އިންޑިއާގެ އިގުތިސާދީ މައިދާނުގައި ޖިއޯޕޮލިޓިކަލް އަދި ވިޔަފާރީގެ ބާރުވެރިކަން ދައްކުވައިދޭ އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި، މުކޭޝް އަމްބާނީގެ އާއިލާއިން ވަނީ އިންޑިއާގެ އެންމެ މުއްސަނދި އާއިލީ ވިޔަފާރީގެ ލިސްޓުގެ އެންމެ ކުރި އަނެއްކާވެސް ހޯދާފައެވެ.
ބާކްލޭސް ޕްރައިވެޓް ކްލަޔަންޓްސް އަދި ހުރޫން އިންޑިއާއިން އިއްޔެ ނެރުނު އެންމެ ފަހުގެ ލިސްޓުން ހާމަވާގޮތުގައި، މުކޭޝް އަމްބާނީގެ އާއިލީ ވިޔަފާރީގެ އަގު 25.8 ލައްކަ ކްރޯޑު ރުޕީސް (308 ބިލިއަން ޑޮލަރު)އަށް އަރައެވެ. މިއީ މިއަހަރުގެ ތެރޭގައި 8.5 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް މިއީ އިންޑިއާގެ، ދެވަނައަށް އެންމެ މުއްސަނދި އާއިލާއަށްވުރެ ތިން ގުނަ ބޮޑު އަދަދެކެވެ.
މި ތަފާސްހިސާބުތަކުން ހާމަވެގެންދަނީ ހަމައެކަނި ވަކި އާއިލާއެއްގެ މުއްސަނދިކަމެއް ނޫނެވެ. އޭގެ ބަދަލުގައި އިންޑިއާގެ އެންމެ މަތީ ފަންތީގެ 300 އާއިލީ ވިޔަފާރީގެ ޖުމްލަ އަގު 1.46 ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ ސައުދީ އަރަބިއްޔާ، ނެދަލެންޑްސް އަދި ސްވިޒަލެންޑް ފަދަ ޤައުމުތަކުގެ ޖީ.ޑީ.ޕީ އަށްވުރެ ވެސް ބޮޑު އަދަދެކެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންޑިއާގެ އެންމެ މަތީ ދަރަޖައިގެ އާއިލީ ވިޔަފާރިތަކުން ކޮންމެ ދުވަހަކު 4,076 ކްރޯޑު ރުޕީސް (48.6 ބިލިއަން ޑޮލަރު)ގެ އަގު އިގްތިސާދަށް އިތުރު ކުރެއެވެ. އަމްބާނީ އާއިލާގެ ރިލަޔަންސް އިންޑަސްތްރީޒް މި ލިސްޓުގެ އެންމެ ކުރީގައި ފިޔަޖަހަމުންދާއިރު، ކުމާރަ މަންގަލަމް ބިރްލާގެ އާއިލާ ކަމަށްވާ އާދިތު ބިރްލާ ގްރޫޕް 8.14 ލައްކަ ކްރޯޑު ރުޕީސް (97 ބިލިއަން ޑޮލަރު)އާއެކު ދެވަނައަށް އަދި ޖިންދަލް އާއިލާ 8.02 ލައްކަ ކްރޯޑު ރުޕީސް (95.7 ބިލިއަން ޑޮލަރު)އާއެކު ތިންވަނަ ވަނީ ހޯދާފައެވެ.
ފުރަތަމަ ޖީލުގެ ވިޔަފާރިވެރިންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވަނީ އަހުމަދުއާބާދަށް ނިސްބަތްވެވަޑައިގަންނަވާ ގައުތަމް އަދާނީ އާއިލާއެވެ. އެ އާއިލާގެ މިލްކުވެރިކަން 19.6 ލައްކަ ކްރޯޑު ރުޕީސް (234 ބިލިއަން ޑޮލަރު)އަށް އަރާފައިވާއިރު، މިއީ ވިޔަފާރީގެ މައިދާނުގައި އައު އިންގިލާބެއް އަންނަމުންދާކަން ހާމަކޮށްދޭ ހެއްކެކެވެ.
ހުރޫން އިންޑިއާގެ ފައުންޑަރ އަދި ޗީފް ރިސާޗަރ އަނަސް ރަޙްމާން ޖުނައިދު ފާހަގަކުރެއްވި ގޮތުގައި، އިންޑިއާގެ އާއިލީ ވިޔަފާރިތަކަކީ މުޅި ގައުމުގެ އިގުތިސާދުގެ ލޭނާރެވެ. މި 300 އާއިލާއިން 5.4 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަޒީފާ ފަހކޮށްދީފައިވާއިރު، ޤައުމުގެ ކޯޕަރޭޓް ޓެކުހުގެ ބޮޑު ބައެއް ހިއްސާކުރަނީ މި ފަރާތްތަކުންނެވެ.
ނަމަވެސް، އިގުތިސާދީ މާހިރުން ދެކޭގޮތުގައި، މަދު އާއިލާތަކެއްގެ އަތުގައި ޤައުމުގެ މުއްސަނދިކަން މާ ބޮޑަށް ދައުރުވަމުންދިއުމަކީ، މުސްތަގުބަލުގައި އިގުތިސާދީ ހަމަހަމަކަން ޤާއިމުކުރުމަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ. މިއަދު އިންޑިއާގެ ވިޔަފާރީގެ މައިދާން ބައްޓަންވެފައިވަނީ މި މަދު އާއިލާތަކުގެ ނިންމުންތަކުގެ މައްޗަށެވެ.






