އެމެރިކާއާއެކު ސީދާ ވާހަކަތަކެއް ނުދައްކަން: އަރާގްޗީ

އެމެރިކާއާ އެކު ސީދާ އެއްވެސް މަޝްވަރާއެއް މިވަގުތު ނުކުރައްވާ ކަމަށާއި، ނަމަވެސް މެދުވެރިން މެދުވެރިކޮށް ޚިޔާލު ބަދަލުކުރަމުންދާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ހާމަކުރައްވައިފިއެވެ.

އަރާގްޗީ ފާހަގަކުރެއްވި ގޮތުގައި މެސެޖުތައް ބަދަލުކުރުމަކީ ސީދާ މަޝްވަރާތަކެއް ކަމަށް ނުބެލެވޭނެ ކަމަށާއި، މިހާރު މެދުވެރިން މަސައްކަތް ކުރަމުންދަނީ މަޝްވަރާތައް އަލުން ފެށުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުކުރާށެވެ. އަދި އެމެރިކާއިން ނާތަހުޒީބު އުސޫލު ދޫކޮށްލައި އެއްބަސްވުންތަކާ ޚިލާފުވުން ހުއްޓައި، ސުލްހައިގެ މަގަށް އެނބުރި ރުޖޫއަ ނުވާހައި ހިނދަކު މަޝްވަރާތައް އަލުން ނުފެށޭނެ ކަމަށް އީރާނުން ބުނެއެވެ.

އަނެއްކޮޅުން، ހުރުމުޒު ކަނޑުއޮޅީގައި އާގު ބޯޓުގެ ދަތުރު ފަތުރަށް އައު ކަނޑު މަގެއް ޤާއިމުކުރުމާ ގުޅޭގޮތުން އޮމާނާއެކު ކުރަމުންދާ މަޝްވަރާތައް ވަރަށް އުންމިދު ވެރި ގޮތަކަށް ކުރިއަށްދާ ކަމަށާއި، މިހާރު އެ މަޝްވަރާތައް އޮތީ އެންމެ ފަހު މަރުޙަލާގައި ކަމަށް ޢަރާޤްޗީ ވިދާޅުވިއެވެ.

އެގޮތުން ހުރުމުޒު ކަނޑުއޮޅީގެ ކުރީގެ މަގުތައް ބަދަލުކޮށް އާގުބޯޓުތަކަށް އާ މަގުތަކެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ފަންނީ މާހިރުންގެ ޓީމުތަކުން ކުރަމުންދާ ކަމަށާއި، ނަމަވެސް އޮމާނާ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް އެއީ ކަނޑުއޮޅި މުޅިން ހުޅުވުން ނޫން ކަމަށް ވިދާޅުވިއެވެ.

ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށްޓަކައި އެހެނިހެން ޝަރުޠުތަކެއް ފުރިހަމަވާންޖެހޭ ކަމަށާއި، މި ވާހަކަތައް މެދުވެރިން މެދުވެރިކޮށް އެމެރިކާއަށް އަންގާފައި ވާނެ ކަމަށް ޢަރާޤްޗީ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!