ހަންގޭރީގެ އާ ރައީސަކަށް އެޤައުމުގެ ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަންދްރާޝް ބަކާ އިންތިޚާބުކޮށްފި އެވެ.
އުމުރުފުޅުން 73 އަހަރުގެ ބަކާ މި އިންތިޚާބު ކާމިޔާބުކުރެއްވީ ނެގި ސިއްރު ވޯޓެއްގައި 140 ވޯޓު ހޯއްދަވައިގެންނެވެ. އެކަނި ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވި ބަކާގެ ނަން ހުށަހެޅީ ވެރިކަންކުރާ 'ތިސާ' ޕާޓީންނެވެ. އެ ޕާޓީއަކީ އިދިކޮޅު ފަރާތްތަކުގެ ތާއީދާ ނުލައި ރައީސަކު އިންތިޚާބުކުރުމަށް ބޭނުންވާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ނަގާފައިވާ ޕާޓީއެކެވެ.
އޭނާ ވަނީ 1991 އިން 2008 އަށް އިންސާނީ ހައްޤުތަކާ ބެހޭ ޔޫރަޕްގެ ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އެއަށްފަހު ހަންގޭރީގެ މަޖިލީހުން 2009 ވަނަ އަހަރު އޭނާ ސުޕްރީމް ކޯޓުގެ ރައީސްކަމަށް އިންތިޚާބުކުރިއެވެ.
ނަމަވެސް އެއިރުގެ ބޮޑުވަޒީރު ވިކްޓަރ އޯރްބާންގެ ސަރުކާރުން ޝަރުޢީ ދާއިރާއަށް ގެނެސްދިން އިޞްލާޙުތަކާ ގުޅިގެން، 2011 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ރައީސްކަމުގައި އޭނާގެ 6 އަހަރުގެ ދައުރު ވަނީ ކުރުވެގެން ގޮސްފައެވެ.




