މައްކާގައި ކުރިއަށްދާ 'އިޤްރައު' އެގްޒިބިޝަންގައި، 1000 އަހަރަށް ވުރެ ގިނަ ދުވަސްވީ ކަމަށް ބެލެވޭ، ވަރަށް ނާދިރު ޤުރުއާނުގެ އަތުލިޔުމެއް ދައްކާލައިފިއެވެ.
މި އެގްޒިބިޝަން އިންތިޒާމުކޮށްފައިވަނީ މަސްޖިދުލް ޙަރާމާއި މަސްޖިދުން ނަބަވީގެ ދީނީ ކަންކަމާ ބެހޭ ރިޔާސަތުންނެއެ
ވެ.
މި އެގްޒިބިޝަންގައި، މީގެ 1000 އަހަރަށް ވުރެ ކުރިން މަޝްހޫރު ޚަތީބު ޢަލީ ބިން ހިލާލް (އިބްނުލް ބައްވާބު) ލިޔުއްވާފައިވާ ކީރިތި ޤުރުއާނުގެ ވަރަށް ޚާއްސަ ކޮޕީއެއް ހިމެނެއެވެ.
މިއީ އެގްޒިބިޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް އައިޓަމް ކަމަށާއި، މިއިން ދައްކުވައިދެނީ ޒަމާންތަކެއް ވަންދެން މުސްލިމުން ކީރިތި ޤުރުއާނަށް ދީފައިވާ އަހައްމިއްޔަތުކަމެވެ.
މި އަތުލިޔުން ދައްކާލާފައިވަނީ އޭގެ ސަފްޙާތަކުގައިވާ އަތު ލިޔުމާއި ޒީނަތްތެރިކަމުގެ ޢިލްމީ ލިސްޓަކާއި ތަޙުލީލުތަކާ އެކުގައެވެ. މިއީ ޒިޔާރަތްކުރާ ފަރާތްތަކަށް، މި އަތުލިޔުމުގެ ތާރީޚީ އަދި ފަންނީ އަގު ދެނެގަތުމަށާއި، ޤަރުނުތަކެއްގެ ތެރޭގައި ޢަރަބި އަތު ލިޔުމާއި އިސްލާމީ ޒީނަތްތެރިކަން ތަރައްޤީވެފައިވާ ގޮތް ބަލާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
މި އަތުލިޔުމަކީ ޢިލްމީ، ފަންނީ އަދި ތާރީޚީ ގޮތުން އޭގެ ޚާއްސަކަމުގެ ސަބަބުން، އިސްލާމީ އެންމެ ނާދިރު އަތުލިޔުންތަކުގެ ތެރޭގައި ގުނާލެވޭ އެއްޗެކެވެ.




