ޖަލުގެ ގޮޅިތަކުގެ ތެރޭގައި، ކުށްވެރިން އެމީހުން ކުރި އަނިޔާވެރި އަމަލުތަކުގެ ހަގީގަތާ ކުރިމަތިލާންޖެހެނީ ހަމައެކަނި ޚިޔާލީ މާހައުލެއްގައެއް ނޫނެވެ. މިހާރު އެމީހުން އެކަން ތަޖުރިބާކުރަނީ ވަޝުއަލް ރިއަލިޓީ (ވީއާރު) ހެޑްސެޓްތައް މެދުވެރިކޮށެވެ.
ދެކުނު ކޮރެއާގެ ޖަސްޓިސް މިނިސްޓްރީން ތަރައްގީކޮށްފައިވާ މި ޚާއްސަ ޕްރޮގްރާމަކީ، ކުށްވެރިންގެ ސިކުނޑީގައިވާ ނުރައްކާތެރި އަދި ކުށް ސިފަވާ ވިސްނުންތައް ދެނެގަނެ، އެމީހުންގެ އަމަލުތަކުން އަނިޔާލިބޭ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތައް އަމިއްލައަށް އިހުސާސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ. މިއީ ހަމައެކަނި ފަރުވާއެއްގެ ބަދަލުގައި، މިހާރުވެސް ކުރިއަށްދާ ގްރޫޕް ސައިކޯތެރަޕީ ސެޝަންތަކާއެކު އިތުރު އެހީއެއްގެ ގޮތުގައި ބޭނުންކުރާ ނިޒާމެކެވެ.
މިނިސްޓްރީން ވަނީ ހަތަރު ދާއިރާއަކަށް އަމާޒުކޮށްގެން 18 ވީއާރު ސިނާރިއޯއެއް ތައްޔާރުކޮށްފައެވެ. އޭގެ ތެރޭގައި ޖިންސީ އަނިޔާގެ 6 ސިނާރިއޯ، އަންހެން ކުދިންނާިއ އަންހެނުންނަށް ފާރަލުމުގެ 4 ސިނާރިއޯ، ކުޑަކުދިންނަށް ކުރާ އަނިޔާގެ 4 ސިނާރިއޯ އަދި ގޭތެރޭގެ އަނިޔާގެ 4 ސިނާރިއޯ ހިމެނެއެވެ.
އަދަދުތަކުން ފެންނަ ބަދަލު
މި ޕްރޮގްރާމްގެ ޕައިލެޓް މަރުހަލާ ކުރިއަށްދިޔައީ 9 ޖަލެއްގެ 392 ބަންދީންގެ މެދުގައެވެ. ރިސާޗަރުން ވަނީ ވީއާރު ފަރުވާ ލިބުނު ބަންދު މީޙުންގެ ހާލަތާއި، ހަމައެކަނި އާދައިގެ ގްރޫޕް ސައިކޯތެރަޕީ ލިބުނު ބަންދު މީޙުންގެ ހާލަތާ އަޅާކިޔާފައެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، ވީއާރު ބޭނުންކުރި ގްރޫޕުގެ ނަތީޖާ މުޅިން ތަފާތެވެ.
-
ޖަރީމާ ހިންގުމުގެ ވިސްނުން އިސްލާހުވުން: ޖިންސީ އަނިޔާގެ ކުށްވެރިންގެ ތެރެއިން ވީއާރު ބޭނުންކުރި މީހުންގެ ސިކުނޑީގައިވާ ކުށުގެ ވިސްނުން 18.1 އިންސައްތަ އަށް ރަނގަޅުވިރު، އާދައިގެ ފަރުވާ ލިބުނު ގްރޫޕުގައި މިއަދަދު އުޅުނީ 9 އިންސައްތައިގައެވެ.
-
ރުޅިވެރިކަން ކުޑަވުން: ރުޅިވެރިކަމާއި އަނިޔާވެރިކަން ވީއާރު ގްރޫޕުގައި 14.2 އިންސައްތަ ދަށްވިރު، އާދައިގެ ގްރޫޕުގައި ދަށްވީ ހަމައެކަނި 2.4 އިންސައްތައެވެ.
-
ހަމްދަރުދީވުން: އަނިޔާލިބޭ ފަރާތާމެދު ހަމްދަރުދީވުމުގެ އިހުސާސް ވީއާރު ގްރޫޕުގައި 13.9 އިންސައްތައަށް އިތުރުވިރު، އަނެއް ގްރޫޕުގައި މިއަދަދު އުޅުނީ 8.9 އިންސައްތައިގައެވެ.
މީހުން ދެކޭ ގޮތް
މި ޓެކްނޮލޮޖީގެ ސަބަބުން ކުށްވެރިންނަށް އެމީހުންގެ މާޒީއާ މެދު ފުންކޮށް ވިސްނާލުމަށް މަޖުބޫރުވެގެންދިޔައެވެ.
"އޭގެ މަންޒަރުތައް ވަރަށް ތާޒާކޮށް ފެންނަން ހުރުމުން، އަހަރެން އަނބުރާ އެ ދުވަހަށް ދެވުނު ކަހަލަ އިހުސާސެއް ކުރެވުނު،" ވީއާރު ސެޝަނެއް ފުރިހަމަކުރި ބަންދީއަކު ކިޔައިދިނެވެ. "އެދުވަހު އަހަރެން އުޅުނު ގޮތާ މެދު އަލުން ކުރިމަތިލާންޖެހުމުން ވަރަށް ލަދުގަނެ، ހިތަށް ބޮޑު ތަދެއް ކުރެވުނު." އޭނާ ބުންޏެވެ.
ކުޑަކުދިންނަށް އަނިޔާކުރުމުގެ ސިނާރިއޯ ތަޖުރިބާކުރި އިތުރު ގައިދީއަކު ބުނީ، އެ މަންޒަރުތަކުގެ ސަބަބުން މާޒީގައި އޭނާގެ އަމިއްލަ ދަރިފުޅަށް އަނިޔާކުރިއިރު ދަރިފުޅަށް ކުރެވޭނެ އިހުސާސްތައް ސިފަވި ކަމަށެވެ.
"އަހަރެންގެ ދަރިފުޅު އެދުވަހު ކެކުޅޭނެ ވަރާއި ގަންނާނެ ބިރު ހިތަށް އަރުވާފައި ވަރަށް ދެރަވި،" އޭނާ ބުންޏެވެ.
ކުށް ތަކުރާރުވުން މަދުކުރުމުގެ އަމާޒު
މި ޕައިލެޓް ޕްރޮގްރާމްގެ ކާމިޔާބީއަށް ފަހު، ދެކުނު ކޮރެއާގެ ޖަސްޓިސް މިނިސްޓްރީން ވަނީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ގައުމުގެ 11 ޖަލެއްގައި މި ޕްރޮގްރާމް ރަސްމީކޮށް ހިންގަން ނިންމާފައެވެ. އަދި އެކި ބާވަތުގެ ކުށްތަކަށް ޚާއްސަކޮށްގެން ވީއާރު ކޮންޓެންޓް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
"ވީއާރު މެދުވެރިކޮށްދެވޭ ސައިކޯތެރަޕީއަކީ ގައިދީން އެމީހުންގެ އަމަލުތަކާއި ކުށް ސިފަވާ ވިސްނުންތައް އަމިއްލައަށް ދެނެގަނެ، އަނިޔާލިބޭ ފަރާތުގެ ވިސްނުމުން ކަންކަން ތަޖުރިބާކޮށްދޭ އާ ފަރުވާއެއް،" ޖަސްޓިސް މިނިސްޓަރު ޖިއޮންގ ސެއޮންގ-ހޯ ވިދާޅުވިއެވެ.
މިނިސްޓްރީގެ މައިގަނޑު އަމާޒަކީ މިފަދަ އިޖާދީ ވަސީލަތްތައް ބޭނުންކޮށްގެން ކުށްވެރިން އިސްލާހުކޮށް، މުޖުތަމައަށް އަނބުރާ ނުކުންނައިރު ކުށް ތަކުރާރުކުރުމުގެ ފުރުސަތު ކުޑަކުރުމެވެ.





