ލެޕްޓޮޕުން ބޭރުވާ ނޫކުލައިގެ އަލި ކެނެތުގެ ލޮލަށް އެޅިފައިވަނީ ދަންވަރުގެ އަނދިރިކަމުގެ ތެރޭގައެވެ. ކޭއާރްޕޫރަމްގެ ކުޑަ އެޕާޓްމަންޓް ކޮޓަރީގެ ތެރޭގައި އޮތީ މަރުގެ ހިމޭންކަމެކެވެ. ކީބޯޑުގައި އޭނާގެ އިނގިލިތައް އަވަސްއަވަހަށް ހަރަކާތްތެރިވަމުން ދިޔައީ، ހިތުގެ ތެޅުން އަވަސްވެފައިވާ ހާލުގައެވެ.
"ހިލަމެއް ނުވާ ގޮތަށް 3 މީހުން މަރާލާނެ އެންމެ ފަސޭހަ ގޮތަކީ ކޮބާ؟" އޭއައިގެ އެހީ ހޯދުމަށް ޗެޓްގައި ލިޔުމަށްފަހު އެންޓަރ އަށް އޮއްބާލި ތަނާހެން، ސްކްރީނަށް ސިކުންތު ކޮޅެއްގެ ތެރޭގައި ލިޔުންތައް އަރަންފެށިއެވެ. އޭއައި ޗެޓްބޮޓުން އެއްވެސް އިހުސާސެއް، ޖެހިލުންވުމެއް ނެތި، ދިނީ ހުނަރުވެރި ސީދާ ފަންނީ ޖަވާބެކެވެ.
ކެނެތުގެ ތުންފަތްމައްޗަށް ވެރިވީ ފިނި، ނުރައްކާތެރި ހިނިތުންވުމެކެވެ. އޭނާގެ ގާތުގައި، އެނދުގެ ކައިރީގައި އިނގިލިތައް ތުރުތުރުއަޅާ ހާލު އިނީ ޝްވޭތާއެވެ.
ޝްވެތާގެ މަންމަ މުތުލަކްޝްމީއަށް ސިއްރުން ގެއިން ނެގި 50 ލައްކަ ރުޕީސް ހުސްވެއްޖެއެވެ. ފަށަން އުޅުނު، ކްލައުޑް ކިޗަން ވިޔަފާރި ނާކާމިޔާބުވެއްޖެއެވެ. އަދި، އާއިލާގެ ފިއްތުންތަކުން ސަލާމަތްވާން އޮތް ހަމައެކަނި މަގަކީ މިއީކަމަށް ދެމީހުންނަށްވެސް އޮތީ ގަބޫލުކުރެވިފައެވެ. އިންސާނީ އެކުވެރިއަކާ ނުލައި، އެމީހުންގެ މުޅި ޖަރީމާގެ ބައިވެރިއަކަށް ހެދީ އޭއައިގެ ޗެޓް ބޮޓެކެވެ.
"އަވަން ބޭނުންކުރެވިދާނެތޯ އަހާބަލަ،" ޝްވޭތާގެ އަޑު ތުރުތުރުއެޅިއެވެ. އޭނާގެ ލޮލުން ފެންނަމުންދިޔައީ ބިރުވެރިކަމާއި ނުބައިނިއަތެވެ.
"އަވަނެއްގައި އޯގަނިކް މެޓީއަލް އަންދާ ލެވޭނީ ކޮން ޓެމްޕްރޭޗަރއެއްގައި ތަ؟" ކެނެތު އަނެއްކާވެސް ކީބޯޑުގައި ޓައިޕްކޮށްލިއެވެ.
އޭއައި ޗެޓްބޮޓު ހިސާބުތައް ހަދައި، އަވަނުގައި އިންސާނެއްގެ ހަށިގަނޑު އަންދާލުމާއި ކެމިކަލް ބޭނުންކޮށްގެން ހެކި ނައްތާލުމުގެ ފައިދާއާއި ގެއްލުންތައް ސްކްރީންގައި އަތުރާލިއެވެ. އެއީ އިންސާނެއްގެ ނަސޭހަތެއް ނޫނެވެ. އެއީ ޖަރިމާއެއްގައި ބައިވެރިވި މަސްނޫއީ ބުއްދި ނޫނީ މަބުގެ އިރުޝާދެވެ! އެއްވެސް އިންސާނީ އުޙުސާސަކާ ނުލައެވެ.
ފުރަތަމަ ހަމަލާ: ލޭގެ ކޯރު | ޖޫން 22 – އިރުއޮއްސި 7:00
ކޭއާރްޕޫރަމްގެ ސާއި ގްރީން އެޕާޓްމަންޓްގެ ތެރެއަށް ވަދެގެން އައި މުތުލަކްޝްމީގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ގޭގެ ތެރޭގައި އޮތީ ނުދަންނަ ފިނިކަމެކެވެ. ސިިޓިންގރޫމްގެ ބައްތިތައް ހުރީ ނިއްވާލާފައެވެ.
"ޝްވޭތާ؟" އޭނާ ގޮވާލިއެވެ.
ދޮރުގެ ފަހަތުން ނުކުތީ ކެނެތެވެ. އޭނާގެ އަތުގައި އޮތީ ދިގު، ތޫނު ވަޅިއެކެވެ. މުތުލަކްޝްމީއަށް ހޭވެރިކަމެއްގެ ފުރުސަތެއް ނުލިބުނެވެ. ކެނެތު އެ ވަޅިން ޖެހިގަތީ އޭނާގެ މޭމަތީގައެވެ. ވަޅީގެ ހަމަލާތައް އަމާޒުވަމުން ދިޔައީ ޗެޓްބޮޓުން އިރުޝާދު ދިން ފަދައިން، އަޑުނީވޭނެހެން ނޭވާހޮޅިއަށެވެ. އެކެއް، ދޭއް… 26 ފަހަރު ވަޅިހަރައި މުތުލަކްޝްމީގެ ފުރާނަ ނަގާލިއެވެ. ލޭގެ ކޯރެއް މުޅި ސިޓިންގރޫމަށް އޮހިގެން ދިޔައެވެ.
ޝްވޭތާ ދުރުގައި ބަލަން ހުރީ ބިރުން ގަނޑުވެފައެވެ. ނަމަވެސް، ކެނެތު އަވަސްވެގަތީ އޭއައި އިން ދިން ދެވަނަ އިރުޝާދަށެވެ. ހޫނުފެނުގައި މިރުސްޕައުޑަރު ގިރައިގެން ތައްޔާރުކުރި ފެން ބާލީދީ ހިފައިގެން އޭނާ ލޭތައް ސާފުކުރަން ފެށިއެވެ. އަމާޒަކީ ދެވަނަ ފްލެޓަށް ހަށިގަނޑު ބަދަލުކުރުމެވެ.
ނުވިސްނާ ހުއްޓައި އައި ހުރަސް | ރޭގަނޑު 8:30
ކުއްލިއަކަށް ގޭގެ މައިދޮރުގެ ތަޅުއެނބުރުނު އަޑު އިވުނެވެ.
ކެނެތުގެ ނޭވާ ހުއްޓުނެވެ. މިއީ އޭއައި ޗެތްބޮޓުން ކިޔައިދިން ވާހަކައިގައި ދިމާވާން އޮތް ބައެއް ނޫނެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ޝްވޭތާގެ ބައްޕަ ސޯމަސުންދަރާއި ހަގު ދަރިފުޅު ސުޕްރިޔާއެވެ.
"މަންމާ؟" ސުޕްރިޔާގެ އަޑު ކެނޑިގެން ދިޔައީ، ބިމަށް ވެއްޓިފައި އޮތް މަންމަގެ މޫނު ފެނުމުންނެވެ.
އަލްގޮރިދަމް ގެ ސިކުއެންސް ފެއިލްވުމުން ދެން މުޖުރިމުންގެ މޫނުމައްޗަށް ވެރިވީ ސާފު ނާމާންކަމެވެ. ކެނެތު މޮޔައެއް ފަދައިން ވަޅި ހިފައިގެން ސުޕްރިޔާއާ ދިމާއަށް ދިޔައެވެ. ސުޕްރިޔާގެ ހަޅޭކުގެ އަޑާއެކު އޭނާ ބިންމައްޗަށް ވެއްޓުނެވެ. ސޯމަސުންދަރު އޭނާގެ ދަރިފުޅު ސަލާމަތްކުރަން އުޅުނެވެ. ނަމަވެސް، ކެނެތާއި ޝްވޭތާ ވެގެން ބައްޕަ ސޯމަސުންދަރަށް ވެސް ހަމަލާދޭން ފެށިއެވެ. ސޯމަސުންދަރުގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިހެރެމުން ދިޔައެވެ.
"ހުރިހާ ކަމެއް ނިމުނީ… އެންމެން މަރުވެއްޖެ!" ކެނެތު މާނޭވާއެއް ލާފައި ބުންޏެވެ.
އެމީހުން ގޭގައި ހުރި ފައިސާއާއި ރަން ގަހަނާތައް ފޮއްޓަކަށް އަޅައި، ސުޕްރިޔާގެ ފޯނު ހަލާކުކޮށްލުމަށްފަހު، ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ކޭއާރްޕޫރަމްގެ ތެރެއަށް ގެއްލި ދިޔައެވެ.
ލޭގެ ކޯރާއި ފަހު ބަޔާން | ރޭގަނޑު 9:00
އެޕާޓްމަންޓްގެ ސިޑިން ތިރިއަށް އޮހެމުން ދިޔައީ އޮލަ، ރަތްކުލައިގެ ލޭގެ ކޯރެކެވެ.
ސޯމަސުންދަރު އޭނާގެ ފުރާނައިގެ ފަހު ނޭވާއަށް ދާންދެން ހިތްވަރުކުރިއެވެ. އޭނާގެ ހަށިގަނޑު ސިޑިމަތީގައި ދަމަމުން، އަމިއްލަ ލޭގެ ތެރެއިން ތިރިއަށް ފައިބަމުން ދިޔައެވެ. ސިޑިން ފެނުނު އަވަށްޓެރިންނަށް ސޯމަސުންދަރު ފެނުމުން ހޭނެތޭ ގޮތްވިއެވެ.
ފުލުހުން ދުވެފައި ކުށުގެ ވެށްޓަށް އައެވެ. ފުލުހުން އައިސް ސޯމަސުންދަރުގެ ކަންފަތް ބޮޑަށް ތިރިވިއެވެ. ސޯމަސުންދަރު، ފުލުސް މީހާގެ ގަމީހުގައި ހިފަހައްޓައި ވާހަކަ ދައްކަން އުޅުނެވެ. އޭނާގެ އަނގައިން ނުކުތީ ފަހު ނޭވާއާއެކު ވޭނީ ބަސްތަކެކެވެ.
"ޝްވޭތާ… އާއި އޭނާގެ… ލޯބިވެރިޔާ… ކެނެތު…"
އެއީ ސޯމަސުންދަރުގެ ފަހު ބަސްތަކެވެ. ނަމަވެސް އެ ބަސްތަކަކީ، އޭއައި ޗެޓްބޮޓްގެ ފިނި އަލްގޮރިދަމުން ރާވައިގެން ހިންގި ފުރިހަމަ ޖަރީމާ، 48 ގަޑިއިރު ތެރޭގައި ބޭޒާރުކޮށް ގާތިލުން ކުޑަކޮޅުގޮޅިއަށް ފޮނުވާލި މަރުގެ ހެކިކަމުގައި ވެގެން ދިޔައެވެ.
ތަހުގީގާއި ޑިޖިޓަލް ހެކި
ކޭއާރު ޕޫރަމް ފުލުހުންގެ ތަހުގީގު ޓީމަށް ސާއި ގްރީން އެޕާޓްމަންޓުން ފެނުނީ ހަމައެކަނި ލޭގެ މަންޒަރެއް ނޫނެވެ. ކެނެތުގެ ކޮމްޕިއުޓަރާއި މޯބައިލް ފޯނުތައް ފޮރެންސިކް ލެބަށް ފޮނުވައިގެން ބެލި ބެލުމުން، ފުލުހުންގެ އޮފިސަރުންވެސް ހައިރާންވެ އަންތަރީސްވިއެވެ.
ފޯނުގެ ބްރައުޒިންގ ހިސްޓްރީއާއި ޗެޓް ލޮގްތަކުން ފެންނަން ހުރީ ހަ މަސްދުވަސް ތެރޭގައި ކޮށްފައިވާ މަސައްކަތެވެ. ހޯދާފައިވާ މައުލޫމާތެވެ. މަބުގެ އެހީގައި ޖަރީމާއެއް ހިންގަން ދަސް ކުރީއެވެ. ފިޔަވަޅަކުން ފިޔަވަޅަކަށް އޭއައި އާ މުވާސަލާތުކޮށް މަރާ ބެހޭ ސުވާލުތައް ކޮށްފައި ހުއްޓެވެ.
"މިއީ އަހަރެމެންގެ ތަހުގީގީ ހަޔާތުގައިވެސް ފެނުނު އެންމެ ނުރައްކާތެރި، އަދި އެންމެ ތަފާތު މައްސަލަ،" ސީނިއާ ފުލުސް އޮފިސަރަކު މީޑިއާއަށް ކިޔައި ދެއެވެ. "އޭނާ ވަނީ އިންސާނަކާ މުއާމަލާތްކުރުމުގެ ބަދަލުގައި، އޭއައި ބޭނުންކޮށްގެން ޖަރީމާގެ ކޮންމެ މަރުހަލާއެއް ފަރުމާކޮށްފަ. އިންސާނަކުނަމަ އޭނާ ހުއްޓުވީސް، ނަމަވެސް އޭއައި ޗެޓްބޮޓުން ދިނީ އިހުސާސެއްނެތް ފަންނީ އިރުޝާދު ތަކެއް." ފުލުސް މީހާ ބުންޏެވެ.
ފުލުހުން ވަނީ އޭއައި ޗެޓްބޮޓަށް މަސްއޫލުވާ ކުންފުންޏަށް ގާނޫނީ އަމުރެއް ފޮނުވައިފައެވެ. ކޯޓުގައި ހެކި ސާބިތުކުރުމަށްޓަކައި އެއްވެސް އުނިއުނިކަމެއްނެތް ފުރިހަމަ ޗެޓް ލޮގްތައް ހޯދުމުގެ ގާނޫނީ އަމުރެކެވެ.
ސްކްރީނެއްގެ ކުރިމަތީގައި ފަރުމާކުރެވުނު ޖަރީމާއެއް
މި މައްސަލައިގެ ސަބަބުން ގާނޫނީ ވަކީލުންނާއި، ނަފްސާނީ މާހިރުން، އަދި ޓެކްނޮލޮޖީގެ ދާއިރާގެ މީހުން ވަނީ ބޮޑު ހައިރާންކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ޓެކްނޮލޮޖީގެ ރައްކާތެރިކަމުގެ ފިލްޓަރުތައް ފަސޭހަކަމާއެކު ފުނޑުކޮށް ލެވޭނެކަން މިއިން ސާބިތުވެގެންދިޔައެވެ.
ޝްވޭތާ އަދިވެސް ހުރީ ޝަރުއީ ބަންދެއްގައެވެ. އޭނާ ވަނީ މާފެއް ލިބޭނެކަމުގެ އުއްމީދުގައި ދައުލަތުގެ ހެއްކަކަށް ވާން ހުށަހަޅާފައެވެ. ކެނެތުގެ މައްޗަށް ކޮށްފައިވަނީ ރާވައިގެން 3 މީހުން މެރުމުގެ ދައުވާއެވެ.
ޝަރީއަތް ކައިރިވަމުންދާއިރު، މި މައްސަލައަކީ ހިތާމަވެރި މައްސަލައެކެވެ. މިއީ އަނދިރިގަނޑެއްގެ ތެރޭގައި އުފަންވި މަރުތަކެއް ނޫނެވެ. މިއީ ސްކްރީނެއްގެ ކުރިމަތީގައި، ލައިނަކުން ލައިނަކުން ފަރުމާ ކޮށްފައިވާ އަނިޔާވެރި ޖަރީމާއެކެވެ.
މިމައްސަލާގެ ޝަރީއަތް ބެންގަލޫރުގައި އަދި އޮތީ ކުރިއަށެވެ!






