ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރުމުގެ ނިޒާމަށް ގެނައި އިންޤިލާބީ ބަދަލަކާއެކު، އެ ބައްރުގެ ބޯޑަރުތަކުގައި މިހާރު ފެންނަމުންދަނީ މުޅިން އާ މަންޒަރެކެވެ. ޒަމާނުއްސުރެން ޕާސްޕޯޓުގައި ޖަހަމުން އައި ތައްގަނޑުތަކަށް ނިމުން ގެނެސް،ފިއެވެ.
ރޫރަޕްގެ ޖަމާއަތުން ތަންފީޒުކުރަން ފެށި އާ 'އެންޓްރީ/އެކްސިޓް ސިސްޓަމް’ގެ ސަބަބުން، ބައިނަލްއަޤްވާމީ ދަތުރުވެރިންނަށް ބޮޑެތި ކިއުތަކާއި ހާސްކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށް އާ ހިސާބުތަކުން ދައްކައިފިއެވެ.
ޔޫރަޕްގެ މުހިންމު ބޯޑަރުތަކުގައި މި އަހަރުގެ އެޕްރީލް މަހު ފުރިހަމައަށް އަމަލުކުރަން ފެށި ބަޔޯމެޓްރިކް ނިޒާމުގެ ސަބަބުން، ޝެންގެން ސަރަޙައްދުގެ އެއާޕޯޓުތަކުގައި ޕާސްޕޯޓު ކޮންޓްރޯލް ކުރުމަށް ހޭދަވާ ވަގުތު ދެގުނައަށް އިތުރުވެފައިވާކަމަށް ވައިގެ ދަތުރުފަތުރާބެހޭ މައުލޫމާތުތަކުން ހާމަވެއެވެ.
އީ.ޔޫގެ ޒަމާނީ މި ޑިޖިޓަލް ނިޒާމުގެ ދަށުން، އީ.ޔޫ ނޫން އެހެން ޤައުމުތަކުން ޔޫރަޕަށް ޒިޔާރަތް ކުރާ ކޮންމެ ދަތުރުވެރިއަކުވެސް ޕާސްޕޯޓް ސްކޭން ކުރުމުގެ އިތުރުން، މޫނުގެ ފޮޓޯއާއި އިނގިލީގެ ނިޝާން ނަގަންޖެހެއެވެ. ޔޫރަޕްގެ ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި، މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ ޤަވާއިދާ ޚިލާފަށް ވިސާގެ މުއްދަތަށްވުރެ ގިނަ ދުވަހު މަޑުކުރާ ފަރާތްތައް ދެނެގަތުމާއި، ބޯޑަރުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމެވެ.
ނަމަވެސް، ޕެރިސް، އެމްސްޓަޑަމް، ފްރެންކްފަރޓް އަދި ބްރަސަލްސް ފަދަ ބޮޑެތި އެއާޕޯޓުތަކުގައި ދަތުރުވެރިންނަށް ކުރިމަތިވަމުންދާ ދަތިތަކުގެ ސަބަބުން، ޕީކް ގަޑިތަކުގައި ދެ ގަޑިއިރަށްވުރެ ދިގު އިންތިޒާރުގެ ކިއުތަކުގައި ތިބެން ޖެހޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދަތުރުވެރިންގެ ކިއު ބޮޑުވެ، ޓްރާންސްޕޯޓް ނިޒާމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ޔޫރަޕްގެ ބައެއް ޤައުމުތަކުގެ އެއާޕޯޓުތަކުގައި ވަގުތީ ގޮތުން މި ނިޒާމުގެ ބައެއް ބައިތައް މަޑުޖައްސާލަން ނުވަތަ މެނުއަލް ޗެކްތަކަށް އެނބުރި ދާން ވަނީ މަޖުބޫރުވެފައެވެ. ޔޫރަޕިއަން ކޮމިޝަނުން ވަނީ ދަތުރުވެރިންނަށް ޚާއްޞަ ހާލަތްތަކުގައި ބަޔޯމެޓްރިކް ރަޖިސްޓްރޭޝަން ވަގުތީގޮތުން މެދުކަނޑާލުމުގެ ހުއްދަ ކަމާބެހޭ އިދާރާތަކަށް ދީފައެވެ.


