ތިން ވަނަ ދައުރެއް ބޭނުންވާ ކަމަށް ޓްރަމްޕް ބުނެފި

މީގެ ތިން މަސް ކުރިން ބޭއްވި ހަފުލާއެއްގައި ޓްރަމްޕް މަރާލަން އުޅުނު ހާދިސާއާ ގުޅިގެން ކެންސަލް ކުރި ވައިޓް ހައުސް މުރާސިލިންގެ ޖާފަތް ރޭ އަލުން ބާއްވައިފިއެވެ.

ވޮޝިންޓަންގެ 'ވޯލްޑޯފް އެސްޓޯރިއާ' ހޮޓަލުގައި ބޭއްވި މި ޖާފަތަށް ހަރުކަށި ސަލާމަތީ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ އޭނާ މީޑިއާ މެދު ގެންގުޅޭ ހަތުރުވެރި ބަސްމަގު އަލުން ތަކުރާރުކޮށް ދޮގު މީޑިއާ ކަމަށް ބުނާ ފަރާތްތަކަށް ވަރުގަދަ ހަމަލާތަކެއް ދެއްވާފަ އެވެ. އަދި ޓްރަމްޕް ވަނީ ތިންވަނަ ދައުރަކަށް ރިޔާސަތާ ހަވާލުވެވަޑައިގަތުމުގެ ޝައުގުވެރިކަންވެސް ފާޅުކޮށްފައެވެ.

އޭނާގެ ވެރިކަން ހޯދުމުެގ އެދުވެރިކަމުގެ ވާހަކަ ޖޯކަކުން ސިފަ ކުރުމަށްފަހު "މިތަނުގައި މި ތިބީ ޓްރަމްޕްގެ މައްސަލައިގައި މާބޮޑަށް ވިސްނާ މީހުންގެ އެންމެ ބޮޑު ގްރޫޕް ކަންނޭނގެ،" ޓްރަމްޕް ވިދާޅުވި އެވެ.

އޭޕްރީލް މަހު ހިނގި ޓްރަމްޕް ނައްތާލަން އުޅުމުގެ ހާދިސާއަށް އިޝާރާތްކުރައްވައި، ޓްރަމްޕް ވިދާޅުވީ "ޝޯ ކުރިއަށް ދާންޖެހޭނެ" ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު އޭނާގެ އާންމު ނާތަހުޒީބީ މަސްމަގާ އެއްގޮތަށް ވަގުތުން އެކި ފަރާތްތަކަށް ހަމަލާތައް އަމާޒުކުރައްވަން ފެށްޓެވި އެވެ.

އެގޮތުން ނޫސްވެރިންނާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނަށް ފާޑުވިދާޅުވި އެވެ. ގާތްގަނޑަކަށް ބޭކާރު ބަކުވާސް ވާހަކައިގެ އެއް ގަޑިއިރަށް ދެމިގެން ދިޔަ މި ތަގުރީރު ނިންމާލަމުން ވިދާޅުވީ، ހާޒިރުވެ ތިބި ނޫސްވެރިންނަށް "ބޮޑު އިހްތިރާމެއް" ގެންގުޅުއްވާ ކަމަށާއި، ނަމަވެސް "އަޅުގަނޑު މި މަގާމުން ދިއުމާއެކު ތިޔަ އެންމެން ބަނގުރޫޓު ވާނެ،" ކަމަށެވެ.

ސަލާމަތީ ފިޔަވަޅުތައް:

މިފަހަރުގެ ހަފުލާ ބާއްވާފައިވަނީ ޓްރަމްޕް ކުރިން ވިޔަފާރި ހިއްސާ ގެންގުޅުއްވި 'ވޯލްޑޯފް އެސްޓޯރިއާ' ހޮޓަލުގަ އެވެ.

ފުލުހުންނާއި ނޭޝަނަލް ގާޑުން ހޮޓަލުގެ ވަށައިގެން ފުޅާ ސަރަހައްދެއް ބަންދުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރި އެވެ.

އޭޕްރީލް މަހު 'ވޮޝިންޓަން ހިލްޓަން' ގައި ބޭއްވި ހަފުލާގައި ހަތިޔާރު އެޅި މީހަކު ޓްރަމްޕް މަރާލަން ވަދެ އުޅުމުން އެ ހަފުލާ ވަނީ ކުރިއށް ނުގެންގޮސް ހުއްޓާލާފަ އެވެ.

އެ މައްސަލައިގައި 31 އަހަރުގެ އެމެރިކާގެ ޓެރަރިސްޓެއް ކަމަށްވާ ކޯލް ތޯމަސް އެލަން ވަނީ ރައީސް އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އޭނާއަކީ މުސްލިމެއް ނޫނެވެ!

ރައީސް ޓްރަމްޕް މީޑިއާއާ މެދު ގެންގުޅޭ ހަތުރުވެރިކަން:

ޓްރަމްޕް މީޑިއާގައި އޭނާގެ ވާހަކަ ގެންނަން ނިކަން ބޭނުންވެއެވެ. ނަމަވެސް މީޑިއާއަކީ "ސިޔާސީ ޕާޓީތަކުގެ ހަތުރުން" ކަމަށް ވިދާޅުވެ ފާޑުވިދާޅު ވެއެވެ. މިއީ އޭނާގެ ދެ ދައުރުގައި މީޑިއާއާއެކު މިފަދަ ހަފުލާއެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ހިއްސާ ކުރައްވާ!