azhar
azhar

އަޒުހަރު ޔުނިވާސިޓީން 14 ބަހަށް އިސްލާމީ ފިކުރުގެ އެއްހާސް ފޮތް ތަރުޖަމާކޮށްފި

ޤާހިރާގެ އަލްއަޒްހަރު ޔުނިވަރސިޓީގެ ލެންގުއޭޖް، ޓްރާންސްލޭޝަން އަދި ހިއުމަނިޓީސް ފެކަލްޓީތަކުން، އިސްލާމީ ތަރިކައާއި އިސްލާމީ ފިކުރާ ގުޅޭ އެއްހާސް ފޮތް ތަރުޖަމާކުރުމުގެ މަޝްރޫޢުގެ ފުރަތަމަ މަރުހަލާ ނިމުން ފާހަގަކޮށްފިއެވެ. އެ ފެކަލްޓީން މި ފޮތްތައް ވަނީ 14 ބަހަށް ވުރެ ގިނަ ބަހަށް ތަރުޖަމާކޮށްފައެވެ.

މި މަރުހަލާ ނިންމުމުގެ ރަސްމިއްޔާތުގައި އަލ-އަޒްހަރު ޔުނިވަރސިޓީގެ ރައީސް ސަލާމާ ޖުމްޢާ ދާއޫދާއި، އިސް އޮފިޝަލުންނާއި، ނައިބުން އަދި ފެކަލްޓީގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެކަލްޓީ އޮފް ލެންގުއޭޖް އެންޑް ޓްރާންސްލޭޝަންގެ ޑީން ޚާލިދު އައްބާސް، މި ކާމިޔާބީގެ ތަފްސީލުތައް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މި ޢިލްމީ ޚަޒާނާތައް ޢަރަބި ބަހުން ދުނިޔޭގެ 14 ބަހަކަށް ތަރުޖަމާކުރުމުގެ މަސައްކަތްކޮށްފައިވަނީ ޚާއްސަ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކަމަށެވެ. ތަރުޖަމާ ކުރި ބަސްތަކުގެ ތެރޭގައި އިނގިރޭސި، ފަރަންސޭސި، ޖަރުމަނު، ސްޕެނިޝް، ޗައިނީޒް އަދި އިޓަލީ ބަސް ހިމެނެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ މަޤްސަދަކީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށާއި، އިސްލާމްދީނުގެ އަސްލު އަގުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އިސްލާމީ މަރުކަޒުތަކާއި ބޭރުގެ މުއައްސަސާތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އައްބާސް ފާހަގަކުރެއްވި ގޮތުގައި، މިއީ އިސްލާމީ އަގުތައް ޢަމަލީ ގޮތުން ދައްކުވައިދިނުމަށްޓަކައި ކުރެވޭ ބޮޑު އަދި ޤައުމީ ފެންވަރުގެ ފުޅާ މަޝްރޫޢެއްގެ ބައެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާއޫދު ވިދާޅުވީ، އޭނާ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ މުހިންމު އެއް އަމާޒަކީ ކޮންމެ ފެކަލްޓީއަކަށް ވެސް އެ ފެކަލްޓީއަކާ ގުޅޭ މިނިވަން އެކަޑަމިކް މަޝްރޫޢެއް އޮތުން ކަށަވަރުކުރުން ކަމަށެވެ. "އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވަރަށް މަތިވެރި ޢިލްމީ އަދި ތަހުޒީބީ ތަރިކައަކާ އެއްގޮތަށް އެއްހާސް އިސްލާމީ ފޮތް ތަރުޖަމާކުރުމުގެ މަޝްރޫޢު،" އޭނާ ވިދާޅުވިއެވެ.

"ލެންގުއޭޖް އެންޑް ޓްރާންސްލޭޝަން ފެކަލްޓީ މި މަސައްކަތުގެ ކުރީސަފުގައި ހިމެނެނީ، މެދުމިނުގެ ސިޔާސަތާއި، އިސްލާމް ދީނުގެ ސަމާޙަތުގެ މެސެޖުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ފޯރުކޮށްދިނުމާއި، އޮޅުން ފިލުވައިދިނުމުގެ ޒިންމާ އެ ފެކަލްޓީއާ ހަވާލުވެފައިވާތީއެވެ. އަދި ބަހަކީ އިންސާނިއްޔަތު ގުޅުވައިދޭ ފާލަމެއް ކަމަށް އަޅުގަނޑުމެން ދެކެމެވެ." ދާއުދު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!