ރަޝިޔާގެ ސަރަހައްދުތަކަށް ޔޫކްރެއިނުން ދެމުންދާ ހަމަލާތަކާ ގުޅިގެން ރައީސް ވްލަޑިމިއަރް ޕޫޓިންއަށް ފިއްތުންތައް ބޮޑުވެފައި ވަނިކޮށް، ރަޝިޔާގެ ސިފައިން ބަލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޔޫކްރެއިންގެ ވެރިރަށް ކިއޭވަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
މި ހަމަލާތަކުގައި މަދުވެގެން 18 މީހުން މަރުވެ، 80 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ހާމަކުރެ އެވެ. ހަމަލާތަކުގެ ސަބަބުން ކިއޭވްގެ އެކި ސަރަހައްދުތަކުގައި ރޯވި އަލިފާންގަނޑުތައް ނިއްވުމަށް ފަޔަރު ފައިޓަރުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާއިރު، ބައެއް އެޕާޓްމަންޓް އިމާރާތްތައް ވަނީ ބިމާހަމަވެފަ އެވެ. އަދި އިމާރާތްތަކުގެ ދަށުގައި ގިނަ ބަޔަކު ތާށީވެފައިވާ ކަމަށް މަސްއޫލުވެރިން ލަފާކުރެ އެވެ.
މި ހަމަލާއަކީ 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް ފުރިހަމަަށް އަރައިގަތް ފަހުން، މިހާތަނަށް ޔޫކްރެއިނުން ތަހައްމަލު ކުރަންޖެހުނު އެންމެ ލޭއޮހޮރުވުން ބޮޑު ބަހާރު މޫސުމުގެ ތެރޭގައި ދިން ފަހުގެ ހަމަލާއެކެވެ. ޔޫކްރެއިނުން ދުރު ރާސްތާގެ ޑްރޯންތަކާއި ކްރޫޒް މިސައިލް ބޭނުންކޮށްގެން ރަޝިޔާގެ އެތެރޭގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކަށާއި އަސްކަރީ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ޕޫޓިން މިހާރު ވަނީ އަސްކަރީ ބާރުގެ ބޭނުން ވަރަށް ބޮޑަށް އިތުރުކުރައްވާފަ އެވެ.
ޔޫކްރެއިންގެ ހަމަލާތަކުގެ ސަބަބުން ރަޝިޔާގެ އެކި ސަރަހައްދުތަކުން ތެލުގެ ދަތިކަން ކުރިމަތިވެފައިވާއިރު، ހަނގުރާމައިގެ ނޭދެވޭ އަސަރުތަކުން ރަޝިޔާގެ ވެރިރަށް މޮސްކޯ ހިމެނޭހެން ބޮޑެތި ސިޓީތައް ސަލާމަތްކުރުމަށް ޕޫޓިން ކުރައްވަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފަ އެވެ.
ހަނގުރާމައިގެ މައިދާނުގައި ޔޫކްރެއިންގެ މައިގަނޑު ހިސާބަކީ، ރަޝިޔާއިން ހިފާ ކޮންމެ ބިމެއްގެ ބަދަލުގައި އެ ގައުމުގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދިނުމާއި، ކްރެމްލިންގެ އިގްތިސާދީ ބުރަ ބޮޑުކުރުމެވެ. ނަމަވެސް ހުޅަނގުގެ އަސްކަރީ މާހިރުން ދެކޭގޮތުގައި، ރަޝިޔާއިން ގަބޫލުކުރަނީ އިންސާނީ އަދި އިގްތިސާދީ ގޮތުން ޔޫކްރެއިނަށް ބޮޑެތި ގެއްލުންތަކެއްދީ، އެ ގައުމުގެ ރައްޔިތުންގެ ހިތްވަރު އެލުވާލައިގެން ހަނގުރާމައިގައި ކުރިހޯދޭނެ ކަމަށެވެ.
ޔޫރަޕަށް ބަލާއިރު، ރަޝިޔާއިން ރޭގެ ވަގުތެއްގައި ދިން މި ވަރުގަދަ ހަމަލާތަކަކީ ހަމައެކަނި އަވަށްޓެރި ގައުމެއްގައި ހިނގަމުންދާ ހަނގުރާމައިގެ ހަނދާނެއް ނޫނެވެ. މިއީ މި ހަމަލާތައް ނޭޓޯގެ ސަރަހައްދަކަށް ފެތުރިގެން ހިނގައްޖެނަމަ، މުޅި ޔޫރަޕްގެ ބައްރުގެ ދިފާއީ ނިޒާމު ބަލިކަށިވެގެންދާނެ މިންވަރު ދައްކުވައިދޭ އިންޒާރެކެވެ. ރޭގެ ހަމަލާތަކުގައި ކިއޭވްގެ ސައިންޓިފިކް ރިސާޗް މަރުކަޒެއް ކަމަށްވާ 'ޕަލާޑިން އިންސްޓިޓިއުޓް އޮފް ބަޔޯކެމިސްޓްރީ' އަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އެ ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތް އިމަޖެންސީ ޓީމުތަކުން ދަނީ ކުރަމުންނެވެ.






