ޓްރަމްޕްގެ އިންޒާރު: "އަހަރެން ރިޕަބްލިކަން ޕާޓީގެ ފަހު ރައީސަށް ވެދާނެ"

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވނީ ކުރިއަށް އޮތް ދައުރުގެ މެދުތެރޭ އިންތިޚާބުގައި ޑިމޮކްރެޓުން ކާމިޔާބު ހޯދައި، ކޮންގްރެސްގެ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ތިއްބެވި ރިޕަބްލިކަން މެންބަރުން ރަނގަޅަށް މަސައްކަތް ނުކުރައްވައިފިނަމަ، އޭނާއަކީ "ރިޕަބްލިކަން ޕާޓީގެ ފަހު ރައީސް" ކަމުގައި ވެދާނެ ކަމަށެވެ.

"ޕަންޗްބޯލް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި އޭނާގެ ނަންފުޅު ކެންޑިޑޭޓެއްގެ ގޮތުގައި ނޯންނާނެތީ، ރިޕަބްލިކަން ސަޕޯޓަރުން ވޯޓުުލާން ނުނިކުމެދާނެކަމުގެ ބިރު އެބިއޮތް ކަމަށެވެ. އަދި ސަޕޯޓަރުންގެ ކިބައިން ވޯޓުލާން ނުކުތުމަށް އެދިވަޑައިގަންނަވާނެ ކަމަށާއި، ނަމަވެސް އެމީހުން ވޯޓުލާނެކަމާމެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވިއެވެ.

ޓްރަމްޕް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރިޕަބްލިކަން ޕާޓީގެ ގިނަ ވޯޓަރުންތަކެއް ޕާޓީގެ ކޮންގްރެސް މެންބަރުން ދެކެ ވަރަށް ހިތްހަމަނުޖެހިފައި ތިބި ނަމަވެސް، އެމީހުން އޭނާއާ މެދު ހިތްހަމަނުޖެހިފައެއް ނުވެއެވެ.

ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި އިންތިޚާބުގެ ކުރިން ރިޕަބްލިކަން ޕާޓީއަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ރޮއިޓާސް/އިޕްސޯސް ސާވޭއަކުން ދައްކާ ގޮތުގައި ރަޖިސްޓްރީވެފައިވާ ވޯޓަރުންގެ 42 އިންސައްތަ މީހުން ޑިމޮކްރެޓިކް ކެންޑިޑޭޓުންނަށް ވޯޓުދޭން ތައްޔާރަށް ތިބިއިރު، ރިޕަބްލިކަން ކެންޑިޑޭޓުންނަށް ވޯޓުދޭން ތިބީ 37 އިންސައްތަ މީހުންނެވެ.

މީގެ އިތުރުން، އިގްތިސާދު ބެލެހެއްޓުމުގައި ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތުތައް ރަނގަޅުކަމަށް 37 އިންސައްތަ ވޯޓަރުން ގަބޫލުކުރާއިރު، ރިޕަބްލިކަން ޕާޓީއަށް އެ ތާއީދު އުޅެނީ 36 އިންސައްތައިގައެވެ. މިއީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި އިގްތިސާދީ ދާއިރާއިން ޑިމޮކްރެޓުންނަށް މިފަދަ ކުރިއެރުމެއް ލިބުނު ފުރަތަމަ ފަހަރެވެ. މިއާއެކު ޓްރަމްޕްގެ މަސައްކަތްޕުޅަށް އާންމުންގެ ތާއީދު އޮތް މިންވަރު ވަނީ 35 އިންސައްތައަށް ދަށްވެފައެވެ.

ނަމަވެސް، މި ނަތީޖާތަކާއެކުވެސް ޓްރަމްޕް ވިދާޅުވީ އަންނަ ނޮވެމްބަރުގެ އިންތިޚާބަށްފަހުވެސް ރިޕަބްލިކަން ޕާޓީން މަޖިލީހުގެ ދެގޭގެ އަޣުލަބިއްޔަތު ދަމަހައްޓާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ގެއްލިއްޖެ ހާލަތެއްގައި، އެގޭގެ ރިއާސަތަށް އަންނާނެ ކަމަށް ބެލެވޭ ޑިމޮކްރެޓިކް ކެންޑިޑޭޓް ހަކީމް ޖެފްރީސްއަކީ "ރަނގަޅު ބޭފުޅެއް" ކަމަށާއި، އެބޭފުޅާއާއެކު މަސައްކަތް ކުރެއްވޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އިގްތިސާދީ އަދި ފައިސާގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ފެޑެރަލް ރިޒާވްގެ ޗެއާމަން ކެވިން ވާޝް އިންތިޚާބުގެ ކުރިން އިންޓްރެސްޓް ރޭޓް ބޮޑުނުކޮށް ހިފަހައްޓަވަންޖެހޭނެތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އެއީ ވަކި މިންވަރަކަށް ވާޝްގެ ނިންމެވުމެއް ކަމަށާއި، ފެޑެރަލް ރިޒާވްގެ ބޯޑަކީ ވަރަށް "ސިޔާސީ" ބޯޑެއް ކަމަށެވެ. ނަމަވެސް ވާޝްގެ މަސައްކަތްޕުޅަށް ތައުރީފު ކުރައްވައި، އެބޭފުޅާއަށް ފާޑުވިދާޅުނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!