ސޫރަތުލް ޢަންކަބޫތު އިން ލިބޭ ފިލާވަޅު

ކީރިތި ޤުރުއާނުގެ ސޫރަތުލް ޢަންކަބޫތަކީ ހަމައެކަނި ފައިދިގު މަކުނެއްގެ ވާހަކައާއި، ހަމައެކަނި އެސޮރުގެ ގޭގެ ބަލިކަށި ގުޅުންތަކުގެ މައްޗަށް ބިނާވެގެންވާ ސޫރަތެއް ނޫނެވެ. މި ސޫރަތާ މެދު މުޅިން ތަފާތު ޒާވިޔާއަކުން ނަޒަރު ހިންގާލާއިރު މުޅި ސޫރަތުން ލިބޭ މެސެޖަކީ އިންސާނާގެ ނަފްސާ ﷲ މުޚާތަބު ކުރައްވާ ބަސްފުޅެވެ.

އެ ބަސްފުޅު މުޚާޠަބު ކުރެވެނީ ސީދާ އިންސާނާގެ ނަފްސަށެވެ! އެއީ، ތިބާއަށް ކުރިމަތިވާ އިމްތިޙާންތަކާއި، ޙާލަތްތައް ބަދަލުވެގެންދާ ބުރަ އުނދަގޫ ދުވަސްތަކާ ބެހޭ ވާހަކައެވެ. މި ސޫރަތް ފެށިގެން އަންނަނީ ބޮޑުވެގެންވާ ސުވާލަކުންނެވެ. الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ.

أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ ٢
މީސްތަކުން ތިމަންމެން إيمان ވެއްޖައީމުއޭ ބުނުމުން، އެއުރެން امتحان ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟ (29:2)

މި އާޔަތުން އަޅުގަނޑުމެންނަށް އަންގައިދެނީ، ދިރިއުޅުމުގައި ދިމާވާ އިމްތިޙާންތަކަކީ މި ދިރިއުޅުމުގެ ދަތުރުގެ ބައެއް ކަމެވެ.

މި ސޫރަތުގައި ވާހަކައަކަށްފަހު ވާހަކައެއް، އަދި ނަބީބޭކަލަކަށްފަހު ނަބީބޭކަލެއްގެ ވާހަކަ ބަޔާން ކޮށްދެއްވާފައި ވެއެވެ. ނޫޙުގެފާނާއި، އިބްރާހީމްގެފާނާއި، ލޫޠުގެފާނާއި، ޝުޢައިބުގެފާނު ފަދަ ބޭކަލުންގެ ވާހަކަތަކުން ﷲ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވަނީ، ޙަޔާތުގައި ސާބިތުކަން ލިބެނީ ދިރިއުޅުމުގެ ފަސޭހަކަމުން ނޫން ކަމެވެ. މިއިން ކޮންމެ ބޭކަލަކީވެސް އިމްތިހާނު ކުރެވުނު ބޭކަލެކެވެ. މި ވާހަކަތަކުގެ މެސެޖަކީ، އިންސާނާއަށް ސާބިތުކަން ލިބެނީ الله عز وجل އާއެކު އޮންނަ ގުޅުން ވަރުގަދަކޮށްގެން ކަމެވެ.

وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَـٰذِبِينَ ٣
އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (أمّة ތަކުގެ) މީހުން، ތިމަންރަސްކަލާނގެ امتحان ކުރެއްވީމެވެ. ފަހެ (إيمان ކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ. (29:3)

މީގެ އިތުރުން، މި ސޫރަތުގައި ފިރުޢައުނާއި، ޤާރޫނާއި، ހާމާނުގެ ވާހަކަ ގެންނަވައި، އެބައިމީހުން ﷲ ފިޔަވައި އެހެން ފަރާތްތައް އެހީތެރިންގެ ގޮތުގައި ހިފި ގޮތް ވެސް ބަޔާން ކުރައްވާފައިވެއެވެ. އޭގެ ފަހުން ފައިދިގު މަކުނުގެ މިސާލު ޖައްސަވާފައިވަނީ ހަމައެކަނި ފައިދިގު މަކުނަކީ ބަލިކަށި އެއްޗެއްކަން އެންގުމަށް އެކަންޏެއް ނޫނެވެ. އޭގެ ޙަޤީޤީ ބޭނުމަކީ، ﷲ ފިޔަވައި ތިބާ ބަރޯސާވާ ކޮންމެ އެއްޗަކީ، ދުރުން ބަލާއިރު ކިތަންމެ ވަރުގަދަ އެއްޗެއްގެ ގޮތުގައި ފެނުނު ކަމުގައި ވިޔަސް، ފުރަތަމަ ކުރިމަތިވާ އިމްތިޙާނާއެކު ވެއްޓި ފުނޑުފުނޑުވެގެން ހިނގައިދާނެ އެއްޗެއްކަން ހަނދާންކޮށްދިނުމެވެ.

مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًۭا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ ٤١
اللَّه ފިޔަވައި، އެހީތެރިންތަކެއް ލިބިގަތް މީހުންގެ މިސާލީ، ގެއެއް ހަދައި ބޭނުންކުޅަ، ފައިދިގުމަކުނުގެ މިސާލެވެ. ހަމަކަށަވަރުން، ގެތަކުގެ ތެރެއިން އެންމެ ދެރަވަރު ގެއަކީ، ފައިދިގުމަކުނުގެ ގެކަން ކަށަވަރެވެ. އެކަން އެއުރެން ދަންނަނަމައެވެ. (29:41)

ސޫރަތުލް ޢަންކަބޫތުން ލިބޭ އެންމެ ބޮޑު ފިލާވަޅު އެންމެ ޖުމްލައަކުން ކުރުކޮށްލާނަމަ ދަންނަވަން އޮތީ މިއެވެ. ދިރިއުޅުމުގައި ކިތަންމެ ބޮޑު ތޫފާނެއް ކުރިމަތިވި ކަމުގައި ވިޔަސް، ބަރޯސާ ކުރަންވީ ހަމައެކަނި ﷲއަށެވެ. ސަބަބަކީ، ﷲ އެމީހެއްގެ ވާގިވެރި ފަރާތް ކަމުގައި ވެއްޖެ މީހަކު، ދުވަހަކުވެސް އެކަނިވެރިއެއް ނުވާނެއެވެ.

وَٱلَّذِينَ جَـٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ ٦٩
ތިމަންރަސްކަލާނގެ މަގުގައި جهاد ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، إحسان ތެރިންނާ އެކުގައިކަން ކަށަވަރެވެ. (29:69)

ހިއްސާ ކުރައްވާ!