2024 ޖުލައި އަދި އޮގަސްޓް މަހު ހިނގި ތާރީޚީ މުޒާހަރާތަކުގައި ޚުދުމުޚުތާރު ވެރިކަމެއް ވައްޓާލުމުގައި އިސްކޮށް އުޅުނު ބަންގްލަދޭޝްގެ ޖެނެރޭޝަން ޒީ (ޖެން ޒީ) އަލުން މަގުތަކަށް ނުކުމެއްޖެއެވެ. މިފަހަރު ނިކުތީ ތަޢުލީމީ ސިޔާސަތާއި އެކުދިންނަށް ކުރި އިހާނެތިކަމަކާ ގުޅިގެންނެވެ.
މީގެ ސަބަބަކީ ބޮޑު މޫސުމީ ފެންބޮޑުވުމުގެ ތެރޭގައި ހަޔަރ ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާންތައް މެނޭޖްކުރި ގޮތާއި، ތަޢުލީމީ ވަޒީރު އޭ. އެން. އެމް. އިޙްސާނުލް ޙައްޤު ދަރިވަރުންނަކީ ކޮށީގައި ގެންގުޅޭ ކުކުޅުތަކެއް ކަމަށް ސިފކުރެއްވި އޯޑިއޯއެއް ވައިރަލްވުމެވެ.
ގާތްގަނޑަކަށް 1.3 މިލިއަން ދަރިވަރުން ޖުލައި 2 ގައި އެޗްއެސްސީ އަދި އެއާ އެކުއެކީގައި ހިނގާ އިމްތިޙާންތައް ފެށިއެވެ.
މިއީ ޔުނިވަރސިޓީއަށް ވަނުމަށް މުހިންމު ދޮރެކެވެ. ޖުލައި މަހުގެ ދެވަނަ ހަފްތާއަށް ދިޔައިރު، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މުޅި ޤައުމަށް، ޚާއްޞަކޮށް ޗިޓަގޮންގަށް ބޮޑު އަސަރެއް ކުރިއެވެ. އަދި ޑާކާ އާއި އެހެން ސިޓީތަކުގައި ފެންބޮޑުވުން ކުރިމަތިވިއެވެ.
ތަޢުލީމީ ވުޒާރާއިން ޗިޓަގޮންގ ބޯޑުގެ ދަށުންވާ ފަސް ޑިސްޓްރިކްޓެއްގައި އިމްތިޙާންތައް ފަސްކުރި ނަމަވެސް، އެހެން ތަންތަނުގައި އިމްތިހާނު ކުރިއަށް ގެންދިޔައެވެ. މީގެ ސަބަބުން ގިނަ ސަރަޙައްދުތަކެއްގެ ދަރިވަރުންނަށް ކަކޫތާފެނުގައި ހިނގާފައި ދާންޖެހުމާއި، ބަލިވެ ތިބެ އިމްތިޙާން ހަދަންޖެހުމާއި، ޕޭޕަރުތަކުގެ ދެމެދުގައި އެކަށީގެންވާ ވަގުތު ނުލިބުމުގެ އުނދަގޫ ކުރިމަތިވިއެވެ.
ބެލެނިވެރިއަކާއެކު ވަޒީރު ފޯނުން ވާހަކަދެއްކެވި އޯޑިއޯއެއް ލީކުވުމާ ގުޅިގެން ރުޅިވެރިކަން ފެތުރިގެންދިޔައެވެ.
އޭގައި އޭނާ ވިދާޅުވި ކަމަށްވަނީ ވާރެއާ ތެމިގެްނ ބަލިވާ ކުދިންނަކީ ތެތް ކުކުޅުތަކެއް ފަދަ ބައެއް ކަމަށެެވެ.
ދަރިވަރުން މި ޢިބާރާތް ބޭނުންކޮށްގެން، "ތިޔައީ ކާކު؟ އަހަރެމެންނަކީ ކާކު؟ ކޮށީގައި ތިބޭ ކުކުޅު!" މިފަދަ ޝިއާރުތައް ގޮވައި، މަދުވެގެން 13 ޑިސްޓްރިކްޓެއްގައި މަގުތައް ބަންދުކޮށް، ތަޢުލީމީ އިދާރާގެ އޮފީސްތައް ވަށާލައި މުޒާހަރާކުރިއެވެ.
ޖުލައި 14 ގައި ޕާލިމެންޓް ކައިރިން މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ލަޓިބުރިން ޙަމަލާދިނުމުން، ކުރީގެ ހަރުކަށި ފިޔަވަޅުތަކުގެ ހަނދާންތައް އާވެ، ޑާކާގައި ބޮޑު ޓްރެފިކް ޖޭމެއް އުފެދުނެވެ.
ދަރިވަރުން ޑިމާންޑްކުރީ ވަޒީރު އިސްތިއުފާ ދެއްވުމަށާއި، ފެންބޮޑުވުމުގެ އަސަރުކުރި ކުދިންނަށް އަލުން އިމްތިޙާން ބޭއްވުމަށާއި، އަދި އިތުރަށް އިންސާފުވެރި ތާވަލެއް ހެދުމަށެވެ.
ޖުލައި 14 ގައި ބޮޑުވަޒީރު ޠާރިޤް ރަޙްމާން ވަޒީރާއެކު ކުއްލި ބައްދަލުވުމެއް ބޭއްވެވިއެވެ. ވަޒީރު ޕާލިމެންޓުގައި މަޢާފަށް އެދިވަޑައިގެން، ވާރޭގެ ސަބަބުންނާއި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ތަކުލީފުތައް ޤަބޫލުކުރެއްވިއެވެ.
އަދި ސަރުކާރުން އައު ފިޔަވަޚުތައް އާންމު ކުރިއެވެ. މޫސުމުގެ ސަބަބުން ޖުލައި 13 ގެ އިމްތިޙާން ގެއްލުނު ދަރިވަރުންނަށް އަލުން އިމްތިޙާން ދިނުމާއި ފިޒިކްސްގެ މައްސަލަ ހުރި ދެ ސުވާލަކަށް ފުރިހަމަ މާރކްސް ދިނުމާއި، މައްސަލަ ހުރި ޕޭޕަރު ތައްޔާރުކުރުމުގައި ބައިވެރިވި ހަތަރު ޓީޗަރަކު ސަސްޕެންޑްކުރުމާއި އަދި އުނދަގޫތައް ކުޑަކުރުމަށްޓަކައި އިމްތިޙާންތައް ފަސްކުރުމުގެ ނުވަތަ ސެންޓަރުތައް ބަދަލުކުރުމުގެ ބާރު ސަރަހައްދީ އިދާރާތަކަށް ދިނުން ހިމެނުނެވެ.
މި ލުއިތަކުގެ ސަބަބުން ދަރިވަރުންގެ ޝަކުވާތަކުގެ ޙަޤީޤަތް ޤަބޫލުކުރެވުނު ނަމަވެސް، މިއީ މުޒާހަރާތައް އާންމު ފަހުން ލިބުނު ލަސް ޙައްލެކެވެ.
ހޯމް މިނިސްޓަރު އިންޒާރު ދެއްވާފައިވަނީ، މަނާކޮށްފައިވާ އަވާމީ ލީގުގެ ނެޓްވޯކްތަކާއި އެހެން ޖަމާޢަތްތަކުން މި ޙަރަކާތުގެ ބޭނުން ހިފައި، ދޮގު މަޢުލޫމާތު ފަތުރައިގެން ނާޖާއިޒު ފައިދާ ހޯދަން މަސައްކަތް ކޮށްފާނެ ކަމަށެވެ. މިވަގުތަށް ދަރިވަރުން ވަނީ އިމްތިޙާން ހޯލްތަކަށް ރުޖޫޢަވެފައެވެ، ނަމަވެސް އޮންލައިންކޮށް އަދި އާންމު މަސްރަޙުގައި ބަހުސްތައް ކުރިއަށްދެއެވެ.
މި ޙާދިސާއިން ދައްކައިދެނީ ޖެން ޒީގެ ޒުވާނުން ކަރާމާތާއި، އިންޞާފާއި އަދި އެމީހުންގެ އަޑުއެހުމުގެ މުހިންމު ކަމެވެ.
ވެރިކަމެއް ވައްޓާލުމަށް އެހީތެރިވެދިނުމަށްފަހު، އެކުދިން އުންމީދުކުރަނީ ޒުވާނުންނަށް އިޖާބަދޭ ޑިމޮކްރަސީއަކަށެވެ.





