އީރާނުން އެމެރިކާއަށް ދިންގެއްލުން އެމެރިކާ ބުނާ ވަރަށް ވުރެން ބޮޑު

އެމެރިކާ-އީރާން ހަނގުރާމައިގައި އެމެރިކާގެ ދިފާއީ ވޒާރާ އިން އާންމުކުރާ ތަފާސްހިސާބުތަކުގެ އިތުބާރާމެދު ބޮޑެތި ސުވާލުތަކެއް ނިއުޔޯކް ޓައިމްސްއިން އުފައްދަައިފިއެވެ. އެއް ދުވަހުގެ ތެރޭގައި އެމެރިކާ ސިފައިން މަރުވިކަމަށް އިއުލާންކުރި ކުއްލިއަކަށް އަދަދު ބަދަލުވުމާ ގުޅިގެން، ޑިމޮކްރެޓިކް މެންބަރުން ދަނީ ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ފުރިހަމަ ތަފްސީލު ހާމަކުރުމަށް ގޮވާލަމުންނެވެ.

’ނިއު ޔޯކް ޓައިމްސް' އިން ރިޕޯޓްކުރާ ގޮތުގައި، ޕެންޓަގަންގެ ވެބްސައިޓުގައި ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު 18 އިން 14 އަށް، 24 ގަޑިއިރު ނުވަނީސް ވަނީ ދަށްކޮށްފަ އެވެ.

އަސްކަރީ ތިން އޮފިޝަލަކު އެނޫހަށް މައުލޫމާތު ދެއްވި ގޮތުގައި، ޖޯޑަންއާއި އުތުރު އިރާގުގައި މަރުވި ހަތަރު ސިފައިންގެ ނަންތައް ލިސްޓުން އުނިކުރީ، ރައީސް ޑޮނަލްޑް ޓްރަމްޕް އޭޕްރީލް މަހު އިއުލާންކުރެއްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު އެ މީހުން މަރުވުމުންނެވެ. ނަމަވެސް، ފަހުން އަލުން ހަނގުރާމަ ފެށުނުކަން ފާހަގަ ކޮށްފައެއް ނުވެއެވެ.

ތަފާސްހިސާބުތަކުގެ އޮޅުވާލުން:

ޕެންޓަގަންގެ ތަރުޖަމާނު ޖޯއެލް ފަލްޑޭޒް ވިދާޅުވީ، ވެބްސައިޓުގައި ފެންނަން ހުރި ތަފާސްހިސާބުތައް ބަދަލުވުމަކީ "ވަގުތީ ޓެކްނިކަލް މައްސަލައެއް" ކަމަށާއި، އެކަން އިސްލާހުކުރާނެ ކަމަށެވެ. ނަމަވެސް، މިފަދަ ހިސާބުތަކުގެ އިތުބާރުގެ މައްސަލަ މިވަނީ ބޮޑުވެފަ އެވެ. ހާއްސަކޮށް، ރައީސް ޓްރަމްޕް އަމިއްލަފުޅަށް 18 ސިފައިން މަރުވެފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވުމުން، ސަރުކާރުގެ ރަސްމީ ވެބްސައިޓުގައިވާ އަދަދާ ދެމެދު ބޮޑު ފަރަގަކާއި ފުށުއެރުމެއް ވަނީ އުފެދިފަ އެވެ.

ސެނެޓުގެ އާމްޑް ސާވިސަސް ކޮމިޓީގެ ޑިމޮކްރެޓިކް މެންބަރުން ވަނީ ޑިފެންސް މިނިސްޓަރު ޕީޓް ހެގްސެތްގެ ކިބައިން ހަނގުރާމައިގައި މަރުވި އަދި ޒަހަމްވި އެންމެހާ ސިފައިންގެ "އިންސާފުވެރި އަދި ފުރިހަމަ" ތަފާސްހިސާބު ހާމަކުރުމަށް ގޮވާލާފަ އެވެ. ސެނެޓަރު މާޒީ ހިރޯނޯ އާއި އެހެން 11 މެންބަރުން ވިދާޅުވީ، ޕެންޓަގަންއިން ހަނގުރާމައިގެ ގެއްލުންތަކުގެ ރިޕޯޓުތައް ފުރިހަމައަށް އަދި ވަގުތުން ހާމަނުކޮށް އޮޅުވާލާ ކަމަށެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން އީރާނުގެ ހަމަލާތަކުގައި އެމެރިކާ ގެ ސިފައިން ގެ 100 މީހުން ޒަހަމްވެފައިވާއިރު، ހަނގުރާމަ ފެށުނީއްސުރެ ޒަހަމްވި ސިފައިންގެ ޖުމްލަ އަދަދު 570 އަށް އަރަ އެވެ. މިއިން ބައެއް މީހުން ޒަޚަމްވެފައި ވަނީ ނުކުޅެދޭ މިންވަރަށެވެ.

އިތުރު އޮޅުވާލުންތަކާއި ޝައްކުތައް:

މީޑިއާއިން ފާހަގަކުރާ ގޮތުގައި، 4 ސިފައިންގެ ނަން އުނިކުރުމުން ޓްރަމްޕްގެ އިދާރާއިން ހަނގުރާމައިގެ ހަގީގަތްތައް ފޮރުވަން އުޅޭކަމުގެ ޝައްކު ވަނީ އިތުރުވެފަ އެވެ. ރިޓަޔާޑް ޖެނެރަލް ބެން ހޮޖެސް ވިދާޅުވީ، ހަނގުރާމައިގެ ހަގީގީ މަންޒަރު އެމެރިކާ ރައްޔިތުންނަށް ކިޔައިދޭން ޓްރަމްޕްގެ އިދާރާ ޖެހިލުންވާ ކަމަށެވެ.

މި ސަބަބުތަކާ ހުރެ، ޓްރަމްޕްގެ އިދާރާ މިހާރު މިވަނީ ހަމައެކަނި އީރާނާ ދެކޮޅަށް ހަނގުރާމަކުރުމުގެ އިތުރުން، އެމެރިކާގެ އެތެރޭގައި ކަންކަން ފޮރުވާ ބަޔަކަށް ވެފައެވެ. އެމެރިކާގެ ގެއްލުންތަކުގެ އަދަދުތައް ބަދަލުވުމަކީ ހަނގުރާމައިގެ ކަންކަން މެނޭޖްކުރުމުގައި ސަރުކާރުން ނާކާމިޔާބުވެފައިވާ ކަމުގެ ހެއްކެއްގެ ގޮތުގައި ޓްރަމްޕްގެ ފާޑުކިއުންތެރިން ސިފަކުރެ އެވެ.

ހިއްސާ ކުރައްވާ!