ސައުތު ކޮރެއާގެ އެންމެ ބޮޑު ސެކަންޑްހޭންޑް އޮންލައިން މާކެޓްޕްލޭސް، "ކެރޮޓް" އިން ފެނުނު އިޝްތިހާރެކެވެ. ސުރުޚީއަކަށް އިނީ "ނުކަނޑާ ހުރި، މުޅިން އާ ޕްރެގްނަންސީ ބެޖުތައް" ވިއްކާށެވެ. އަގަކީ އެންމެ 1،000 ވޮން (0.68 އެމެރިކާ ޑޮލަރު) އެވެ. އިޝްތިހާރުގައި ބުނެފައިވަނީ މިއީ އާންމު ދަތުރުފަތުރުގެ ނިޒާމުގައި މާބަނޑު މީހުންނަށް ޚާއްޞަކޮށްފައިވާ ސީޓުތައް ހޯދުމަށް "ވަރަށް ބޭނުންތެރި" އެއްޗެއް ކަމަށެވެ.
އާންމުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވުމުން އެ އިޝްތިހާރު މިހާރު ވަނީ ޑިލީޓްކޮށްފައެވެ. ނަމަވެސް، މިއީ އެންމެ ހާދިސާއެއް ނޫނެވެ.
އޮންލައިންގެ އެކި ޕްލެޓްފޯމްތަކުގައި މިފަދަ ޕިންކް ބެޖުތައް މަދު ވޮންކޮޅަކުން ފެށިގެންގޮސް 10،000 އަށްވުރެ ގިނަ ވޮންއަށް މިތަކެތި ވިއްކަން ޖަހާފައި އެބަހުއްޓެވެ. އަދި ބައެއް މީހުން ހިލޭވެސް މި ބެޖު ދެމުންދެއެވެ. މާބަނޑު މީހުންނަށް މުޖުތަމަޢުން އަޅާލުމާއި އިޙްތިރާމް އަދާކުރުމުގެ ރަމްޒެއްގެ ގޮތުގައި ތަޢާރަފުކުރި މި ބެޖު، މިއަދު މިވަނީ ހިލޭ ލިބޭ ޚިދުމަތްތަކާއި ބޮޑެތި ޑިސްކައުންޓްތައް ހޯދަން ބޭނުންކުރާ "ޓިކެޓަކަށް" ވެފައެވެ.
މިކަމާ ގުޅިގެން ކެރޮޓް ކުންފުނިން ބުނީ، ސަރުކާރުގެ މުއައްސަސާތަކުން ދޫކުރާ މިފަދަ ތަކެތި ވިއްކުމަކީ މަނާކަމެއް ކަމަށެވެ. ނަމަވެސް، ފައިދާއެއް ނުލައި ހިލޭ ބެހުމަކީ މަނާކަމެއް ނޫނެވެ. އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ބައެއް ފަހަރު މި ބެޖުތައް ބޭނުންވާ މާބަނޑު މީހުންނަށް ސަރުކާރުން އެ އެއްޗެހި ހުސްވެގެން ނުލިބޭތީ، ހެޔޮ ނިޔަތުގައި ބަހާ މީހުންނަށް އެ ފުރުޞަތު ދެނީއެވެ.
ބެޖުން ލިބޭ ބޮޑެތި ފައިދާތައް
މި ބެޖަކީ ހަމައެކަނި ބަހާއި ރޭލުގެ ސީޓު ހޯދަން ބޭނުންކުރާ އެއްޗެއް ނޫނެވެ. މިއީ މާބަނޑު މީހުންނަށް ލިބޭ ޚާއްޞަ މާލީ ފައިދާތަކާއި އިނާޔަތްތަކުގެ ޝަރުޠު ހަމަވާކަމުގެ ހެެއްކެކެވެ.
އިންޗިއޮން އެއާޕޯޓުން ފުރާއިރު ޚާއްޞަ ޗެކް އިން ޚިދުމަތާއި ސެކިއުރިޓީ ސްކްރީނިންގްއިން އަވަހަށް ފޭދުމުގެ ފުރުޞަތު މިބެޖުން ލިބެއެވެ. ޖެޖޫ ޝިންހްވާ ވޯލްޑް ފަދަ ލަގްޒަރީ ހޮޓާތަކުގެ ބުފޭއިން މާބަނޑު މީހުންނަށް 50 އިންސައްތައިގެ ބޮޑު ޑިސްކައުންޓެއް ލިބެއެވެ.
ގިނަ ވިޔަފާރިތަކަށް މާބަނޑު މީހެއްކަން ސާބިތުކުރަން މެޑިކަލް ސެޓްފިކެޓް ބޭނުންކުރި ނަމަވެސް، ބައެއް ތަންތަނުން ހަމައެކަނި މި ބެޖު ދެއްކުމުން ޑިސްކައުންޓް ދެއެވެ.
"އަހަރެމެން މި ބެޖު ދެއްކީމާ ޑިނާ ބުފޭއިން 20 އިންސައްތަ ޑިސްކައުންޓް ދެން. ސަބަބަކީ މި ބެޖު ސަރުކާރުން ދޫކުރާނީ ހޮސްޕިޓަލް ލިޔެކިޔުން ދެއްކީމާ ކަމަށްވާތީ، މިއީ އަސްލެއް ކަމަށް ބަލައިގެން،" ސޯލްގެ ޔޮންގްސަން-ގޫ ގައި ހުންނަ ހޮޓަލެއްގެ މެނޭޖަރަކު މީޑިއާއަށް ކިޔައިދިނެވެ.
މި ބެޖަކީ 2006 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއާ އިން ތަޢާރަފުކުރި އެއްޗެކެވެ. ހޮސްޕިޓަލުން މާބަނޑު މީހެއްކަމުގެ ސެޓްފިކެޓް ހިފައިގެން ދިއުމުން ކައުންސިލް އޮފީސްތަކުންނާއި ސަބްވޭ ސްޓޭޝަންތަކުން މިއަދުވެސް މި ބެޖު ދޫކުރެއެވެ.
މި ބެޖު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަ ބޮޑުވުމުން ހެލްތު މިނިސްޓްރީން ވަނީ އާންމުންގެ އަޚްލާޤީ ޒިންމާދާރުކަން އިސްކުރުމަށް ގޮވާލާފައެވެ. ނަމަވެސް، މިކަން ހުއްޓުވުމުގައި ސަރުކާރު އޮތީ ނުކުޅެދިފައެވެ.
"މި ބެޖުތައް ނާޖާއިޒު ގޮތުގައި ވިޔަފާރިކުރާކަން އެނގޭ. އެކަމަކު މި އެއްޗެހި ހޯދަން އުޅުމުގެ ޚަރަދު، އާ ބެޖު ހެދުމުގެ ޚަރަދަށްވުރެ ބޮޑު. އެހެންވީމާ އެ އެއްޗެހި އަތުލުމަކީ ކުރެވޭނެ ކަމެއް ނޫން،" މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.
މި ބެޖު ގަނެވިއްކުން ސީދާ މަނާކުރާ ޤާނޫނެއް ނެތް ނަމަވެސް، ޤާނޫނީ މާހިރުން އިންޒާރު ދެނީ މިއީ ޖިނާއީ ކުށަކަށް ވެދާނެ ކަމަށެވެ. މުޖުތަމަޢުގެ ނާޒުކު ފަންތިއަކަށް އެހީވުމުގެ ނިޔަތުގައި ފެށި މި ނިޒާމު، މިއަދު މިވަނީ ބައެއް ބައެއްގެ ދަހިވެތިކަމުގެ ސަބަބުން ނާޖާއިޒު ފައިދާ ނަގާ ވަޞީލަތަކަށް ވެފައެވެ.






