ޖަޕާނުގެ އެންޓީޓީ ޑޭޓާއިން އިންޑިއާގައި ޕޭމަންޓް ޕްލެޓްފޯމު ތައާރަފުކޮށްފި

ޖަޕާނުގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެންޓީޓީ ޑޭޓާގެ ސަބްސިޑިއަރީއެއް ކަމަށްވާ އެންޓީޓީ ޑޭޓާ ޕޭމަންޓް ސާވިސަސް އިންޑިއާއިން، އެ ޤައުމުގެ ޑިޖިޓަލް ވިޔަފާރީގެ ބާޒާރަށް އަމާޒުކޮށްގެން އައު ޔުނިފަޑް ޕޭމަންޓް އަދި ކޮމާސް ޕްލެޓްފޯމެއް ކަމަށްވާ "އެޑަޕްޓިސް" ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

މުމްބާއީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ތައާރަފުކުރި މި ޕްލެޓްފޯމަކީ އިންޑިއާގެ ވިޔަފާރިތަކަށް ފައިސާ ބަލައިގަތުމުގެ ނިޒާމު އިތުރަށް ފަސޭހަކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ޒަމާނީ ނިޒާމެކެވެ.

މި ޚިދުމަތާ ގުޅޭގޮތުން ޖަޕާނު ކުންފުނީގެ އިސްވެރިން ވިދާޅުވެފައިވާ ގޮތުގައި، ބޭރު ޤައުމުތަކުގައި ހިންގާ ޕޭމަންޓް އަދި މާލީ ވިޔަފާރިތަކުގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ ބޮޑު ކުރިއެރުމެއް ހޯދުމަށް އަމާޒުކޮށްފައިވާ އެއް ޤައުމަކީ އިންޑިއާއެވެ.

އިންޑިއާގެ ޑިޖިޓަލް އިޤްތިޞާދު ހަލުވިކަމާއެކު ކުރިއަރަމުން އަންނާތީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކުންފުނިތަކަށް އޮންލައިންކޮށް އީ-ކޮމާސް ގޮތުގައި އަދި ފިހާރަތަކުގައި ފަސޭހަކަމާއެކު ފައިސާ މުއާމަލާތްކުރެވޭނެ މަގު "އެޑަޕްޓިސް" މެދުވެރިކޮށް ފަހިވެގެންދާނެއެވެ.

އެންޓީޓީ ޑޭޓާ ޕޭމަންޓް ސާވިސަސް އިންޑިއާގެ ސީ.އީ.އޯ ޓަކެއޯ ޔުއެނޯ ވިދާޅުވީ، ޖަޕާނުގެ މަތީ ފެންވަރުގެ ޓެކްނޮލޮޖީއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިފައިވާ ތަޖުރިބާ، އިންޑިއާގެ ބާޒާރުގެ ބޭނުންތަކާ އެއްގޮތަށް ބައްޓަންކޮށްގެން މި ޕްލެޓްފޯމުގައި ހިމަނާފައިވާނެ ކަމަށެވެ. އަދި މިއީ އިންޑިއާގެ ވިޔަފާރިތަކަށް ބޭނުންވާ ސެކިއުރިޓީއާއި ޔަޤީންކަން ފުރިހަމައަށް ލިބިގެންދާނެ ޕްލެޓްފޯމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ޕްލެޓްފޯމުގެ ދަށުން ލިބެން ހުންނަ ޚިދުމަތްތަކުގެ ތެރޭގައި ޕޮއިންޓް އޮފް ސޭލް މެޝިންތަކާއި، ކިއުއާރު ކޯޑު ޑިސްޕްލޭ ކުރުމާއި،  ވިޔަފާރިތަކަށް ބޭނުންވާ މާލީ އަދި ވެލިއު-އެޑެޑް ސާވިސަސް ހިމެނެއެވެ. މިއީ ކުރިމަގުގައި އިންޑިއާގެ ޑިޖިޓަލް ފައިސާ ދެއްކުމުގެ ނިޒާމު އިތުރު ހަރުފަތަކަށް ގެންސްދޭނެ ކަމެއް ކަމަށް ޠުއެނޯ ވިދާޅުވެއެވެ.

ހިއްސާ ކުރައްވާ!