ސުއޭސް ކެނަލް މިނިވަން ކުރިތާ މިއަދަށް 70 އަހަރު

މިއަދަކީ، 26 ޖުލައި 1956 ގައި މިސްރުގެ އޭރުގެ ރައީސް ޖަމާލް ޢަބްދުއްނާސިރު، ސުއޭޒް ކެނަލް (ސުއޭޒް ކަނޑުއޮޅި) ޤައުމީ މިލްކަކަށް ހެއްދެވިތާ 70 އަހަރު ފުރޭ ދުވަހެވެ. މި ތާރީޚީ ހާދިސާއަކީ އިސްތިއުމާރީ ބާރުތަކުގެ ނުފޫޒުން މިސްރު މިނިވަންވުމުގެ ރަމްޒެކެވެ.

ސުއޭޒް ކެނަލް މިސްރުގެ ޤައުމީ މިލްކަކަށް ހެދުން

އެމެރިކާއިން އަސްވާން ޑޭމް ބިނާކުރުމަށް ދޭން އެއްބަސްވި މާލީ އެހީތެރިކަން ދެިނުމަށް ދެކޮޅު ހަދައި އެެ ފައިސާ ދިނުން ފަހުން އަނބުރާ ގެންދިއުމުން، ރައީސް ނާސިރު ނިންމެވީ އެއިރު އިނގިރޭސިން ކޮންޓްރޯލު ކުރަމުން ގެންދިޔަ ސުއޭޒް ކެނަލް މިސްރުގެ ޤައުމީ މިލްކަކަށް ހައްދަވައި، އެތަނުން ލިބޭ އާމްދަނީން އެ ބިޔަ މަޝްރޫޢު ފަންޑު ކުރެއްވުމަށެވެ.

މި މަސައްކަތް ހަވާލުކުރެއްވީ އިންޖިނިއަރު މަޙްމޫދު ޔޫނުސްއާއެވެ. 26 ޖުލައި 1956 ގައި ނާސިރު މަންޝިއަތުލްބަކްރީގައި ދެއްވި ތަޤުރީރުގައި "ޑިލެސެޕްސް" މި ކޯޑް ބަސް 17 ފަހަރު ވިދާޅުވުމާއެކު، މިސްރުގެ ޓީމުތަކުން ސުއެސް ކެނަލްގެ މައި އޮފީސްތަކުގެ ކޮންޓްރޯލް ނެގިއެވެ.

އިސްތިއުމާރީ ބާރުތަކުގެ އަނިޔާވެރިކަން

ނާސިރުގެ މި ނިންމެވުމާއެކު، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި އިޒްރޭލުން ގުޅިގެން މިސްރަށް އަސްކަރީ އުދުވާނީ ހަމަލާއެއް ދިނެވެ. މިއީ މިސްރުގެ ތާރީޅުގައި އުދުވާނުއްސުލާސީގެ ނަމުން މަޝްހޫރުކޮށް ފާހަގަ ކުރާ އުދުވާނެވެ.

މިއީ ހުޅަނގުގެ ބާރުތަކުން އެމީހުންގެ އިސްތިއުމާރީ މަސްލަހަތު ހިމާޔަތްކުރުމަށް، ޤައުމެއްގެ ސިޔާދަތަށް އަރައިގަތް ލަދުވެތި ހަމަލާއެކެވެ. ހުޅަނގުގެ މި ބާރުތަކުން އަބަދުވެސް މަސައްކަތްކުރަނީ އެމީހުންގެ ނުފޫޒު އޮތް ތަންތަން ޤައުމީ މިލްކަކަށް ހެދުމުން، އަސްކަރީ ބާރު ބޭނުންކޮށްގެން އެކަން ހުއްޓުވުމަށެވެ.

މިއަދުގެ ފާރިސީ ގަލްފުގެ ހާލަތާ އޮތް ގުޅުން

މިއަދު ފާރިސީ ގަލްފުގެ ސަރަހައްދުގައި ހިނގަމުންދާ ކަންކަމަކީ، 1956 ގައި މިސްރާ ދެކޮޅަށް ހިންގި އަމަލުތަކުގެ އެހެން ސިފައެކެވެ. ހުޅަނގުގެ ބާރުތަކުން މިއަދުވެސް މަސައްކަތްކުރަނީ އެމީހުންގެ އިޤްތިޞާދީ އަދި އަސްކަރީ ސިޔާސީ ނުފޫޒު ގަލްފްގައި ދެމެހެއްޓުމަށެވެ. އޭރު ސުއޭޒް ކެނަލް ހިފަހައްޓަން އެމީހުން މަސައްކަތްކުރި ފަދައިން، މިއަދު ފާރިސީ ގަލްފު އަދި ހުރުމުޒު ކަނޑުއޮޅިއާއި ތެޔޮ ވަޅުތަކާއި ކަނޑުގެ މަގުތައް ކޮންޓްރޯލް ކުރުމަށް އެމީހުން ބޭނުންކުރާ ހީލަތްތެރި އުކުޅުތަކުން ފެންނަނީ ހަމަ އެ އިސްތިއުމާރީ މަކަރުވެރިކަމެވެ.

ސުއޭޒް ކެނަލްގެ ތާރީޚު: މިސްރުގެ ހަޤީޤީ މިލްކެއް

ސުއޭޒް ކެނަލްއަކީ ހުޅަނގުގެ ގައުމުތަކުން މިސްރަށް ދިން ހަދިޔާއެއް ނޫނެވެ. އެއީ މިސްރުގެ ސަރުކާރުގެ ފައިސާއާއި އެގައުމުގެ ރައްޔިތުންގެ ލެޔާއި ދަލުން ބިނާކުރި ތަނެކެވެ.

  • ފެށުން: މެޑިޓެރޭނިއަން ކަނޑާއި ރެޑްސީ ކަނޑު ގުޅުވުމުގެ ހުވަފެނަކީ ޤަދީމީ މިސްރުގެ ރަސްކަލުންގެ ޒަމާނުން ފެށިގެން އޮތް ހުވަފެނެކެވެ.

  • ބިނާކުރުން: 1859 ގައި ސުއެސް ކެނަލް ކޮނެ ބިނާ ކުރަން ފެށި މި މަސައްކަތަށް 369 މިލިއަން ފްރެންޗު ފްރޭންކް މިސްރު ސަރުކާރުން ޚަރަދު ކުރިއެވެ.

  • ޤުރުބާނީ: މި ކެނަލް ކޮނުމުގައި 10 ލައްކައެއްހާ މީހުން މަސައްކަތްކުރި އެވެ. އޭގެ ތެރެއިން 1 ލައްކަ 25 ހާސް މަސައްކަތްތެރިން ވަނީ މި މަސައްކަތް ކުރުމުގެ ތެރޭގައި މަރުވެފައެވެ.

ސުއޭޒް ކެނަލްގެ ތާރީޚީ ބާނީންނާއި އިންޖިނިއަރުން އަދި މިސްރުގެ ރަސްކަލުން

1. "ޑިލެސެޕްސް" ގެ ދައުރު:
ފަރަންސޭސި ޑިޕްލޮމެޓެއް ކަމަށްވާ ފެރްޑިނަންޑް ޑެ ލެސެޕްސް އަކީ ސުއޭޒް ކެނަލް ކޮނުމުގެ 99 އަހަރުގެ ވިޔަފާރި އިމްތިޔާޒު ހޯއްދަވައި، "ސުއޭޒް ކެނަލް ކުންފުނި" އުފައްދަވައިގެން 1859 ގައި ކެނަލް ކޮނުމުގެ ޢަމަލީ މަސައްކަތް ފެއްޓެވި ފަރާތެވެ. 1956 ގައި މިސްރުގެ ރައީސް ޖަމާލް ޢަބްދުއްނާސިރު ކެނަލް ޤައުމީ ކުރެއްވި އިރު، އޮޕަރޭޝަން ފެށުމަށް ބޭނުންކުރެއްވި ސިއްރު ކޯޑު ބަހަކީވެސް "ޑިލެސެޕްސް" އެވެ.

2. އިންޖިނިއަރުންގެ ދައުރު:
މޮންސިއާ ބެލްފޮންޓް: މިއީ 1840 ގައި މެޑިޓެރޭނިއަން ކަނޑާއި ރެޑްސީގެ ފެނުގެ ސަތަހަ އެއްވަރެއްގައި ހުރިކަން ސާބިތުކޮށްދީ، ކެނަލް ކޮނުމުގެ ފުރަތަމަ އިންޖިނިއަރިންގ ޕްލޭން އެކުލަވާލި ފަރަންސޭސި އިންޖިނިއަރެވެ.
މަޙްމޫދު ޔޫނުސް: 1956 ގައި ރައީސް ނާސިރުގެ އަމުރަށް ސުއޭޒް ކެނަލް އިނގިރޭސީންނާއި ފަރަންސޭސީންގެ އަތުން އަތުލައި، މިސްރުގެ ޤައުމީ މިލްކަކަށް ހެދުމުގެ އޮޕަރޭޝަން އިސްވެ ހިންގެވި މިސްރުގެ އިންޖިނިއަރެވެ.

3. މިސްރުގެ ރަސްކަލުންގެ ދައުރު:
މުޙައްމަދު ސަޢީދު ބާޝާ: ޑިލެސެޕްސްއަށް ކެނަލް ކޮނުމުގެ ހުއްދަ ދެއްވައި، މަސައްކަތް ފެއްޓެވި ރަސްގެފާނެވެ. ކެނަލް ކައިރީގައިވާ "ޕޯޓް ސަޢީދު" އަށް ނަންދެވިފައިވަނީ އެރަސްގެފާނަށް ނިސްބަތްކޮށެވެ.
ޚަދީވް އިސްމާޢީލް: 1863 ގައި ވެރިކަމަށް ވަޑައިގެން، ކެނަލްގެ މަސައްކަތް ނިންމެވުމަށް ބޮޑު އިސްކަމެއް ދެއްވި ރަސްގެފާނެވެ. 1869 ގައި ކެނަލްގެ މަސައްކަތް ނިމުމުން، ދުނިޔޭގެ ރަސްރަސްކަލުންނަށް ދަޢުވަތު ދެއްވައިގެން ބޮޑު ރަސްމިއްޔާތަކާއެކު ކެނަލް ހުޅުއްވައިދެއްވީ ޚަދީވް އިސްމާއީލެވެ. "އިސްމާޢީލިއްޔާ" ސިޓީ ނިސްބަތްވަނީވެސް އެ ރަސްގެފާނަށެވެ.

4. އޮޕެރާ "އައިދާ" ގެ ގުޅުން:
ސުއޭޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން، ޚަދީވް އިސްމާޢީލް ބޭނުންފުޅުވީ މިސްރުގެ ޝަރަފާއި ތާރީޚު ދުނިޔެއަށް ދައްކާލުމަށެވެ. މިގޮތުން، ޤާހިރާގައި އަލަށް ބިނާކުރި އޮޕެރާ ހައުސް ހުޅުވުމަށްޓަކައި، އޭރުގެ އެންމެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު ޖިއުސެޕޭ ވެރްޑީ ލައްވައި ޚާއްސަ އޮޕެރާއެއް ހެއްދެވިއެވެ. އެއީ މިސްރުގެ ޤަދީމީ ތާރީޚުގެ މައްޗަށް ބިނާކޮށް ހެދި "އައިދާ" އެވެ. ކެނަލް ހުޅުވުމުގެ ކާމިޔާބީ ފާހަގަކުރުމަށް އުފެއްދި މި އޮޕެރާއަކީ ސުއޭޒް ކެނަލްގެ ޚަރަދުތަކާއި މިސްރުގެ ޘަޤާފީ ޝަރަފު ދުނިޔެއަށް ހާމަކޮށްދިން މުހިންމު ފަންނީ މަސައްކަތެކެވެ.

ސުއޭޒް ކެނަލްއަކީ މިސްރުގެ ޤައުމީ ޝަރަފުގެ ނިޝާނެވެ. ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުން އެތަން ހިފެހެއްޓުމަށް ކުރި މަސައްކަތް ބަލިކޮށް، ނާސިރު އެތަން ޤައުމީ މިލްކަކަށް ހެއްދެވުމަކީ، މިއަދުވެސް ޤައުމުތަކުގެ މިނިވަންކަމަށްޓަކައި ލިބޭ ބޮޑު ފިލާވަޅެކެވެ.

ސުއޭޒް ކެނަލް: މާލީ ދަތިތަކާއި ޤައުމީ ޤުރުބާނީ

ސުއޭޒް ކެނަލް މަޝްރޫޢަކީ އޭގެ ޒަމާނުގައި ދުނިޔެ ދުށް އެންމެ ބޮޑު އިންޖިނިއަރިންގެ މަސަައްކަތެވެ. އަދި އެންމެ ޚަރަދު ބޮޑު އެއް މަޝްރޫޢެވެ.

މާލީ އެހީތެރިކަމާއި ލޯނުތައް:

ސުއެސް ކެނަލް ކޮނުމުގެ މަސައްކަތް ފެށުމަށް ފެރްޑިނަންޑް ޑެ ލެސެޕްސް އުފެއްދި "ސުއޭޒް ކެނަލް ކުންފުނި" އިން ފައިސާ ހޯދީ ޔޫރަޕްގެ އިންވެސްޓަރުންނަށް ހިއްސާ ވިއްކައިގެންނެވެ. މިސްރުގެ ސުލްޠާން ޚަދީވް އިސްމާޢީލްގެ ވެރިކަމުގައި މަސައްކަތް ނިންމުމަށްޓަކައި، މިސްރު ސަރުކާރުން ބޮޑެތި ޢަދަދުތަކުން ޔޫރަޕްގެ ބޭންކުތަކުން ލޯނު ނެގިއެވެ. މިސްރުގެ އޭރުގެ މާލީ ހާލަތު ދަށަށް ދިއުމުގެ ސަބަބުން، 1875 ގައި މިސްރުގެ ޙިއްޞާތައް އިނގިރޭސި ސަރުކާރަށް ވިއްކާލަން ޖެހުނެވެ.

ލޯނުތައް ދެއްކުމާއި ޤައުމީ މިލްކަކަށް ހެދުން:

މިސްރަށް ކުރިމަތިވި ބޮޑެތި ލޯނުތަކުގެ ސަބަބުން އެޤައުމުގެ މާލީ މިނިވަންކަން ގެއްލި، އިނގިރޭސީންގެ ނުފޫޒު މިސްރަށް އިންތިހާއަށް އިތުރުވިއެވެ. މި ދަރަނިތައް ދެއްކުމަށް މިސްރުގެ ރައްޔިތުން ވަރަށް ބޮޑެތި އިޤްތިޞާދީ ދަތިތަކެއް ތަހައްމަލު ކުރިއެވެ.

ޤައުމީ މިލްކަކަށް ހެދުމުން ލިބުނު ފައިދާ:

1956 ގައި ރައީސް ޖަމާލް ޢަބްދުއްނާސިރު ސުއޭޒް ކެނަލް ޤައުމީ މިލްކަކަށް ހެއްދެވުމުގެ އެއް މައިގަނޑު މަޤްޞަދަކީ، އެތަނުން ލިބޭ ބޮޑު އާމްދަނީއެވެ. މިސްރުގެ ރައްޔިތުން ބިނާކުރި މި ކެނަލުން ލިބޭ ފައިސާ ބޭރުގެ ކުންފުނިތަކަށް ދިއުމުގެ ބަދަލުގައި، މިސްރުގެ ޚަޒާނާއަށް ވަންނަން ފެށިއެވެ. ނާސިރު މި ފައިސާ ބޭނުންކުރެއްވީ އެމެރިކާއާއި ހުޅަނގުން އެހީ ދޭން ދެކޮޅު ހެދި "އަސްވާން ޑޭމް" ބިނާކުރުމަށެވެ.

މިގޮތުން، އެތައް ޤަރުނެއް ވަންދެން ބޭރުގެ ބާރުތަކުގެ އަތްމަތީގައި އޮތް ސުއޭޒް ކެނަލް، މިސްރުގެ ޤައުމީ މިލްކަކަށް ހެދުމަކީ، އެ ޤައުމުގެ ދަރަނިތައް އަދާކޮށް، އިޤްތިޞާދީ މިނިވަންކަން ހޯދުމަށް އެޅުނު އެންމެ ފުރިހަމަ ފިޔަވަޅެވެ.جمال عبدالناصر يؤمم قناة السويس

 

ހިއްސާ ކުރައްވާ!