ހިމަބިހި އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ލިސްޓުގެ ތިންވަނައަށް ރާއްޖެ:

މި ސަރަހައްދުގައި ހިމަބިހި (މީސަލްސް) އެންމެ ބާރަށް ފެތުރެމުންދާ ގައުމުތަކުގެ ލިސްޓުގެ ތިންވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ. ރާއްޖެއިން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ މި ބަލި، މޭ މަހުގެ 13 ވަނަ ދުވަހު މާލޭ ސަރަހައްދުން އަލުން ފެނުމަށްފަހު، މިހާރު މި ވަނީ ކޮންޓްރޯލް ނުވެ ފެތުރެން ފަށާފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 72 އަށް އަރާފައެވެ. މިއީ ރާއްޖެއިން ހިމަބިހި ނައްތާލި ފަހުން، އެންމެ ގިނަ އަދަދަކަށް މީހުންނަށް މި ބަލި ޖެހުނު ފުރަތަމަ ފަހަރެވެ.

  1. ބަންގްލަދޭޝް: އެންމެ ބާރަށް ބަލި ފެތުރޭ ގައުމު.
  2. އިންޑިއާ: ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ގައުމު.
  3. ރާއްޖެ: ލިސްޓުގެ ތިންވަނައިގައި.

ހިމަބިއްސަކީ ވަރަށް އަވަހަށް ގައިން ގަޔަށް އަރާ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔަކަށްވާތީ، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް އެޗްޕީއޭއިން ވަނީ ފަށާފައެވެ.

މީގެ ކުރިން 2023 ވަނަ އަހަރު ވެސް ރާއްޖެއިން މި ބަލީގެ ކޭސްތަކެއް ފެނިފައިވީ ނަމަވެސް، މި ފަހަރުގެ ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ހިސާބުތަކުން ދައްކައެވެ. އެހެންކަމުން، ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ކުޑަކުދިންނަށް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!