ރައީސް އޮފީހުގެ ސިއްރު ފޮޮށި ފަޅައިގެންދިޔުން

އެންމެ "ޓްރާންސްޕޭރެންޓް" ސާފު، ދެފުށް ފެންނަ އިދާރާއަށް ވުމުގެ މަތިވެރި އަޒުމުގެ އިއުލާނާއެކު އަމަލީ ގޮތަށް އެކަން ދެއްކި ރައީސް އޮފީސް، މިދިޔަ މަހު އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ ރެކޯޑެއް ހެއްޖެވެ. އެ ރިކޯޑްގައި "100 ޕަސެންޓް" އަށް މައުލާުމާތު ހާމަކުރުމުގެ ދަރަޖަ ހޯދައި އެހެން ހުރިހައި އިދާރާތައް ސިއްސުވާލިއެވެ. ކުރިން 34 ޕަސެންޓުގައި އޮތް ރޭޓިން، ރޮކެޓެއްހެން މައްޗަށް ޖަހާލުމުން އާންމުން ހީކުރީ ދެން ރައީސް އޮފީހުން ސިއްރު ކުރާނެ އެއްޗެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް، މިއަދު އިވުނު ޚަބަރާއެކު އެނގުނީ ސަރުކާރުގެ ޓްރާންސްޕޭރެންޓް ކަމުގެ މާނައަކީ، "އަހަރެމެން ދޭން ބޭނުންވާ އެއްޗެއް 100 ޕަސެންޓަށް ދޭނަމޭ، އެކަމަކު އެހެން މީޙުން އަހަން ބޭނުންވާ އެއްޗެއް އަހައިފިއްޔާ އަޑެއް ނީވޭނެއޭ" ކަމަށް ބުނާ ވާހަކައެކެވެ.

"އަހާށެވެ! އެކަމަކު ޖަވާބެއް ނެތް"

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ގެ ދަށުން އާންމުންނާއި ނޫސްވެރިން ހުށަހެޅި 5 ސުވާލަކަށް ރައީސް އޮފީހުން ޖަވާބު ނުދީ ހިފަހައްޓައިގެން ތިއްބާ، އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދަށް ކެތްނުކުރެވިގެން މިއަދު ވަނީ ރައީސް އޮފީސް ޖޫރިމަނާކޮށްފައެވެ.

މިއީ ހަމަ ހަގީގަތުގައިވެސް ސައިންޓިފިކް މުއުޖިޒާތެކެވެ. ސަރުކާރުން އަމިއްލައަށް ހާމަކުރަންޖެހޭ ޕްރޯއެކްޓިވް ޑިސްކްލޯޒާގެ ބައި 100 ޕަސެންޓަށް ހާސިލުކުރިއިރު، މީހުން އަހާލި 5 ސުވާލަށް ޖަވާބުދޭން ހަނދާން ނެތުނީއެވެ. ނުވަތަ ފަހަރުގައި އެ 5 ސުވާލަކީ މާ ސާފު ބޮޑުކަމުން ލޮލަށް ނުފެނުނު ސުވާލުތަކަކަށް ވެދާނެއެވެ.

ކޮމިޝަނަރު ވަނީ 5 ދުވަސް ތެރޭގައި އެ މައުލޫމާތު ދިނުމަށް އަންގާފައެވެ. އަދި 45 ދުވަސް ތެރޭގައި ޖަވާބު ނުދީފިނަމަ، ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރުގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެ ކަމުގެ އިންޒާރުވެސް ދީފިއެވެ.

މިއީވެސް ވަރަށް ފުރިހަމަ އިންތިޒާމެކެވެ. ސަރުކާރުގެ އިދާރާތަކަށް މި ނިންމުން އިސްތިއުނާފު ކުރަން 45 ދުވަސް ލިބެއެވެ. އެހެންކަމުން، އެ މައުލޫމާތެއް ހޯދަން އުޅޭ ނޫސްވެރިޔާ ނުވަތަ އާންމު މީހާ، އެކަމުގެ މަތިން ހަނދާން ނެތެންދެން ނުވަތަ އެ މައުލޫމާތެއްގެ ބޭނުން ކެނޑެންދެން ގާނޫނީ ހޮހަޅައިގެ ތެރޭގައި މިކަން ދެމެހެއްޓިދާނެއެވެ.

"އަޅުގަނޑުމެން މިތިބީ ހުރިހާ އެއްޗެއް ދައްކައިގެން. އެކަމަކު ތި އަހާ ފަސް މައުލޫމާތަކީ އަޅުގަނޑުމެންގެ 'ޓްރާންސްޕޭރެންސީ' ބަޖެޓުން ބޭރުގައިވާ އެއްޗެހި،" ރައީސް އޮފީހުގެ އޮފިސަރަކު ބުނާ ކަމަށް މި ޚިޔާލީ ވާހަކަ ޚިޔާލަށް ގެންނަމާ ހެއްޔެވެ؟

ރައީސް އޮފީސް ޖޫރިމަނާ މިކުރީ، ތާރީޚުގައި ފުރަތަމަ ފަހަރަށް ހުރިހާ މިނިސްޓްރީއަކުން "ކޮންމެހެން ހާމަކުރަންޖެހޭ މައުލޫމާތު" ހާމަކުރިތާ މަހެއް ނުވަނީހެވެ. މިއިން އެނގެނީ ރާއްޖޭގައި ސަރުކާރުގެ މައުލޫމާތު ހޯދުމަކީ ބައުޒަރެއްގެ ފަހަތުން ދުވުން ކަހަލަ ކަމެއް ކަމެވެ. ކުރިއަށް އޮތް ތަނުގައި ސުވާލު ކުރުމުގެ ކުރިން، ސަރުކާރުން އަމިއްލައަށް ދޭން ބޭނުންވާ "100 ޕަސެންޓް" މައުލޫމާތުން ފުއްދާލައިގެން ތިބުން މާ ބުއްދިވެރިވާނެއެވެ.

ހިއްސާ ކުރައްވާ!