މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރަށް ސީރިއަސް

މަގުމަތިން ހިނގާފައިދާ ކޮންމެ މީހަކަށް އެއީ މަރަދޫ ބޯޅަދަނޑު ކައިރީގައި ހުރި އާދައިގެ ގެއެކެވެ. ނަމަވެސް، އެ ގޭގެ ބޯ ފާރުތަކުގެ އެތެރޭގައި ހިނގަމުންދިޔައީ މުޅިން ތަފާތު، ކަނޑައެޅިގެން ރޭވިގެން ހިންގަމުންދިޔަ ނުރައްކާތެރި ވިޔަފާރިއެކެވެ. އެއީ ކޮފީއާއި ސައިގެ ބަދަލުގައި، އިންސާނާގެ ބުއްދި ފިލުވައިދޭ މަސްތުވާތަކެތި "ކެފޭ" އެއްގެ އުސޫލުން ސާވްކޮށްދެމުންދިޔަ ހަބެކެވެ. އެތަނަށް ވަދެނުކުމެވޭ ދޮރުތަކުގައި ފުލުހުން "ސީލް" ޖަހާ މަންޒަރު ފެންނަ ވީޑިއޯއާއެކު، މިއަދު މިވަނީ އެ ސިއްރު ވިޔަފާރީގެ ނިމުން އައިސްފައެވެ.

އެތައް ދުވަހެއްގެ ސިއްރު ފާރަލުންތަކާއި، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ދިވެހި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނަށްފަހު، މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން އެ ގެ (ބޯޅަދަނޑުގެ) މިވަނީ 90 ދުވަހުގެ މުއްދަތަށް އެއްކޮށް ބަންދުކޮށްފައެވެ. މިއީ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މަރަދޫ ކޯޓުން މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، އެ ގޭގެ އެތެރޭގެ އިންތިޒާމުތައް ހުރީ ކުށްކުރާ ގްރޫޕްތަކުން ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކު ފަރުމާކޮށްފައެވެ. މަސްތުވާތަކެތި ގަންނަންދާ މީހުންނަށް އެތަނުގައި ތިބެގެން ބޭނުންކުރެވޭނެ އާލާތްތަކާއި، ހިދުމަތްދޭނެ "ވެއިޓަރުން" ތިބެއެވެ. ވިޔަފާރި ކުރިއަށްދިޔައީ ހަމައެކަނި ދަންވަރަކު ނޫނެވެ. ދުވާލުގެ ހުރިހާ ވަގުތެއްގައިވެސް އެތަނަށް ވަދެނުކުމެވާ މީހުންގެ އަދަދު ގިނައެވެ.

މިފަދަ ތަންތަނަކީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ވަށައިގެން ކެމެރާ ހަރުކުރުމާއި ފާރަވެރިން ބޭތިއްބުމަކީ ފުލުހުންނަށް އެތަނަށް ވަނުމަށް ހުރަސްއެޅުމަށް ކުރާ ކަންކަމެވެ. ނަމަވެސް، ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ފުލުހުން އެތަނުގެ ކޮންޓްރޯލް ނަގައި، ރޭގަނޑުގެ ވަގުތެއްގައި ރަސްމީ ލިޔެކިޔުންތަކާއެކު ދޮރުތަކުގައި ރޯނުދަމައި ބަންދުކުރާ މަންޒަރެވެ.

"މިއީ ހަމައެކަނި މަސްތުވާތަކެތި ގެންގުޅޭ ތަނެއް ނޫން. މިއީ ސީދާ އެތަކެތި ބޭނުންކުރުމަށް މަގުފަހިކޮށްދީ، ވިޔަފާރި ފުޅާކުރަން ހިންގާ ހަބެއް،" އޮޕަރޭޝަނުގައި ބައިވެރިވި އޮފިސަރަކު ކިޔައިދިނެވެ.

އައްޑޫގެ އާބާދީ ބޮޑު މި ސަރަހައްދުގައި، ހާއްސަކޮށް ކުޑަކުދިން ކުޅެން އުޅޭ ސަރަހައްދަކާ މިހާ ކައިރީގައި މިފަދަ "މަރުކަޒެއް" ހުރުމަކީ ކައިރީގައި ދިރިއުޅޭ އާއިލާތަކުގެ ނިދި ނަގާލި ކަމެކެވެ. މިއީ ހަމައެކަނި ޑްރަގްގެ މައްސަލައެއް ނޫނެވެ. މީގެ ސަބަބުން ވައްކަމާއި، ގޭންގު މާރާމާރީއާއި، ފޭރުން ފަދަ އެތައް ކުށަކަށް މަގުފަހިވަމުންދިޔައެވެ.

ފުލުހުންގެ މި ފިޔަވަޅާއެކު އަވަށްޓެރިންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، ސުވާލަކީ މިއީ އެންމެ ފަހު ތަން ހެއްޔެވެ؟ ރައީސް މުއިއްޒުގެ ސަރުކާރުން ފަށާފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ސިރިއަސް ހަނގުރާމައެކެވެ.

އައްޑޫގެ އެކި އަވަށްތަކުގައި ހިންގާ މިފަދަ އައްޑާތައް ހޯދައި ބަންދުކުރުމުގެ މަސައްކަތް "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހުއްޓައެއް ނުލާނެއެވެ. ނަމަވެސް، މި ވަބާއިން މުޖުތަމައު އެއްކޮށް ސަލާމަތްކުރުމަށް ހަމައެކަނި ދޮރުތަކުގައި ސީލްޖެހުމަށްވުރެ ފުޅާ ދާއިރާއެއްގެ އިސްލާހީ ބަދަލުތަކެއް ބޭނުންވެއެވެ.

ހިއްސާ ކުރައްވާ!