ދެކުނު އެފްރިކާއިން ފިންލެންޑަށް ބާޒުކުރި ދަތުރު: ކައުނުގައިވާ އިލާހީ ކުޅަދުންވަންތަކަމުގެ މުއުޖިޒާތެއް

ދުނިޔޭގެ ޗާޓުގެ ދެކޮޅެވެ. އެއްކޮޅަކީ އެފްރިކާ ބައްރުގެ އެންމެ ދެކުނުގައިވާ ސައުތު އެފްރިކާއެވެ. އަނެއްކޮޅަކީ ވިލާތުގެ އެންމެ އުތުރުގައިވާ ފިންލޭންޑެވެ. މި ދެމެދުގައިވާ އެތައް ހާސް މޭލެއްގެ ދުރުމިނަކީ، އިންސާނުންނަށް ޒަމާނީ ވަސީލަތްތަކާ ނުލައި ހުރަސްކުރަން ނުކުޅެދޭނެ ފަދަ ބޮޑު ރާސްތާއެކެވެ. ނަމަވެސް، ފެލްކަން ބާޒެއް، އޭގެ ޠަބީޢީ ފިޠުރަތާއި އިލާހީ އިލްހާމުގެ އެހީގައި، ދެމިގަތް ސީދާ ދަތުރުން މިއަދު ވަނީ މުޅި ދުނިޔެ ސިއްސުވާލައިފައެވެ.

މި އަންހެން ބާޒުގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ދަތުރު ބަލާ ޓްރެކިންގް ޑިވައިސްއަކުން އެނގުނު ގޮތުގައި، އެސޮރު ވަނީ އެއްވެސް މަގަކުން ކަސިޔާރުވުމެއް ނެތި، ސައުތު އެފްރިކާއިން ފުރައިގެން ބަރާބަރު 42 ދުވަހުގެ ތެރޭގައި ފިންލޭންޑަށް ފޯރާފައެވެ. ކޮންމެ ދުވަހަކު ގާތްގަނޑަކަށް 230 ކިލޯމީޓަރުގެ ރާސްތާއެއް އެ ސޮރު ކަނޑައްތު ކުރި އެވެ. މިއީ ހަމައެކަނި ޢިލްމީ ހޯދުމެއް ނޫނެވެ. މިއީ ކައުނު ހައްދަވައި ބޮޑުކުރެއްވި އިލާހުގެ ކުޅަދުންވަންތަކަމުގެ ހެއްކެކެވެ.

އިލާހީ އިލްހާމުން ކޮށައިދިން ސީދާ މަގު

މި ދަތުރުގެ އެންމެ އަޖައިބުކުރުވަނިވި ބަޔަކީ ބާޒު ދަތުރުކުރި މަގެވެ. އެއީ އެސޮރު އަމިއްލަ ވިސްނުމަކުން ނޫނެވެ، ނަމަވެސް މާތްﷲ އެސޮރުގެ ފިޠުރަތުގައި ލެއްވި ރޭވުންތެރިކަމުން، އެފްރިކާގެ ބޮޑު ހަނަފަސް ސަހަރާ ފަދަ ފެންފޮދެއް ނުލިބޭނެ ހަނަފަސް ސަރަހައްދުތަކުން ރައްކާތެރި ވެގެން ދަތުރު ކުރިއެވެ. އޭގެ ބަދަލުގައި އޭތި އިޚްތިޔާރުކުރީ ދިރުން ގެނެސްދޭ އަބަދު ފެންލިބިލިބި ހުންނާނޭ ނީލަކޯރުގެ އައްސޭރިއެވެ. ސޫދާނާއި މިޞްރު މަތިން އުދުހިފައި ދިޔައިރު، އޭތި ދިޔައީ ކަރުހިއްކުން ފިލުވޭނެ މަގުތައް ހޯދަމުންނެވެ.

ކަނޑުތަކުގެ ލޮނުގަނޑަކީ އޭގެ ކަރުހިއްކުން ފިލުވައިދޭނެ އެއްޗެއް ނޫންކަން ދަނެ، މެޑިޓަރޭނިއަން ކަނޑާއި ބްލެކް ސީ ހުރަސްކުރުމުގެ ބަދަލުގައި، އޭތި އުދުހުނީ ފަލަސްޠީނާއި، ލުބުނާނާއި، ސޫރިޔާގެ މަތިންނެވެ. އެއަށްފަހު، ތުރުކީގެ ސްތްރެޓެޖިކް ބޮސްޕޯރސް ކަނޑުއޮޅިން ލާފައި ގޮސް ވިލާތުގެ އުތުރަށް ވާސިލުވިއެވެ.

ބާޒުގެ ދަތުރު: ފެށީ ސައުތު އެފްރިކާއިންނެވެ. މުޅި ދަތުރަށް ހޭދަ ކުރީ 42 ދުވަހެވެ. ދުވާލަކު 230 ކިލޯމީޓަރު ކަޑައްތު ކުރިއެވެ. ދަތުރު މަތީގައި ފެން ނުލިބޭނެ ހަނަފަސް ސަހަރާތަކާއި ކަނޑުތައް މަތިން ދަތުރު ކުރުމުގެ ބަދަލުގައި ފެން ލިބޭނެ މަގު އިޚުތިޔާރު ކުރިއެވެ. ދަތުރު ނިންމާލީ ފިންލޭންޑަށެވެ.

މި ޚާއްޞަ ދަތުރުގެ ޗާޓު މިވަނީއެވެ.

މި ހާދިސާއަކީ ސައިންސްވެރިންނަށް ދޫނި ސޫފާސޫފީގެ ހިޖުރަކުރުމުގެ މެގްނެޓިކް ސެންސިންގްއާއި ތަރިތަކަށް ބަލައިގެން މަގުހޯދުމުގެ ޢިލްމު ދަސްކޮށްދޭ ކަމެކެވެ. ނަމަވެސް، މުއުމިނުންނަށް މިއީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތެދުކަން ހާމަކޮށްދޭ ދިރިހުރި މުއުޖިޒާތެކެވެ.

أَوَلَمْ يَرَوْا۟ إِلَى ٱلطَّيْرِ فَوْقَهُمْ صَـٰٓفَّـٰتٍۢ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا ٱلرَّحْمَـٰنُ ۚ إِنَّهُۥ بِكُلِّ شَىْءٍۭ بَصِيرٌ ١٩
ފިޔަތައް ދަމާލައިގެންނާއި، އަދި ފިޔަތައް ލައްޕާލައިގެން، އެއުރެންގެ މަތީގައި (އުދުހި) އުޅޭ ދޫނިތަކަށް އެއުރެން ނުބަލަނީ ހެއްޔެވެ؟ رحمن ވަންތަ ރަސްކަލާނގެ މެނުވީ، އެތަކެތި (ވެއްޓުނަނުދީ) ނުހިފަހައްޓަވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހުރިހާއެއްޗެއް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. (67:19)

މި ފަލްކަން ބާޒު ކޮންމެ އަހަރަކުވެސް އެއްވެސް ހަކަތައެއް ބޭކާރުކުރުމެއް ނެތި، އޭގެ ބިސްއަޅާ ހާއްޔަށް ނުވަތަ ފިނިމޫސުމުގެ މަންޒިލަށް އެނބުރި ދަނީ އެއްވެސް ޖީޕީއެސްއަކާ ނުލައެވެ. ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުމުން މިއަދު އަޅުގަނޑުމެންނަށް މި މަންޒަރުތައް ފެނުނަސް، މިއީ ހަގީގަތުގައި އިންސާނާގެ ބުއްދިއަށް ޚާލިގުވަންތަ އިލާހު ދަނެގަތުމާ ދިމާއަށް އަނބުރާލުމަށް ކައުނުގައި ލައްވާފައިވާ ބޮޑު ނިޝާނެކެވެ.

ހިއްސާ ކުރައްވާ!