ބަޝީރު، ޑޮކްޓަރު ގޮވައިގެން، ހަނި ކޮރިޑޯތަކުގެ ތެރެއިން ހިނގާފައި ގޮސް، މޫސާފުޅުގެ ބަލި އެނދު ކައިރިއަށް ގެންދިޔައެވެ. ޑޮކްޓަރު އޭނާގެ ފަހަތުން ވަރަށް ފަރުވާތެރިކަމާއެކު ހިނގަމުން ގޮސް، ހިރަފުސްބޯ، ވައި ނުސާފު އަލި ފަނޑު ކޮޓަރިއަކަށް ވަނެވެ. ފާރުގައި އިން ފެންލައިޓުން އިރުގެ ފަނޑު އަލިކަމެއް ކޮޓަރި ތެރެއަށް ފޯރައެވެ.
ކޮޓަރީގައި ހުރި ފަރުނީޗަރުތައް މަދެވެ. އެ ތަކެތީގެ ފޮތިގަނޑުގެ ކުލައިން އޭގެ އުމުރު ފާހަގަ ކޮށްލެވެއެވެ. އެތާނގައި އެންމެ ފާހަގަކޮށްލެވޭ އެއްޗަކީ އެ މީހަކު އެތާނގައި އެ ގޮތަށް އޮންނަތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމެވެ. އެ ކޮޓަރީގެ އެންމެ ޚާއްސަ އެއްޗަކީ ހަލާކުވެފައިވާ އަލަމާރިއެކެވެ. އެ އަލަމާރީގެ ބޭރުފުށުން ފެންނަ ހާލަތަކީ އޭގެ އެތެރޭގައި ފޮރުވިފައިވާ އެއްޗެއްގެ އަގުހުރިކަމުގެ ހެއްކެއް ނޫނެވެ.
މޫސާފުޅުއަކީ އަބަދުވެސް ދިރިއުޅުމުގައި ސާބިތު މީހެކެވެ. ބެންކޮކަށް ގިނަ ދަތުރުކުރި މީހެކެވެ. ދެ ނަމާދު ދޭތެރޭ ތާކިހާ އަޅައިގެން ކަންފަތަށް ފޯނު ޖަހައިގެން ބިޓިންގައި އުޅުނު މީހެކެވެ.
އޭނާގެ އަތު ޖެހޭ އެއްޗެއް އޭނާ ދުލެއް ނުކުރެއެވެ. ބައްކުރުމަށް ދެވިހިފާހައި ހުންނަ މީހެކެވެ. ފައިސާއެއް ނުވަތަ އަގުހުރި އެއްޗެއް އަތުޖެހިއްޖެނަމަ، އެ އެއްޗެއް އޭނާގެ ލޯބިވާ އަލަމާރިއަށް ލައި، އެއަށް ރައްކާތެރިކަން ދީ، އަމިއްލައަށް އެއްވެސް ކަމަކަށް ބޭނުން ނުކޮށް އެއްޗެއް ހިފަހައްޓައެވެ.
ޑޮކްޓަރު ބަލިމީހާގެ ވިންދު ޗެކްކޮށް، ނޭވާލާ އަޑުއަހައި ކަށިގަނޑުން މޭމަތީގައި ފިއްތާލިއެވެ. އާދައިގެ މަތިން ޑޮކްޓަރުން ކޮށް އުޅޭ ހަރަކާތްތަކެވެ.
އިރުކޮޅަކުން ޑޮކްޓަރު ބަލިމީހާގެ ގައިމަތީގައި ފޮތިގަނޑު އަޅައި ލުމަށްފަހު، ބަޝީރުގެ އަތުގައި ހިފިއެވެ.
ކޮޓަރިން ނުކުންނަމުން، މޫސާފުޅުގެ މަރު ގާތްވެއްޖެ ކަމަށާއި، މި ފަނާވަނިވި ދުނިޔޭގައި އޭނާއަށް ބާކީ އޮތީ އެންމެ ދެ ގަޑިއިރު ކަމަށް ވަރަށް ސީރިއަސްކަމާއެކު ޑޮކްޓަރު ބުންޏެވެ.
ޑޮކްޓަރު އެތަނުން ބޭރުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، ބަޝީރު އަވަސްއަވަހަށް ސިޑިން މައްޗަށް އަރައި އޭނާގެ ސާހިބު ކަމަނާއަށް މި ޚަބަރު ދިނެވެ.
މި ދެމަފިރިން އުންމަތަށް ބަހެއް ނުބުނެ އުޅޭތާ ޒަމާނެއް ވެއްޖެއެވެ. އަދި ވަރިވެފައި ތިބޭތާ އެއަށް ވުރެންވެސް މާގިނަ ދުވަސް ވެއްޖެއެވެ.
ބަޝީރުގެ ބަރުހެލި ހަށިގަނޑު ކޮންމެ ފިޔަވަޅަކަށްފަހު ގުނބު ހިލެމުން ދިޔައެވެ. ސާހިބު ކަމަނާގެ ކޮޓަރިއަށް ވަންއިރު، އެކަމަނާ އިންނެވީ މުސައްލައެއްގެ މަތީގައި އިށީނދެގެން، ތަޖުވީދަށް ޤުރުއާން ކިޔަވަން ދަސްކުރާށެވެ.
އެކަމަނާގެ ކައިރީގައި ޙަފީޒާ މިސް، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވާތޯ ވަރަށް ސަމާލުކަމާއެކު އަޑުއަހަން އިންނެވިއެވެ.
ބަޝީރު ހުރިކަން އެނގުމުން، ސާހިބު ކަމަނާ އެކަނބުލޭގެ ރަންކުލައިގެ އައިނު ނަގައި، ޤުރުއާނުން އިސްއުފުލައި ބަލައި ލިއެވެ.
"ޑޮކްޓަރު އައިސްފިތަ؟" ސާހިބު ކަމަނާ ސުވާލުކުރިއެވެ.
"އާދެ، ސާހިބާ،" ބަޝީރު ގުނބުހިލެމުން ޖަވާބު ދިނެވެ. "އަދި މިހާރު އޭނާ ހިނގައްޖެ."
"ކީކޭ ބުނީ؟"
ނިތްކުރިން އޮށްދާ ފޮހެލަމުން، ނޭވާ ހަމައަކަށް އަޅުވަމުން، ބަޝީރު އިސްޖަހާލައިގެން ހުރެ، ހިތާމަވެރި ރާގަކަށް ބުންޏެވެ. "މޫސާ..ޅު މަރުވަނީ."
"އޭނާ މަރުވީތަ؟" ކަމަނާގެ އަޑުން ކަނބޮޑުވެފައިކަން އިވުނެވެ.
"އޭނާ ދަނީ ފަހު ނޭވާތައް ދޫކުރަމުން."
ކަމަނާގެ ދެ ލޯ ތެމެން ފެށިއެވެ. އެކަމަނާ އަވަހަށް ފޮތިކޮޅަކުން ކަރުނަތައް ފޮހެލަމުން، "އިންނާ ލިއްލާހި ވަ އިންނާ އިލައިހި ރާޖިޢޫން،" އޭ ބުނެލިއެވެ.
ޙަފީޒާ މިސް ތަންކޮޅެއް ބާރު އަޑަކުން ބުންޏެވެ. "މޫސާފުޅުގެ ރޫޙަށްޓަކައި ފާތިޙާ ކިޔަވާށެވެ."
އެ ތިން މީހުން އިސްޖަހައިގެން ތިބެ އެކުގައި ފާތިހާ ކިޔެވިއެވެ. ފާތިހާ ކިޔަވައި ނިމުމުން، ބަޝީރު އޭނާގެ ގަޑިއަށް ބަލާލިއެވެ. ގަޑިން ދިހައެއް ޖެހީއެވެ.
"މޫސާފުޅު މަރުވާނީ މެންދުރުން އަނބުރާ ފަހުން،" އޭނާ ހިތާހިތާ ބުނެލިއެވެ.
ބަޝީރު އެނބުރި ބަލިމީހާގެ ކޮޓަރިއަށް ގޮސް، ދޮރުމަތީގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އަދި ކޮޓަރި ތެރެއަށް ބަލަހައްޓަން އިނެވެ. އެއަށްވުރެ މުހިންމު ކަމަކީ އެ ކޮޓަރީގައި ހުރި އަގުހުރި އަލަމާރި ބަލަހައްޓައިގެން ހުރުމެވެ.
އޭނާ އެނދާ ދިމާއަށް ބަލާލިއެވެ. މޫސާފުޅު ހޭނެތިއްޖެއެވެ. "الله އިރާދަކުރެއްވި ކަމެއް މެދުވެރިވާނެ،" ބަޝީރު މަޑުމަޑުން ބުންޏެވެ.
އޭނާ އެތާ އިނދެ، އެ ބަލިމީހާގެ މާޒީއާ މެދު ވިސްނާލިއެވެ. އޭނަގެ ބެންކޮކް ދަތުރުތަކުން ގެންނަ ހަދިޔާ ތަކާ މެދު ވިސްނާލި އެވެ. ފިހާރައަށް ގެންނަ މުދާތަކާ މެދު ވިސްނާލިއެވެ.
ބަޝީރު ކުޑަކުއްޖެއްގެ ގޮތުގައި އެ ގެއަށް ގެނެސް، މޫސާފުޅުގެ ބެލުމުގެ ދަށުން ބޮޑުކުރި ގޮތް ހަނދާނަށް އައެވެ. އޭނާ ބޮޑުވެ، އިތުބާރު ހުރި ޚާދިމަކަށްވެ، ފިހާރައިގެ ބޮޑު ސޭޓަށްވެ ބޮޑު ނުފޫޒެއް ހޯދިއެވެ. ދެމަފިރިންގެ ވަރިއަށް ފަހުވެސް ކަމަނާގެ ކޮޓަރިއަށް ވަދެވޭ ހަމައެކަނި ފިރިހެނަކީ އޭނާއެވެ. ގޮނޑިއަކަށް ނައަރައި އެ ކޮޓަރީގެ ފަންކާތައް ބަޝީރަށް ފަސޭހައިން ފޮހެލެވޭތީއެވެ.
މުސާފުޅު މަރުވާން އުޅޭ ޚަބަރު އެ ގެގޭގެ ޚާދިމުންނާއި ފިހާރައިގެ މުވައްޒަފުންގެ މެދުގައި ފެތުރިއްޖެއެވެ. އެންމެން އެކި ދިމަދިމާއިން އެއްވެ، ޚަބަރު ޔަގީން ކުރަން އުޅުނެވެ. ނަމަވެސް ބަޝީރު ދޮރުމަތީގައި ހުރެ، ކައިރިއަށް އަންނަން އުޅޭ އެންމެން ދުރުކުރަމުން ދިޔައެވެ.
އެކަކަށް ފަހު އަނެކަކު އޭނާގެ ކައިރިއަށް އައިސް، ކަންބޮޑުވުމާއެކު ސުވާލުކުރެއެވެ. "މޫސާފުޅު މަރުވީތަ؟"
ބަޝީރު ހިތްހަމަޖެހުމާއެކު ބުންޏެވެ. "އޭނާ ދަނީ ފަހު ނޭވާތައް ދޫކުރަމުން."
އެންމެ ފަހުން، މި ޚަބަރު ގޭގެ ކުރީގެ މުސްކުޅި ބޮޑުކައްކާ، މަންސޫރުއަށް ލިބުނެވެ. އޭނާއަކީ މިހާރު ރިޓަޔާވެފައިވާ އަޅުކަމުގައި އިންނަ މީހެކެވެ. އަބަދުވެސް ތަސްބީހަ އަތަށްލައިގެން ހުންނަ މީހެކެވެ. އަބަދުވެސް ދުއާކުރުން މަތީ ހުންނަ މީހެކެވެ. އެތަނަށް އައިސް، ބަޝީރުގެ ކައިރީގައި އިށީނދެ، ޔާސީނު ކިޔަވަން ފެށިއެވެ.
ބަޝީރު، އެ މުސްކުޅި ކައްކާއާ ދޭތެރޭ ކޮންމެވެސް ވަރެއްގެ ލޯތްބެއް ހުންނާތީ، އޭނާއާ ކައިރިވެފައި މަޑުމަޑުން ބުންޏެވެ. "މޫސާފުޅު ވަރަށް އަވަހަށް މަރުވާނެ. އޭނާގެ ތަކެއްޗާ ދޭތެރޭ އަހަރުމެން ހަދާނީ ކިހިނެއް؟ އެތަކެތި ގެންގުޅޭ މީހުންނާއި ފިހާރައިގައި އުޅޭ ކުދިންނަށް ބެހުން އެންމެ ރަނގަޅުވާނެތަ؟"
މުދަލުގެ ވާހަކަ ދެއްކުމުން، މަންސޫރުގެ ދެ ލޯ ދިއްލުނެވެ. އޭނާ ތުނބުޅި ވިނަވައި ލުމަށްފަހު، ހިނިތުންވެލާފައި ބުންޏެވެ. "ކަލޭގެއަށް ފެންނަ ގޮތަކަށް ހަދާ."
ބަޝީރު ބޯޖަހައިލިއެވެ. "އަހަރެން ކަލޭގެއަށް ރަނގަޅު ފައިވާނަކާއި، އާ ހެދުމަކާއި، މުންޑެއް ދޭނަން."
ކައްކާ މަންސުރު ހިތްހަމަޖެހިފައި ބުންޏެވެ. "ކަލެއަށް ފެންނަ ގޮތަކަށް ހަދާ. އަހަރުމެން އެންމެން ކަލޭގެ އިންސާފަށް އިތުބާރު ކުރަމު. އެކަމަކު ކަލޭގެ ހިއްސާ ހަނދާން ނައްތާނުލާތި."
"މަށަށް އެއްވެސް އެއްޗެއް ބޭނުމެއް ނޫން،" ބަޝީރު ދީންވެރި، އެދުމުން އެއްކިބާވެފައިވާ ރާގަކަށް ބުންޏެވެ. "އަހަރެން ހަމައެކަނި ފައިސާ ނަގައިގެން ސާހިބު ކަމަނާއާ ހަވާލުކުރާނީ. އެއާމެދު ގޮތެއް ނިންމާނީ އެކަމަނާ."
އެމީހުންގެ ވާހަކަ އެހެން މީހަކަށް އަޑުއިވުނެވެ. ފިހާރައިގައި ވިކުރާ ބަލަހައްޓާ މުހައްމަދު އެވާހަކަ އަޑުއަހަން ހުރެފައި ކައިރިއަށް އައިސް ބަޝީރު ގާތު ވާހަކައެއް ބުންޏެވެ. "ވެރިޔާ، އަހަރެން ހަނދާން ނައްތާނުލާނެ ކަމަށް އުންމީދުކުރަން."
"މުހައްމަދު، ކަލޭ ހަނދާން ނައްތާނީ ކިހިނެއް؟" ބަޝީރު ޔަގީންކޮށްދިނެވެ. "މޫސާފުޅުގެ ހުރިހާ ފަޓުލޫނެއް ކަލެއަށް ލިބޭނެ. އޭނާ އެއީ ރީތި ފަޓުލޫނު ގެންގުޅޭ މީހެއް، އެހެންވެ އެތައް ބައިވަރު ފަޓުލޫނެއް އޭނާ ގެންގުޅޭ."
މުހައްމަދުގެ މޫނު އުފަލުން ދިއްލުނެވެ. "الله ކަލެއަށް ބަރަކާތް ލައްވާށި! އެކަމަކު ހުދު ގަމީހެއްވެސް މަށަށް ދޭންވާނެދޯ؟"
"އެކަންވެސް ހަމަޖެހޭނެ،" ބަޝީރު އެއްބަސްވިއެވެ. "އެއީ ކަލޭގެ އެއްޗެއް."
ޝުކުރުވެރިކަމާއެކު، މުހައްމަދު، ބަޝީރުގެ ކޮނޑުގައި ޖެހުމަށްފަހު، އަވަހަށް އެތަނުން ދިޔައީ އުފަލުން ހުރެއެވެ.
ދެން އައީ ގޭގެ ރުއް އަރަން އުޅޭ އަމީނުއެވެ. އޭނާގެ އަޑު ތުރުތުރުއަޅަމުން ބުންޏެވެ. "އަހަރެން މި މަރުވާ މޫސާ..ޅަށް އެތައް އަހަރެއް ވަންދެން ވަފާތެރިކަމާއެކު ޚިދުމަތް ކޮށްފިން. އަހަރެންނަށް ވެސް ހިއްސާއެއް ލިބެންވާނެ ދޯ؟"
"މޮޔަ މީހާ! އަހަރެން ކަލޭ ހަނދާން ނައްތާލީ ކަމަށް ހީކުރީތަ؟" ބަޝީރު ނުރުހިފައި ބުންޏެވެ. އެކަމަކު ކޮންމެވެސް ވަރެއްގެ މަޖާކަމެއް އޭނާގެ އަޑުގައި ހުއްޓެވެ.
ހިތްހަމަޖެހިފައި، އަމީނުގެ އަޑު މަޑުވިއެވެ. "ކަލޭ މަށަށް ދޭ އެއްޗަކުން އަހަރެން ހިތްހަމަޖެހޭނެ. ރީތި ގަމީހެއް ބަލާތި…"
މިހެން ބުނުމުން، އަޑުއަހަން ހުރި މަންސޫރުއަށް ކެތްނުކުރެވުނެވެ. "ކަލޭ އެކަނި ހުރިހާ އެއްޗެއް ނަގަން އުޅެނީތަ؟ ބަޝީރަށް ގޮތް ނިންމަން ދޫކޮށްލާ. އެތައް ބަޔަކު އެބަ ތިބި. ސޮލަވާތް ފާތިހާ ކިޔަވާ މީހާ ކޮބާ؟ ފިހާރަ ސާފުކުރާ ސޮރު ކޮބާ؟ އޮޑި ބަލަހައްޓާ މީހާ ކޮބާ؟"
އެވަގުތު، ބަލި އެނދުން ބަލިކަށި، ކެނޑިކެނޑިގެން އަންނަ އަޑެއް އިވުނެވެ. އެންމެން ހައިރާންވެފައި އެކަކު އަނެކަކަށް ބަލާލިއެވެ. މޫސާފުޅު ގޮވަނީއެވެ.
ބަޝީރު ކައިރިއަށް ދިޔައެވެ. މަރުވަމުންދާ މީހާ އޭނާގެ އަތުގައި ބާރަށް ހިފިއެވެ. "ޑޮކްޓަރު ބުނީ ކީކޭ؟" އޭނާ ނޭވާ ކުރުވަމުން ބުންޏެވެ. "މަގޭ ސާމާނުކޮޅު ބަހަން އުޅޭ އަޑު އިވުނު."
ބަޝީރު ޖެހިލުންވެފައި ހުރެ، ކޮންމެވެސް އެއްޗެއް ބުނެ ހިތްހަމަޖައްސައިދޭން އުޅުނެވެ. މޫސާފުޅުގެ މޫނު ހިތާމައިން ހުތުރުވެ، ހަށިގަނޑު ގަދައަށް ތުރުތުރުލައި، ފަހު ފަހަރަށް ކެއްސާލުމަށްފަހު ހޭނެތުނެވެ.
ކޮޓަރި ތެރޭގައި ހަމަހިމޭންކަން ވެރިވިއެވެ. އެންމެންގެ ނަޒަރު ބަޝީރަށް ހުއްޓުނެވެ. މަންސޫރު މަޑުމަޑުން ގޮސް ބާލީސް ދަށުން ތަޅުދަނޑިއެއް ނެގިއެވެ. އޭނާ އެ ތަޅުދަނޑި ވަރަށް އިހުތިރާމާއެކު ބަޝީރަށް ދިނެވެ.
ތަޅުދަނޑި ލިބުމާއެކު، އެންމެން އަލަމާރިއާ ދިމާލަށް ދުއްވައިގަތެވެ. އެމީހުންގެ ހަލަބޮލިކަމުގެ ތެރޭގައި އަލަމާރި ވެއްޓި، އޭގައި ހުރި ތަކެތި ބިންމައްޗަށް ފައިބައިގެން ދިޔައެވެ. އެންމެން ހޭބޯނާރައި ތިބެގެން، އަތުޖެހުނު އެއްޗެއް ނަގަން އުޅުނެވެ. އެކަކު އަނެކަކާ ލެފި، އަޑުގަދަކޮށް އެއްޗެހި ކިޔަން ވެސް ފެށިއެވެ.
ފައިސާ ކޮތަޅު ގެއްލިދާނެތީ، ބަޝީރު މުށްކަވައިގެން، އުޅަބޮށިން ތަޅަމުން، އެ މީހުންގެ ތެރެއިން ނުކުމެ، ފައިސާ ކޮތަޅު ފައިކޭޓަށް ޖަހާލިއެވެ. އޭނާ އަވަސްއަވަހަށް ފައިކޭޓު ޖީބަށް އެ ތަކެތި ލައި، ދެން އެހެން މީހުންނާ ދިމާއަށް މާޔޫސްވެފައި ހުރި ކަމަށް ހެދިގެން، ބޯ ހޫރާލިއެވެ.
އެ ދުވަހުގެ އިރުއޮސްފުމަށްފަހު، މޫސާފުޅުގެ ޖަނާޒާ ނެރުނެވެ. އެއީ ވަރަށް މާތް ޖަނާޒާއެކެވެ. އޭނާގެ ސަންދޯކުގެ ފަހަތުން ހިނގި މީހުންގެ ތެރެއިން ގިނަ މީހުން ތިބީ މުސާފުޅުގެ އަމިއްލަ ހެދުންތައް ލައިގެންނެވެ. ހީވަނީ، މަރުވެފައި އޮތް މޫސާފުޅު އޭނާގެ މުޅި ދުނިޔޭގެ މުއްސަނދިކަމާއެކު އެންމެ ފަހުގެ މަންޒިލަށް ދަނީހެންނެވެ!





