ކީރިތި ޤުރުއާނުގެ އަކުރުތަކާއި ޢަދަދުތަކުގެ އަޖައިބެއްފަދަ ގުޅުން: ތިކިތަކުގެ މައްޗަށް ބަލާލުމެއް

ކީރިތި ޤުރުއާނަކީ ކޮޅުން ނުލާނޭފަދަ ބޮޑެތި މުޢުޖިޒާތްތަކުން ފުރިގެންވާ ފޮތެކެވެ. އެ ފޮތުގެ މުޢުޖިޒާތްތައް ބިނާވެގެން ވަނީ ހަމައެކަނި ބަލާޣާތްތެރިކަމާއި، ޢިލްމީ ހޯދުންތަކާއި، ޣައިބުގެ ޚަބަރުތަކުގެ މައްޗަށް އެކަންޏެއް ނޫނެވެ. އެކި ޒަމާންތަކުގައި ޢިލްމުވެރިންނާއި ދިރާސާކުރައްވާ ބޭފުޅުން ވަނީ ކީރިތި ޤުރުއާނުގެ ހިތްގައިމު ކުދިކުދި ނުކުތާތައްވެސް ސަމާލުކަން ދެއްވާފައެވެ.

މިފަދަ އެއް އަޖާއިބަކީ، ޢަދަދާއި އަކުރުގެ ހިތްގައިމު ސިފަތައް ކަމަށް ޢިލްމުވެރިންގެ މެދުގައި މަޝްހޫރުވެފައިވާ ކަމެވެ. އެއީ ބަސްތައް ބިނާވުމާއި އޭގެ މާނައާ ދެމެދުގައިވާ އަޖައިބެއްފަދަ ގުޅުމެކެވެ.

އަޚަކު ވަޓްސްއަޕުން ހިއްސާ ކޮށްލި މިފޮޓޯއިން ހައިރާންވިއެވެ!

މިއާޔަތަކީ، إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًۭا ޔޫސުފް ސޫރަތުގެ 4 ވަނަ އާޔަތެވެ.

إِذْ قَالَ يُوسُفُ لِأَبِيهِ يَـٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًۭا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَـٰجِدِينَ ٤
يوسف ގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް سجدة ކުރާތީއެވެ. (12:4)

މި އާޔަތުގައިވާ ޖުމްލަ ތިކިތަކުގެ ޢަދަދަކީ ކޮބައި ހެއްޔެވެ؟

  1. (إني): ނޫނު (ن) އަކުރުގައި 1 ތިކި، އަދި ޔާ (ي) އަކުރުގައި 2 ތިކިއެވެ. (ޖުމްލަ = 3 ތިކި)
  2. (رأيت): ޔާ (ي) އަކުރުގައި 2 ތިކި، އަދި ތާ (ت) އަކުރުގައި 2 ތިކިއެވެ. (ޖުމްލަ = 4 ތިކި)
  3. (أحد): މީގެ އެއްވެސް އަކުރެއްގައި (އަލިފް، ޙާ، ދާލް) ތިއްކެއް ނުހުރެއެވެ. (ޖުމްލަ = 0 ތިކި)
  4. (عشر): ޝީނު (ش) އަކުރުގެ 3 ތިކިއެވެ. (ޖުމްލަ = 3 ތިކި)
  5. (كوكباً): ބާ (ب) އަކުރުގެ 1 ތިކިއެވެ. (ޖުމްލަ = 1 ތިކި)

މި ހުރިހައި ތިކިތަކެއްގެ ޖުމްލަ އެއްކޮށްލުމުން: މުޅި ޖުމްލަ ނަތީޖާއަކީ ސީދާ އެގާރަ (11) ތިއްކެވެ! މިއީ ޔޫސުފް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ހުވަފެންފުޅުގައި "ހަމަކަށަވަރުން ތިމަންކަލޭގެފާނަށް އެގާރަ ތަރި ފެނިވަޑައިގެންފިއެވެ" ވިދާޅުވި އިރު ބޭނުންކުރެއްވި ސީދާ ޢަދަދެވެ.

ތާރީޚީ ގޮތުން ތިކިތައް އުފެދިގެން އައި ގޮތް

ތާރީޚީ ގޮތުން ބަލާއިރު، އެންމެ ފުރަތަމަ ލިޔެވުނު ޢުޘްމާނީ މުޞްޙަފްތައް ލިޔެވިފައިވަނީ ތިކިތަކާއި ފިލިތައް ޖަހައިގެނެއް ނޫނެވެ. މުޞްޙަފްތަކަށް ތިކިޖެހުމާއި ފިލިޖެހުން (ޢަރަބި ބަހުން ބުނާނަމަ الإعجام والضبط) ތަޢާރަފުވީ ފަހުގެ މަރުޙަލާތަކެއްގައެވެ. އެ މަރުޙަލާތަކަށް ކުރުކޮށް ބަލާލާއިރު:

  • އަބުލް އަސްވަދު އައްދުއަލީގެ ދައުރު:
    ޢަރަބި ބަސް ނޫން ބަސްބަހުން މޮށެއުޅޭ މީހުން އިސްލާމްވާން ފެށުމުން، ޤުރުއާން ކިޔެވުމުގައި ކުށްތައް ކިޔެން ފެށުނެވެ. މިކަން ޙައްލުކުރެއްވުމަށްޓަކައި، ޚަލީފާ ޢަލީގެފާނުގެ އަމުރުފުޅަށް އަބުލް އަސްވަދު އައްދުއަލީ އެންމެ ފުރަތަމަ ފިލިޖެހުމުގެ ނިޒާމެއް ތަޢާރަފުކުރެއްވިއެވެ.
    އެކަލޭގެފާނު ބޭނުންކުރެއްވީ ރަތްކުލައިގެ ތިކިތަކެކެވެ. އަކުރެއްގެ މަތީގައި ރަތް ތިއްކެއް ޖަހައިފިނަމަ އެއީ އަބަފިލި އެވެ. ތިރީގައި ޖަހައިފިނަމަ އެއީ އިބިފިލި އެވެ. ކުރީގައި ޖަހައިފިނަމަ އެއީ އުބުފިލި އެވެ. އަދި ދެ ތިކި ޖަހައިފިނަމަ އެއީ ތަންވީން އެވެ.
  • ޙައްޖާޖު ބިން ޔޫސުފުއްޘަޤަފީގެ އިރުޝާދު:
    އަބުލްއަސްވަދުގެ މަސައްކަތުން ފިލީގެ މައްސަލަ ވަކިވަރަކަށް ޙައްލުވީ ނަމަވެސް، އެއްބައްޓަމަކަށް ހުންނަ އަކުރުތައް (މިސާލަކަށް: (ب)، (ت)، (ث) ވަކިކުރާނޭ ގޮތެއް ނެތުމުން އޮޅުން އަރަމުންދިޔައެވެ. އެހެންކަމުން، ޢިރާޤުގެ ގަވަރުނަރު ޙައްޖާޖު ބިން ޔޫސުފް، އޮޅުމެއްނެތި ޤުރުއާން ކިޔެވޭނެ ގޮތެއް ހެއްދެވުމަށް ޢިލްމުވެރިންނަށް އަމުރުކުރެއްވިއެވެ.
  • ނަޞްރު ބިން ޢާޞިމް އަދި ޔަޙްޔާ ބިން ޔަޢުމުރުގެ މަސައްކަތް:
    މި ދެ ބޭކަލުންނަކީ، އަބުލްއަސްވަދުގެ ދެ ދަރިވަރުންނެވެ. ޙައްޖާޖުގެ އަމުރުފުޅަށް ނަޞްރު ބިން ޢާޞިމް އަދި ޔަޙްޔާ ބިން ޔަޢުމުރު ކުރެއްވި ކަމަކީ، އަކުރުތައް ވަކިކުރުމަށްޓަކައި އަކުރުގެ މަތީގައްޔާއި ތިރީގައި ލިޔާނެ ކަޅުކުލައިގެ ތިކިތަކެއް އީޖާދުކުރެއްވުމެވެ. މިސާލަކަށް: އެއް ބައްޓަމަކަށް ހުރި ތިން އަކުރުގެ ތެރެއިން އެއް ތިކި ތިރީގައި ޖަހައިގެން (ب)، ދެ ތިކި މަތީގައި ޖަހައިގެން (ت)، އަދި ތިން ތިކި މަތީގައި ޖަހައިގެން (ث) ވަކިކޮށްދެއްވިއެވެ.

މި މަސައްކަތުގެ މާ ފަހުން، ވަޑައިގެންނެވި ޚަލީލް ބިން އަޙްމަދު އަލްފަރާހީދީ ވަނީ ރަތް ތިކިތަކުގެ ބަދަލުގައި މިއަދު އަޅުގަނޑުމެން މިބޭނުންކުރާ ފިލިތަކުގެ ރީތި ނިޝާންތައް އީޖާދު ކޮށްދެއްވާފައެވެ.

އަކުރުތަކުގެ ތިކިޖެހުމުގެ ޢިލްމު ސާބިތުވެ ބަދަލުނުވާ ގޮތްވުމަށްފަހު، އާޔަތުގެ ލަފުޒުން ދޭހަވާ ޢަދަދާއި (ޢަދަދު 11)، އޭގެ އަކުރުތަކުގެ ތިކިތަކުގެ ޖުމްލަ ޢަދަދު ކަމަށްވާ (11 ތިކި) އާ ދެމެދު މިފެންނަ އެއްގޮތްކަމަކީ، ސާފު މުޢުޖިޒާތެކެވެ. ޔޫސުފް ޢަލައިހިއްސަލާމްގެ ހުވަފެންފުޅުގައި ތިކިތަކުގެ ޢަދަދު، ލަފުޒުން ވިދާޅުވާ ޢަދަދާ ދިމާވުމަކީ އިލާހީ ފުރިހަމަ ނިޒާމުގެ ހެއްކެކެވެ. (ޝކުރިއްޔާ! އނ)

ހިއްސާ ކުރައްވާ!