ސްވިޒަލެންޑުގައި ދިރިއުޅޭ ދިވެހި އެކްޓިވިސްޓަކަށް އަމާޒުކޮށް، ރޭވިފައިވާ ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނާ ވާހަކައަކާ ގުޅިގެން ރާއްޖޭގެ އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކަކާއި ބަހުސްތަކެއް ފެށިއްޖެ އެވެ.
ރާއްޖޭގެ ޑިމޮކްރަސީގެ ހަރަކާތްތަކުގައި ކުރިން ދައުރެއް އަދާކުރެއްވި، "ސަންދާނު" އިބްރާހިމް ލުތުފީ، ހޮނިހިރު ދުވަހުގެ ރޭ 10:49 ހާއިރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްވިޒަލެންޑުގެ ބޭސަލްގައި އޭނާއަށް އަމާޒުކޮށް "ވަރަށް ރޭވިގެން ކުރިއަށް ގެންދިޔަ" އަވަހަރާކޮށްލުމުގެ ހަމަލާއެއް ދޭން އުޅުނު ކަމަށެވެ. އަދި މި ހަމަލާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވާލުކުރައްވައިގެން، ޖިނާއީ ކުށްތައް ކުރާ ގްރޫޕުތަކަކުން ދިން ހަމަލާއެއް ކަމަށް ލުތުފީ ތުހުމަތުކުރެއްވި އެވެ.
އެތައް އަހަރެއް ވަންދެން އަރުވާލެވިގެން އުޅުއްވާ ލުތުފީ ވަނީ، އޭނާ ސަލާމަތްވިކަން ހާމަކޮށް "އަލްހަމްދުލިﷲ، އަހަރެން ރަނގަޅު" ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ވަނީ ﷲގެ ހަޟްރަތުން ލިބޭ ރައްކާތެރިކަމާއި، ތަގްދީރުއާ ގުޅޭ އާޔަތްތައް ވެސް ހިއްސާކުރައްވައިފަ އެވެ.
މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސްވިޒަލެންޑުން ލަންކާއާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނޭހެން ދިވެހި ގިނަ ސިޔާސީ ބޭފުޅުންނާއި އިދާރާތައް ޓެގްކޮށްފައިވެ އެވެ.
ނަމަވެސް، މި ތުހުމަތުތަކާ މެދު ރާއްޖޭގައި އާންމުންގެ މެދުގައި ބޮޑެތި ޝައްކުތަކެއް ވަނީ އުފެދިފަ އެވެ. ލުތުފީއަކީ ފަހަކަށް އައިސް އެއްވެސް ސިޔާސީ ހަރަކާތެއްގައި ފެންނަން ހުރި ބޭފުޅަކަށް ނުވާތީ، މިއީ ހަގީގީ ނުރައްކަލެއްތޯ، ނުވަތަ ނަފްސާނީ ގޮތުން ދިމާވި މައްސަލައެއްތޯ، ނުވަތަ އަލުން މަޝްހޫރުކަން ހޯދުމަށް ކުރެއްވި ކަމެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
"ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު ވެސް ވަރަށް ބޮޑަށް ހަލަބޮލި. މިފަދަ ބޭފުޅަކު ކުއްލިއަކަށް ކުރީގެ ރައީސަކަށް މިފަދަ ބޮޑު ތުހުމަތެއް ކުރެއްވުމުން، މިއީ ހަމަ ހަގީގަތެއްތޯ ނުވަތަ ސަމާލުކަން ހޯދަން ކުރި ކަމެއްތޯ އާންމުން ސުވާލުކުރާނެ،" ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތަކުން ބުންޏެވެ.
ބޭސަލްގެ ފުލުހުންނަށް މި މައްސަލަ ހުށަހެޅިފައިވާ ކަމަށް ލުތުފީ ވިދާޅުވި ނަމަވެސް، ޖިނާއީ ތަހުގީގެއް ފަށާފައިވާކަން އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އަދި މިހާތަނަށް ލުތުފީގެ ޕޯސްޓުގައި ނަން ހިމެނޭ އެއްވެސް ފަރާތަކުން ރަސްމީކޮށް މިކަމަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.





