އިނގިރޭސިވިލާތުގެ ގްލޯބަލް އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް

އިނގިރޭސިވިލާތުގެ އާ އެއާލައިނެއް ކަމަށްވާ ގްލޯބަލް އެއާލައިންސްއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިއީ އެ އެއާލައިންގެ ވިޔަފާރީގެ ސްޓްރެޓެޖީއަށް ގެނައި ބޮޑު ބަދަލަކާއެކު، އަންނަ ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ކުރަން ހަމަޖެހިފައިވާ މުހިންމު ދަތުރުތަކެކެވެ.

މީގެ ކުރިން ނިއުޔޯކާއި ލޮސް އެންޖެލެސް ފަދަ މޭޖާ ސިޓީތަކަށް އިސްކަންދޭން ނިންމާފައި އޮތް ނަމަވެސް، އެ އެއާލައިނުން މިހާރު ވަނީ އެ އަމާޒު ބަދަލުކޮށް، ދިވެހިރާއްޖޭގެ މާކެޓަށް ބޮޑު އިސްކަމެއް ދޭން ނިންމާފައެވެ.

"ރާއްޖެއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ދަތުރުކުރަން ބޭނުންވާ ހުވަފެނީ މަންޒިލެއް. އިނގިރޭސިވިލާތުން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކުގެ ޑިމާންޑް އިންތިހާއަށް ބޮޑުވުމުން، މި ދަތުރުތައް އިތުރުކުރަން ޖެހިފައިވާ ކަމަށް އަޅުގަނޑުމެން ދެކެން،" ގްލޯބަލް އެއާލައިންސްގެ ބާނީ ޖޭމްސް އެސްކިއުތު ވިދާޅުވިއެވެ.

މި ދަތުރުތަކަށް ބޭނުންކުރާނީ އެ ކުންފުނީގެ އެއާބަސް އޭ380 މަރުކާގެ ބޯޓުތަކެވެ. އަދި ދަތުރުތަކުގެ އިތުބާރު ކަށަވަރުކުރުމަށްޓަކައި، ފްލީޓަށް އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ފަށާފައެވެ.

މި މަޝްރޫއަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު އުފާވެރި ޚަބަރެއް ނަމަވެސް، އޭވިއޭޝަން ދާއިރާގެ ބައެއް މާހިރުން ދަނީ މިކަމާ މެދު ސުވާލު އުފައްދަމުންނެވެ. އެއާލައިނަށް އަދިވެސް އިނގިރޭސިވިލާތުގެ "އެއާ އޮޕަރޭޓާ ސެޓްފިކެޓް" ލިބިފައި ނުވުމަކީ، ޝެޑިއުލްކޮށްފައިވާ މުއްދަތަށް ދަތުރުތައް ފެށިދާނެތޯ އުފެދޭ ބޮޑު ސުވާލެކެވެ. ނަމަވެސް، އެއާލައިނުން ބުނެފައިވަނީ އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕްގެ އެހެން ގައުމެއްގެ ހުއްދައިގެ ދަށުން ވެސް މި ދަތުރުތައް ކުރުމުގެ ގާނޫނީ މަގުތައް އެބަހުރި ކަމަށެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޓޮޕް 3 މާކެޓްގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް އެ ގައުމުން 89,242 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އެހެންކަމުން، މިފަދަ ބޮޑު އެއާލައިނަކުން ރާއްޖެއަށް ދަތުރު ފެށުމަކީ ފަތުރުވެރިކަމުގެ ވިޔަފާރިއަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށް މާހިރުން ގަބޫލުކުރެއެވެ.

އިނގިރޭސިވިލާތުގެ ޓްރެވަލް އެންޓްރަޕްރޮނިއާ ޖޭމްސް އެސްކިއުތު 2021 ވަނަ އަހަރު އުފެއްދި "ގްލޯބަލް އެއާލައިންސް" އަކީ ވައިގެ ދަތުރުފަތުރުގެ "ރަން ޒަމާން" އަނބުރާ ގެނައުމުގެ އަމާޒުގައި މަސައްކަތްކުރަމުން އަންނަ އާ އެއާލައިނެކެވެ. މި އެއާލައިންގެ މުހިންމު މައުލޫމާތުތައް:

  • މަގުސަދު: މި އެއާލައިންގެ ޚާއްސަ ސިފައަކީ، މިހާރުގެ އެއާލައިންތަކުގައި ފެންނަ 'ޕްރީމިއަމް އިކޮނޮމީ’ގެ ބަދަލުގައި، ފަސިންޖަރުންނަށް ފުރިހަމަ ޚިދުމަތްތަކެއް (ފަސްޓް، ބިޒްނަސް، އަދި ގްލޯބަލް ޓްރެވަލާ) ފޯރުކޮށްދިނުމެވެ.
  • ފްލީޓް: މި އެއާލައިންގެ މައިގަނޑު އުޅަނދަކީ އެއާބަސް އޭ380 މަރުކާގެ ބޯޓުތަކެވެ.
  • މުހިންމު ކާމިޔާބީތައް: 2024 ވަނަ އަހަރުގެ އޭޕްރީލް މަހު އެ ކުންފުނީގެ ފުރަތަމަ އޭ380 ބޯޓު ސްކޮޓްލޭންޑަށް ޖެއްސިއެވެ. އަދި 2025 ވަނަ އަހަރުގެ މެއި މަހު، ޕޯޗުގަލްގެ "ހައި ފްލައި" އާއި ގުޅިގެން އެ ކުންފުނީގެ ފުރަތަމަ ބައިނަލްއަގުވާމީ ދަތުރުތައް ވަނީ ކާމިޔާބުކަމާއެކު ފަށާފައެވެ.
  • ޚާއްސަ ޚިދުމަތްތައް: މި އެއާލައިންގެ އޭ380 ބޯޓުތަކުގައި "ސްކައި ޕަބް" ގެ ނަމުގައި އުޑުމަތީގައި މީހުންނާ ބައްދަލުވެ، ވާހަކަ ދައްކާލެވޭނެ އިޖުތިމާއީ ޖާގައެއް ތައާރަފުކުރުމަކީ މި އެއާލައިންގެ އެންމެ ޚާއްސަ އެއް ސިފައެވެ.
  • މުސްތަގުބަލު: މިހާރު ފަށާފައިވާ ދަތުރުތަކުގެ ތެރޭގައި ގްލާސްގޯއިން ނިއުޔޯކަށް އަދި މެންޗެސްޓާއިން ނިއުޔޯކަށް ކުރާ ދަތުރުތައް ހިމެނެއެވެ.

އާ އެއާލައިނެއްގެ ގޮތުން ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ މި ކުންފުންޏަކީ، ވައިގެ ދަތުރުފަތުރުގެ ތަޖުރިބާ މުޅިން އާ ހަރުފަތަކަށް ގެންދިއުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.

ހިއްސާ ކުރައްވާ!