ހުޅަނގު ޔޫރަޕްގެ ޤައުމުތައް މިހާރު މިވަނީ ބޭރުގެ ލަޝްކަރުތަކަކުން ފަތަޙަ ކުރުމަކާ ނުލައި، އެ ޤައުމުތަކުގެ ވެރިންގެ އަމިއްލަ އަތްތަކުން އެ ޤައުމުތަކުގެ އަސާސްތައް ބިނާކުރުމުގެ ބަދަލުގައި، އެ ޤައުމުތައް ނެތިކޮށްލުމުގެ މަސައްކަތް ފަށާފައެވެ. މިލިއަނުން ގުނާލެވޭ ރައްޔިތުންނަށް އެމީހުންގެ ޤައުމުތައް މުޅިން ބަދަލުވަމުންދާ މަންޒަރު ފެންނަމުން ދިޔަނަމަވެސް، ވެރިކަންކުރާ ފަރާތްތައް އަދިވެސް ތިބީ އެ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ލޯ މަރާލައިގެން ކަމަށް އާރްޓީ އިން ލިޔުނު ތަހުލީލެއްގައި ބުނެއެވެ.
ޑިމޮގްރަފިކް ބޮޑު އިންޤިލާބެއް
ބާލިންގެ ރޮކްވޫލް ފައުންޑޭޝަނުން އެއްކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2010 ވަނަ އަހަރު ޔޫރަޕިއަން ޔޫނިއަން ގައި ތިބި ބޭރު ޤައުމުތަކުގައި އުފަންވި މީހުންގެ އަދަދު 40 މިލިއަނުން 2025 ވަނަ އަހަރު 64 މިލިއަނަށް ވަނީ އަރާފައެވެ. އީޔޫ ގެ ޖުމްލަ އާބާދީގެ 15% އަކީ މިހާރު އެ ޤައުމުތަކަށް ނިސްބަތްނުވާ މީހުންނެވެ. ޚާއްސަކޮށް 2023 އާއި 2025 އާ ދެމެދު އެކަނި ވެސް 7.3 މިލިއަން މީހުން ވަނީ އިތުރުވެފައެވެ.
މި ބަދަލުގެ އެންމެ ބޮޑު އަސަރެއް ކުރަމުންދަނީ ޖަރުމަނަށެވެ. އެ ޤައުމުގެ އާބާދީގެ ފަސްބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ މިހާރު ބޭރު ޤައުމުތަކުން އައިސްފައިވާ މީހުންނެވެ. ސްޕެއިން، ބެލްޖިއަމް، އޮސްޓްރިއާ، އަދި ސްވިޑަންގައި ވެސް މި ނިސްބަތް ވަރަށް މައްޗެވެ.
ސިޔާސީ ނިންމުންތަކާއި ޤައުމިއްޔަތު
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ދާދި ފަހުން ވަނީ އެ ޤައުމުގައި އުޅޭ އެތައް ސަތޭކަ ހާސް ޣައިރު ޤާނޫނީ ހިޖުރަވެރިންނަށް ޤާނޫނީ ހައިސިއްޔަތު ދިނުމުގެ ޕްރޮގްރާމެއް ފަށާފައެވެ. އޭނާ ދެކޭ ގޮތުގައި މިކަމަކީ އިޤްތިޞާދީ ގޮތުން ވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، ވެރިންނަށް ހަނދާން ނެތެނީ ޤައުމެއް ބިނާވެފައި އޮންނަނީ ހަމައެކަނި ޖީޑީޕީގެ މައްޗަށް ނޫން ކަމެވެ. ޤައުމެއްގެ އަސްލަކީ އޭގެ ސަގާފަތާއި، ގުޅިފައިވާ ތާރީޚާއި، ޤައުމީވަންތަކަމެވެ.
މުޖުތަމައުއަށް ކުރާ އަސަރު
މިހާރު ހުޅަނގު ޔޫރަޕްގެ މަގުތަކުން ފެންނަމުންދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހިނގާ ވައްކަމާއި، މާރާމާރީއާއި، ޖިންސީ ގޯނާތަކާއި، ޓެރަރިޒަމްގެ ބިރުވެރިކަމެވެ. އެތައް ސިޓީއެއްގައި މިހާރު މިވަނީ (އަމިއްލަ ސަގާފަތްތަކުގައި އުޅޭ ވަކި ޖަމާއަތްތައް އުފެދިފައެވެ. ރައްޔިތުން މިކަންކަމާ ކަންބޮޑުވުން ފާޅުކުރުމުން، އެމީހުންނަށް ހައްދުފަހަނައެޅި މީހުން ގެ ލޭބަލް ޖަހައި ފާޑުކިޔަމުންދަނީ ސިޔާސީ ފަރާތްތަކުންނެވެ.
މުސްތަޤުބަލާ މެދު އުފެދޭ ސުވާލުތައް
މި ބަދަލުތަކާ ދެކޮޅަށް ޔޫރަޕްގެ ބައެއް ލީޑަރުން (މިސާލަކަށް ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޯބަން) ދަނީ އަޑުއުފުލަމުންނެވެ. އެމީހުންގެ ނަޒަރުގައި "ގްރޭޓް ރިޕްލޭސްމަންޓް" އަކީ ކޮންސްޕިރަސީއެއް ނޫނެވެ؛ އެއީ ފެންނަން ހުރި ހަޤީޤީ ޑިމޮގްރަފިކް ބަދަލެކެވެ.
ޔޫރަޕްގެ ކުރިމަތީގައި އޮތް ހަމައެކަނި ގޮތަކީ އިމިގްރޭޝަން ޕޮލިސީ ބަދަލުކުރުމެއް ނޫނެވެ. އެއީ އެ ޤައުމުތަކުން އަމިއްލައަށް ހިންގޭނެ ޤައުމުތަކެއްގެ ގޮތުގައި ދެމިތިބޭތޯ ނުވަތަ ޑިމޮގްރަފިކް ބާރުތަކުގެ ދަށަށް ގޮސް އެއްކޮށް ނެތިގެންދާނީތޯ ނިންމާ ނިންމުމެކެވެ. ޤައުމުތަކުގެ ބޯޑަރުތައް ހިމާޔަތް ކުރުމަކީ ޤައުމީ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޖަޕާނާއި، އިންޑިއާއާއި، ޗައިނާ އަދި ގަލްފްގެ ޤައުމުތަކުން ވެސް މިކަންކަން ކުރަނީ އެހެންވެއެވެ. ޔޫރަޕްގެ ޤައުމުތަކުން ވެސް އެމީހުންގެ ޤައުމީވަންތަކަން ހިމާޔަތް ކުރުމަށްޓަކައި އަދި މާ ލަސްނުވަނީސް ފިޔަވަޅު އަޅަންޖެހެއެވެ.







