އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ ސޮލީބީ އުދުވާނަށް ރައްދުދިނުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަންގެ އެންމެ ފަހުގެ ރާޅުގައި، ކުވައިތުގައި ހުންނަ ޢަލީ އައްސާލިމް އެއާ ބޭހުގައި ހުރި އެމެރިކާގެ ކުރިއާލާ އިންޒާރުދޭ ރާޑަރު ސިސްޓަމަކަށާއި ބައެއް އަސްކަރީ ވަސީލަތްތަކަށް ޙަމަލާދީފައިވާ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނެފިއެވެ.
ހޯމަ ދުވަހު ނެރުނު، އަދި ކުވައިތުގެ ރައްޔިތުންނަށް މުޚާތަބުކޮށް އައި.އާރް.ޖީ.ސީ އިން ދިން ބަޔާނެއްގައި ބުނެފައިވަނީ، ޑްރޯން ޙަމަލާއެއްގައި އެމެރިކާގެ ކުރިއާލާ އިންޒާރުދޭ ރާޑަރު ސިސްޓަމެއް "މުޅިން ސުންނާފަތިކޮށްލާފައިވާ" ކަމަށެވެ.
މީގެ އިތުރުން، ޢަލީ އައްސާލިމް އެއާ ބޭހުގައި ވައިގެ ދަތުރުފަތުރާ ބެހޭ ސާމާނާއި އިތުރު ގުދަނަކަށާއި، އެމް.ކިއު-9 ރީޕާ ޑްރޯން ބަހައްޓާ ހޭންގަރަކަށް ދިން ވަކި ޙަމަލާއެއްގައި، އެތައް ޑްރޯނެއްގައި ރޯވެ އަނދާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އީރާން، ޢިރާޤު، އަފްޣާނިސްތާން، އަދި ފަލަސްޠީނުގައި މުސްލިމުން ޝަހީދުކުރަމުންދާ އަދި އަދަށްދާންދެންވެސް ޝަހީދުކުރަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގެ މަރުކަޒެއްގެ ގޮތުގައި ކުވައިތުގެ ބިން ބޭނުންކުރުމުގެ ފުރުޞަތު ނުދިނުމަށް އެ ބަޔާނުގައި ކުވައިތުގެ ރައްޔިތުންނަށް ގޮވާލާފައިވެއެވެ.
"މީގެ 140 ދުވަސް ކުރިން، އެމެރިކާގެ ކުޑަކުދިން މަރާ ލަޝްކަރުން އަހަރެމެންނާ ދެކޮޅަށް ހަނގުރާމަ ފެށީ ހަމަ މި ބޭސްތައް ބޭނުންކޮށްގެން. ހަނގުރާމަ ފެށުނީ މިނާބްގެ ސްކޫލެއްގައި ތިބި 168 ސްކޫލް ކުދިންގެ ގަތުލުއާންމަކުން، އަދި މި ޒަމާނުގެ އެންމެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިޔާ، ޝަހީދު އިމާމް ޚާމަނައީ އަވަހާރަކޮށްލުމުން،" ބަޔާނުގައިވެއެވެ.
"ވޭތުވެދިޔަ އަހަރުތަކުގައި މަދުވެގެން 10 އިސްލާމީ ޤައުމަކަށް ޙަމަލާދީ، އެތައް މިލިއަން މުސްލިމުންނެއް މަރާފައިވާ ޓެރަރިސްޓް ލަޝްކަރަކަށް ރައްކާތެރި މާޙައުލެއްގެ ގޮތުގައި ކުވައިތުގެ ބިން ވެގެންނުވާނެ،" ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ. އަދި އިސްލާމީ ހުރިހާ މަޛްހަބުތަކެއްގެ ދީނީ އިލްމުވެރިންގެ ނިންމެވުންތަކުގެ ދަށުން އެމެރިކާގެ ސިފައިންނަކީ އިސްތިއުމާރީ/އުދުވާނީ ބައެއްގެ ގޮތުގައި ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.
ކުވައިތުގެ ރައްޔިތުންނާ މުޚާތަބުކޮށް އައި.އާރް.ޖީ.ސީ އިން ބުނެފައިވަނީ، "ތިޔަބައިމީހުން ތިޔަބައިމީހުންގެ ދީނީ ވާޖިބު އަދާކޮށް، އިސްލާމީ ބިންތަކުގެ ޝަރަފާއި ކަރާމާތް އަލުން އަނބުރާ ހޯދައިދޭނެ ކަމަށް އަހަރެމެން އުންމީދު ކުރަން،" ކަމަށެވެ. އަދި މުސްލިމުން މެރުމަށާއި އުދުވާން ހިންގުމަށް ފަށާ ތަނެއްގެ ގޮތުގައި އެަ ޤައުމުގެ ފަސްގަނޑު ބޭނުންކުރުމުގެ ފުރުޞަތު ނުދިނުމަށް އެދި ބާރުއަޅާފައިވެއެވެ.






