އެސްޕޮސިޓޯގެ ވަކިވުން: ހުޅަނގަށް އިސްލާމްދީން ތަރުޖަމާކޮށްދިން މުފައްކިރު

ނިއުޔޯކްގެ ބްރޫކްލިން ސަރަހައްދަށް އުފަން އެމެރިކާގެ ކުޑަކުއްޖަކު، ނަސާރާ ފައްޅިއެއްގެ ފާރުތަކުގެ ތެރޭގައި 10 އަހަރު ހޭދަކުރިއެވެ. އެތަނަކީ، ފަގީރުންނާއި ރެފިއުޖީންނަށް ޚިދުމަތްކުރުމަށް މަޝްހޫރު ފައްޅިއެކެވެ.މި ކުއްޖާ ތައްޔާރުވަމުންދިޔައީ ނަސާރާއިންގެ ދީން ދަސްކުރުމާއި، ކާތޮލިކް ފާދިރީއެއްގެ ދިރިއުޅުމަކަކަށް ތައްޔާރު ވަމުންނެވެ. ނަމަވެސް އުމުރުން 24 އަހަރުގައި ފާދިރީއަކަށް ވުމުގެ ބަދަލުގައި ފޫހި ވެގެން އޭނާ ފައްޅި ދޫކޮށް އެތަނުން ނުކުތެވެ.

އޭގެ ފަހުން އައި ބައިގަރުނު އޭނާ ހޭދަކުރީ ދީނީ ސުވާލަކަށް ޖަވާބު ހޯދުމުގައެވެ. އެ ސުއާލަކީ: "ހުޅަނގުގެ މީހުންނަށް، އެމީހުން ބިރުގަންނަ ދީނެއް ކަމުގައިވާ އިސްލާމްދީން އެމީޙުންނަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟"

ޖޯން ލުއި އެސްޕޮސިޓޯ، ބުދަ ދުވަހު ފިލަޑެލްފިއާގައި އަވަހާރަވީ އުމުރުން 86 އަހަރުގައެވެ. އެއީ ހާޓް ސާޖަރީއަކަށްފަހު ދިމާވި ސިއްހީ މައްސަލަތަކެއްގައެވެ.

މިކަން ހާމަކުރީ ޖޯޖްޓައުން ޔުނިވަރސިޓީގެ "އަލްވަލީދު ބިން ޠަލާލް ސެންޓަރ ފޯ މުސްލިމް ކްރިސްޓިއަން އަންޑަރސްޓޭންޑިންގ" އިންނެވެ. މިއީ އެސްޕޮސިޓޯ އުފައްދަވައި، 30 އަހަރު ވަންދެން އެ މަރުކަޒަކާ އޭނާގެ ނަން ގުޅިފައި އޮތް މަރުކަޒެކެވެ.

މަރުހޫމް އެސްޕޮސިޓޯއަކީ އޭނާގެ ޖީލުގައި މުސްލިމް ނޫން މީޙުންގެ ތެރެއިން އިސްލާމްދީން އެންމެ ފުންކޮށް ދިރާސާކުރެއްވި އެއް އިލްމީ ދަންނާނުގެ ގޮތުގައި ޒަމާނުއްސުރެ ސިފަކުރެވިފައިވާ ފަރާތެވެ.

ޔުނިވަރސިޓީގެ ބަޔާނުގައި ބުނެފައިވަނީ "އިސްލާމްދީނާއި މުސްލިމް މުޖުތަމައުތަކުގެ ޒަމާނީ ދިރާސާތައް އެކަނިމާ އެކަނި ކަނޑައަޅައި ބައްޓަންކުރެއްވީ އޭނާ" ކަމަށެވެ.

އެސްޕޮސިޓޯ ދިރިއުޅުއްވީ ތަފާތު ގޮތަކަށެވެ. އޭނާއަކީ ކާތޮލިކް ދީނަށް ތަބާވި އެދީނަށް އުޅުނު މީހަކަށް ވިޔަސް، ކުއާލަލަމްޕޫރުން ފެށިގެން އުތުރު އެފްރިކާއާ ހަމައަށް މުސްލިމް ދުނިޔެއިން އޭނާއަށް މަރުހަބާ ކިއެވެ. ނަމަވެސް އޭނާގެ އަމިއްލަ ގައުމުގައި، އޭނާއަކީ އަމިއްލަ ދީން ނޫން އެހެން ދީނެއްގެ "ވަކީލެއް" ކަމަށް ބުނެ އެމެރިކާގެ އިދިކޮޅު ފަރާތްތަކުން އޭނާއަށް ހަމަލާދިނެވެ. އަދި އޭނާއަކީ "ސިއްރު މުސްލިމެއް" ކަމަށް ސިފަކުރާ ކޮންމެ ފަހަރަކު އޭނާ ހިނިތުންވެލައްވައި،އޭނާގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.

ފައްޅިން ފެށިގެން އަލްފާރޫޤީއާ ހަމައަށް

ޖޯން އުފަންވީ އެމެރިކާގެ ޖައްވީ ޕްރޮގްރާމްގެ ކެމެރާ އުފައްދާ ކާރުޚާނާއެއްގައި މަސައްކަތްކުރި ބައްޕައަކަށާއި، ދީންވެރި ފަހާ މަންމައަކަށެވެ. އޭނާއަށް މަންމަގެ ފަރާތުން ނަސާރާ އީމާންތެރިކަން ވާރުތަވިއިރު، ބައްޕަގެ ފަރާތުން ހަމަހަމަ ކަމާއި އެހެންމީހުންނަށް އެހީވުމުގެ ޝައުގުވެރިކަން ލިބުނެވެ.

އުމުރުން 24 އަހަރުގައި ފާދިރީކަން ދޫކޮށްލުމަށްފަހު، އޭނާ ބަދަލުވީ ޖާރސީ ސިޓީގައި ހުރި އޭނާގެ މައިންބަފައިންގެ އެޕާޓްމަންޓަށެވެ. އެ އިމާރާތުގެ ނަމަކީ "ޖޯޖްޓައުން" އެވެ. އިއްތިފާގުން އެއީ ފަހުން އޭނާ ކިޔަވައިދެއްވި ޔުނިވަރސިޓީގެ ނަމެވެ.

އެ ސިޓީގެ ފައްޅިއެއްގައި ޒުވާނުންގެ ގްރޫޕެއް ހިންގުމުގައި މަސައްކަތް ކުރަނިކޮށް، ރިސެޕްޝަނިސްޓެއްގެ ގޮތުގައި މަސައްކަތްކުރި ޖޭން ނަމަކަށް ކިޔާ ޔުނިވަރސިޓީ ދަރިވަރަކާ ދިމާވެ، އޭގެ އަނެއް އަހަރު އެ ދެ މީހުން ކައިވެނިކުރިއެވެ.

1940 ގައި އިޓަލީ ނަސްލުގެ ކާތޮލިކް އާއިލާއަކަށް އުފަންވި މި ޒުވާނާ، ފައްޅި ދޫކޮށްލުމަށްފަހު ނަސްރާނީ ދީނީ އިލްމާއި ލެޓިން ބަހާއި ދީނީ ތައުލީމު ސްކޫލިުތަކުގައި ކިޔަވައިދޭން ފެށިއެވެ. އޭނާގެ ޑިޕާޓްމަންޓްގެ ވެރިޔާ އޭނާއަށް އިސްލާމްދީނާ ބެހޭ ކޯހެއް ހެދުމަށް ބާރުއެޅިއެވެ. ފުރަތަމަ އޭނާ އެކަމަށް އިންކާރުކުރިއެވެ. ނަމަވެސް ފަހުން ނުރުހުމުގައި އެކަން ގަބޫލުކުރިއެވެ.

އެ ކޯހުން މި ކެތޮލިކް ދަރިވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އެއީ ވަޙީއާއި، އިންޖީލުގައި ބުނާ ނަބިއްޔުންނާއި، އީސާގެފާނުގެ ނަބީކަން ގަބޫލުކުރާ، އަދި މަރިޔަމްގެފާނަށް މާތްކޮށް ހިތާ ދީނެއް އޭނާއަށް ފެނުމެވެ. އެކަމަނާގެ ނަންފުޅުން މުޅި ސޫރަތެއް އެ ދީނުގެ ފޮތުގައި އޮތް ކަން އެނގުމުން އިތުރު ހައިރާންކަމެއް ލިބުނެވެ. މި ދެ ދީނުގެ ދެމެދުގައި ހުރި ގާތްކަމުގެ ސަބަބުން އޭނާގެ ޝައުގުވެރިކަން އިތުރުވެ އޭގެ ފަހުން 60 އަހަރު ވަންދެން އެ ދިރާސާގެ މަސައްކަތް ހުއްޓައެއްނުލައި ކުރިއަށް ގެންދިޔައެވެ.

މި އިއްތިފާގުގެ ސަބަބުން އޭނާ ފިލަޑެލްފިއާގެ ޓެމްޕަލް ޔުނިވަރސިޓީއަށް ދިޔައެވެ. އެތަނުން 1974 ގައި ޕީއެޗްޑީ ހާސިލްކުރީ ފަލަސްތީނު އެމެރިކާގެ ފިލޯސަފަރެއް ކަމަށްވާ އިސްމާއީލް ރާޖީ އަލްފާރޫޤީގެ ބެއްލެވުމުގެ ދަށުންނެވެ. އަލްފާރޫޤީ އާއި އޭނާގެ އަނބިކަނބަލުން 1986 ގައި އެމީހުންގެ ގޭގައި އަވަހާރަކޮށްލެވުނެވެ.

އެސްޕޮސިޓޯއަކީ ފާރޫޤީގެ އިރުޝާދުގެ ދަށުން ޕީއެޗްޑީ ނިންމި ފުރަތަމަ ދަރިވަރެވެ. އޭނާ އެމެރިކާގެ ޔުނިވަރސިޓީތަކުގައި އިސްލާމީ ދިރާސާތަކުގެ ދާއިރާ ފުޅާކުރުމަށް ބައިގަރުނަށްވުރެ ގިނަ ދުވަސް ހޭދަކުރިއެވެ.

އިސްލާމީ މުފައްކިރެއްގެ ބަސްމަގު، އެކަމަކު ކްރިސްޓިއަނެއް

އެސްޕޮސިޓޯގެ އިލްމީ ޙަޔާތަށް ބަލާ އިރު، އިސްލާމީ ދުނިޔެއަށް އޭނާ ކުރިމަތިކުރީ ވަރަށް ތަފާތު ތަސްވީރެކެވެ. އޭނާ ވާހަކަދެއްކެވީ، ލިޔުއްވީ އަދި ވަކާލާތު ކުރެއްވީ އިސްލާމީ ފިކުރުވެރިއެއްގެ ފެންވަރުގައެވެ. ނަމަވެސް، ދިރިއުޅުމުގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް އޭނާ ސާބިތުވެހުރީ ކާތޮލިކް ނަސްރާނީ މަސީޙީއެއްގެ ގޮތުގައެވެ. މި ފުށުއެރުމަކީ އިސްލާމީ ދިރާސާތަކުގެ މައިދާނުގައި އޭނާއަށް ޚާއްޞަ މަޤާމެއް ހޯދައިދިން ކަމެކެވެ.

އިސްލާމީ މުފައްކިރުންނާއި އަދީބުން އެސްޕޮސިޓޯ ސިފަކުރައްވަނީ ހުޅަނގުގެ އިސްތިއުމާރީ ނަޒަރިއްޔާތު ފުނޑުފުނޑުކޮށްލި ބާރެއްގެ ގޮތުގައެވެ. މަޝްހޫރު އިސްލާމީ ޢިލްމުވެރިޔާ އަދި މުފައްކިރު ޠާހާ ޖާބިރު އަލްޢަލްވާނީ އެއް ފަހަރަކު ވިދާޅުވެފައިވެއެވެ.

"އެސްޕޮސިޓޯއަކީ ހުޅަނގުގެ އެކަޑެމިކް މައިދާނުގައި އިސްލާމްދީނުގެ ހަގީގީ އަޑު އިއްވައިދިން އަމާނާތްތެރި 'ތަރުޖަމާނެއް'. އޭނާ އިސްލާމްދީން ދިރާސާކުރީ ބޭރުފުށުން ބަލާ ބެލުމަކުން ނޫން، އެހެނަސް އެ ދީނުގެ ރޫޙާނިއްޔަތާއި އިޖުތިމާޢީ އަދުލުވެރިކަން ވަޒަންކޮށްގެން." މުފައްކިރު ޠާހާ ޖާބިރު އަލްޢަލްވާނީ

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ފަދަ ސިޔާސީ އަދި ފިކުރީ ބޭފުޅުން އޭނާ ސިފަކުރެއްވީ "އިސްލާމީ އުއްމަތުގެ އިޚްލާޞްތެރި އެކުވެރިއެއް" ގެ ގޮތުގައެވެ. އޭނާގެ ލިޔުންތަކުން މުސްލިމް މުޖުތަމަޢުތަކުގެ އެތެރޭގެ ތަފާތުތަކާއި، ސިޔާސީ އިސްލާމްގެ ހަގީގަތް ހާމަކޮށްދިނެވެ.

ޕްރޮގްރެސިވް މުސްލިމުންގެ ފާޑުކިއުންތައް

އެސްޕޮސިޓޯއަކީ އިސްލާމްދީނުގެ ދިފާޢުގައި ހުޅަނގުގައި އެންމެ ވަރުގަދައަށް ވަކާލާތުކުރެއްވި އެއް ޝަޚްޞިއްޔަތަށް ވިޔަސް، ޕްރޮގްރެސިވް ނުވަތަ އިސްލާހީ ފިކުރުގެ މުސްލިމް ޢިލްމުވެރިންގެ ފަރާތުން އޭނާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވިއެވެ.

މި ފާޑުކިއުންތައް ބިނާވެފައިވަނީ މައިގަނޑު ތިން ނުކުތާއެއްގެ މައްޗަށެވެ.

  • އިސްލާމީ ޙަރަކާތްތަކަށް މާބޮޑަށް ދޫދިނުން: ޕްރޮގްރެސިވް މުސްލިމުން ބުނާގޮތުގައި، އެސްޕޮސިޓޯ ހުޅަނގުގެ "އިސްލާމޮފޯބިއާ" އާ ދެކޮޅަށް ކުރި ހަނގުރާމައިގައި، ސިޔާސީ އިސްލާމީ ޙަރަކާތްތަކުގެ ޕޮލިޓިކަލް އިްލާމްގެ ހަރުކަށި ފިކުރާއި، އަންހެނުންގެ ޙައްޤުތަކަށް ހުރަސްއަޅާ އުޞޫލުތަކަށް ފާޑުކިއުމެއްނެތް ދިފާޢެއް ހުށަހެޅިއެވެ.

  • އެތެރޭގެ އިޞްލާޙީ އަޑުތައް ފޮރުވިގެންދިއުން: ފާޑުކިޔުންތެރިން ދެކޭގޮތުގައި، އެސްޕޮސިޓޯ ސަލަފީ ނުވަތަ ކޮންޒަވޭޓިވް އިސްލާމީ ވިސްނުންތަކަކީ މުޅި އިސްލާމީ އުއްމަތް ތަމްސީލުކުރާ ގޮތް ކަމަށް ދެއްކުމުން، ދީނުގެ އެތެރެއިން އަންނަން ބޭނުންވާ މިނިިވަން އަދި ޕްރޮގްރެސިވް އިޞްލާޙީ އަޑުތަކަށް ހުޅަނގުގެ ސަމާލުކަން ކުޑަވިއެވެ.

  • އެކަޑެމިކް ނިއުޓްރަލިޓީ ގެއްލުން: ބައެއް މުސްލިމް އެކަޑެމިކުން ތުހުމަތުކުރާ ގޮތުގައި، އަލްވަލީދު ބިން ޠަލާލް ފަދަ ޢަރަބި މަހުޖަނުންގެ ފަންޑުތަކުގެ ސަބަބުން، މެދުއިރުމަތީގެ ޚުދުމުޚުތާރުވެރިކަމާއި ދީނީ މުއައްސަސާތަކުގެ ނުފޫޒާ ބެހޭގޮތުން މިނިވަންކަމާއެކު ލިޔުއްވުމަށް އޭނާއަށް ހުރަސްތަކެއް ކުރިމަތިވިއެވެ.

އިސްލާމޮފޯބިއާ ފެތުރުން

އިސްލާމޮފޯބިއާއަކީ އޭނާގެ އެންމެ ފަހުގެ ހަނގުރާމައެވެ. އޭނާ 2015 ގައި ޖޯޖްޓައުންގައި "ބްރިޖް އިނިޝިއޭޓިވް" އެއް އުފެއްދެވިއެވެ. އެއީ އިސްލާމްދީނަށް ބިރުގަންނަން ދަސްކޮށްދޭ ފިކުރު ދިރާސާކޮށް، އެކަމަށް ފަންޑުކުރާ ނެޓްވޯކްތައް ލިޔެކިޔުމުން ރެކޯޑުކުރާ ޕްރޮޖެކްޓެކެވެ. އޭނާގެ ޖަނާޒާގެ ބަޔާނުގައިވެސް އެދިފައިވަނީ މާބޮޑި ހަދިޔާ ކުރުމުގެ ބަދަލުގައި އެ ފައިސާ މި ޕްރޮޖެކްޓަށް ހަދިޔާކުރުމަށެވެ.

އޭނާ ޣައްޒާއާ ބެހޭގޮތުން އަޑުއުފުއްލެވިއެވެ. ޑިސެމްބަރު 2023 ގައި އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އިސްރާއީލުން ދަނީ "އިސްލާމޮފޯބިއާއަށް ތެޔޮޖަހައި ކާނާދެމުން" ކަމަށާއި، ހުޅަނގުގެ މީޑިއާއިން މި ނަފުރަތުގެ ރާޅު އުފެއްދުމުގެ ބޮޑު ޒިންމާއެއް އުފުލަންޖެހޭނެ ކަމަށެވެ.

އެމެރިކާގެ މުސްލިމުން: ރުޅިވެރިކަމުގެ ހަމަލާތަކެއްގެ ތެރޭގައި އެކަނިވެރިވެފައި

އޭނާ މަރުވުމުގެ މަހެއްހާ ދުވަސް ކުރިން އަލްޖަޒީރާއަށް ލިޔުއްވި އެންމެ ފަހު މަޒުމޫނުގެ ސުރުޚީއަކީ "ނަފުރަތުގެ ތޫފާނުގެ މެދުގައި އެމެރިކާގެ މުސްލިމުން އެކަނިވެފައި" މިއެވެ. އޭގައި އޭނާ ވިދާޅުވީ ޣައްޒާގެ ނަސްލު ނައްތާލުން ހުއްދަކުރުމުގައި އިސްލާމޮފޯބިއާއަކީ މައިގަނޑު ސަބަބެއް ކަމަށެވެ.

"ސިއްރުން އިސްލާމްވީ ހެއްޔެވެ؟"

އޭނާ ޒިޔާރަތްކުރި ކޮންމެ ތަނަކުންވެސް މި ސުވާލު އޭނަށް ކުރިމަތިވިއެވެ. އޭނާ ވިދާޅުވީ މި އަޑުތަކުގެ ސަބަބުން އޭނާއަށް ޝަރަފެއް ލިބޭ ކަމަށެވެ. ސަބަބަކީ އޭގެ މާނައަކީ މީހުންނަށް އޭނާއަކީ އިސްލާމްދީން ރަނގަޅަށް ދަންނަ، އަދި އިތުބާރު ހުރި މީހެއްގެ ގޮތުގައި ބަލާކަމެވެ.

ނަމަވެސް އޭނާ ނިޔާވިއިރުވެސް ހުރީ ކާތޮލިކް ދީނުގައެވެ. އޭނާ ދުށް ގޮތުގައި، އަމިއްލަ ދީނަށް އޮތް ވަފާތެރިކަމަކީ އެހެން ދީންތަކަށް އިޙްތިރާމްކުރުމަށް ހުރަހެއް ނޫނެވެ. އޭނާ ދޫކޮށްދިޔަ ތަރިކައަކީ، ދެ ދީނުގެ ދެމެދުގައި އޮތް ބިރުވެރިކަމުގެ ފާރުތައް ތަޅާލައި، އިލްމީ ދިރާސާގެ އަލީގައި ބިނާކުރި ބަދަހި ފާލަމެކެވެ. މައުލޫމާތު އަލްޖަޒީރާ

ހިއްސާ ކުރައްވާ!