)އިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ޚިދުމަތްދޭ ފަރާތްތަކުން މަސައްކަތްކުރަނީ ވަސީލަތް މަދު އަދި ސިޔާސީ ނުފޫޒު ފޯރާފައިވާ ދަތި މާހައުލެއްގައި ކަމަށެވެ. އަދި ހިތާމަވެރި ހާދިސާތަކުގެ ހަގީގަތް ހޯދުމަކީ ބަލިމީހުންގެ ހައްގެއް ކަމަށް ގަބޫލުކުރި ނަމަވެސް، ޒާތީ ގޮތުން ހަމަލާދީ، ޚިދުމަތްތެރިންގެ އާއިލާތަކަށް އުނދަގޫވާ ގޮތަށް އަމަލުކުރުމަކީ ތަހުޒީބު މުޖުތަމައަކުން ފެނިގެންވާނެ ކަމެއް ނޫން ކަމަށް އެ ޔޫނިއަނުން ވަނީ ބުނެފައެވެ.

މި މައްސަލަތައް އިތުރުވުމުގެ އެއް ސަބަބަކީ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގައި ލަސްވުމާއި، ހާމަކަން ބޮޑު ގޮތެއްގައި މައްސަލަތައް ނުބެލުން ކަމަށް ވެސް އެމްއެޗްޕީޔޫއިން ފާހަގަކުރިއެވެ. އެހެންކަމުން، ސިއްހީ ޚިދުމަތްތެރިންގެ ކަރާމާތް ހިމާޔަތްކުރުމަށާއި، މިފަދަ މައްސަލަތައް މިނިވަންކަމާއެކު ބެލުމަށް ނިޒާމުތައް ހަރުދަނާކުރުމަށް ސަރުކާރާއި ހެލްތު މިނިސްޓްރީއަށް އެ ޔޫނިއަނުން ވަނީ ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!