މަނީ ލޯންޑަރިންގ: ޓްރަމްޕް ފައުންޑޭޝަންގެ އެކައުންޓްތައް ބަންދު ކޮށްފި

އެމެރިކާގެ މާލީ ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ "ކެޕިޓަލް ވަން" އިން ހާމަކުރި ގޮތުގައި، 2021 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފައުންޑޭޝަނާ ގުޅުންހުރި ބޭންކް އެކައުންޓްތައް އެެކުންފުނިން ބަންދުކުރަން ނިންމީ، މަނީ ލޯންޑަރިންއާ ދެކޮޅަށް މަސައްކަތްކުރާ ޚާއްސަ މާހިރުންތަކެއް ކުރިއަށް ގެންދިޔަ އެތެރޭގެ އޮޑިޓަކަށްފަހުއެވެ. މިއީ މާލީ ގަވާއިދުތަކަށް އަމަލުކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުމާއި ޓްރަމްޕާއި އައުލާދަށް ނާޖާއިޒު ފައިދާ ހޯދުމަށް ހުރަސް އެޅުމާއި ޓްރަމްޕްގެ އާއިލީ ވިޔަފާރިތަކާ ދެމެދު ގުޅުމެއް އޮތްކަން މާލީ އިދާރާއަކުން ރަސްމީކޮށް ހާމަކުރި ފުރަތަމަ ފަހަރެވެ.

މިކަން ހާމަކޮށްފައިވަނީ އިނގިރޭސިވިލާތުގެ މީޑިއާގައެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން، ކެޕިޓަލް ވަން އިން ފެޑެރަލް ކޯޓަކަށް ހުށަހެޅި ގާނޫނީ ލިޔެކިޔުންތަކުން މިފަދަ ފިޔަވަޅެއް އަޅާފައިވާ ކަން ހާމަވެއެވެ.

މިއީ ޓްރަމްޕް ފައުންޑޭޝަނާއި އޭނާގެ އައުލާދު އެރިކް ޓްރަމްޕް އެ ބޭންކާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާއަކާ ގުޅިގެން ދިން ރައްދެކެވެ. އެ ދައުވާގައި ބުނެފައިވަނީ، ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ޓްރަމްޕާއި އައުލާދުގެ 300 އަށްވުރެ ގިނަ އެކައުންޓް އެ ބޭންކުން ބަންދުކުރި ކަމަށެވެ.

ގާނޫނީ ދިފާއު

ކެޕިޓަލް ވަން އިން ތަކުރާރުކޮށް ބުނެފައިވަނީ، އެކައުންޓްތައް ބަންދުކުރީ ސިޔާސީ އެއްވެސް ވިސްނުމެއްގައި ނޫން ކަމަށެވެ. އަދި އެ ނިންމުން ނިންމީ ބޭންކުގެ އެތެރޭގެ ސިޔާސަތުތަކާއި ފެޑެރަލް ގަވާއިދުތަކާ އެއްގޮތަށް، މަނީ ލޯންޑަރިންގ އާ ދެކޮޅަށް މަސައްކަތްކުރާ ޚާއްސަ ޓީމަކުން މަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ ތަހުލީލުތަކަށްފަހު ކަމަށެވެ.

އެ ކުންފުނިން ފާހަގަކުރި ގޮތުގައި، ޓްރަމްޕް ފައުންޑޭޝަން ނުވަތަ އޭނާގެ އައުލާދުންނަކީ މަނީ ލޯންޑަރިންގގެ ޖަރީމާތައް ހިންގާ ބައެއް ކަމަށް ސާފު ބަހުން އެ ބޭންކުން ތުހުމަތެއް ނުކުރެއެވެ. ނަމަވެސް، ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، އެކައުންޓްތައް ބަންދުކުރުމުގެ ނިންމުން ގުޅިފައިވަނީ މަނީ ލޯންޑަރިންގެ ޖަރީމާއާއެވެ.

އަދި ޓްރަމްޕް އައުލާދުގެ ބައެއް މާލީ މުއާމަލާތްތަކަކީ އެމެރިކާގެ ގާނޫނާ ފުށުއަރާ ކަމެއް ކަމަށާއި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް އެކަމުގައި ހުރިކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ސިޔާސީ އަމާޒެއް ކަމަށް ތުހުމަތުކުރުން

މަނީ ލޯންޑަރިންގެ ތުހުމަތުތަކަށް ޓްރަމްޕް ފައުންޑޭޝަނުން އިންކާރުކުރެއެވެ. 2025 ވަނަ އަހަރުގެ މާރިޗު މަހު ފްލޮރިޑާގެ ފެޑެރަލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ، ޓްރަމްޕް އައުލާދާ ދެކޮޅަށް އަޅާފައިވާ ފިޔަވަލަކީ ސިޔާސީ ފިޔަވަޅެއް ކަމަށެވެ.

ކެޕިޓަލް ވަން އިން މި ވާހަކަތައް ދޮގުކުރެއެވެ. އެ ކުންފުނިން ބުނީ މި ވާހަކަތަކަކީ ހަގީގަތް އޮޅޭގޮތަށް ހުށަހަޅާފައިވާ ވާހަކަތަކެއް ކަމަށާއި، ބޭންކުގެ ނިންމުމަކީ ފުރިހަމައަށް ޕްރޮފެޝަނަލް އަދި ރިސްކް މެނޭޖްމަންޓްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށެވެ.

މައްސަލައިގެ ފަހަތް

ޓްރަމްޕްގެ ދެވަނަ ދައުރު ފެށުނީއްސުރެ، އޭނާއާއި ސަރުކާރާއި ބޮޑެތި ބޭންކުތަކާ ދެމެދު އޮތް ގުޅުން އަންނަނީ ހީނަރުވަމުންނެވެ. ބޭންކުތަކުން ސިޔާސީ ސަބަބުތަކަށްޓަކައި ޓްރަމްޕްގެ ގާތް މީހުންނަށް އަމާޒުކުރާ ކަމަށް ބުނެ އެ ސަރުކާރުން އަންނަނީ ބޭންކުތަކަށް ފިއްތަމުންނެވެ.

2025 ވަނަ އަހަރުގެ އޮގަސްޓު މަހު ރައީސް ޓްރަމްޕް ވަނީ ބޭންކިން ޚިދުމަތް ދިނުމުގައި ތަފާތުކުރުން ގެންގުޅުން މަނާކުރާ އެގްޒެކެޓިވް އޯޑަރެއްގައި ވެސް ސޮއިކުރައްވާފައެވެ.

މީގެ އިތުރުން، މިދިޔަ ޖެނުއަރީ މަހު "ޖޭޕީ މޯގަން ޗޭސް" ބޭންކާ ދެކޮޅަށްވެސް ޓްރަމްޕް ވަނީ މިފަދަ ދައުވާއެއް އުފުލާފައެވެ.

2019 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ދައުރުގައިވެސް ޓްރަމްޕް ވަނީ ކެޕިޓަލް ވަން އާއި ޑޮއިޗޭ ބޭންކާ ދެކޮޅަށް ކޯޓުތަކަށް ގޮސްފައެވެ. އެފަހަރު އޭނާ ބޭނުންވީ ކޮންގްރެސްގެ ތަހުގީގަކަށް އޭނާގެ މާލީ ލިޔެކިޔުންތައް ހާމަ ކުރުމަށް ހުރަސް އަޅާށެވެ.

ހިއްސާ ކުރައްވާ!