އަޑުގަދަކޮށް މިއުޒިކް ޖަހާނަމަ ފީއެއް ދައްކަން ޖެހޭނެ

އެކުވެރި އަރަބި އިމާރާތުގައި މިއުޒިކް ބޭނުންކުރުމަށް ލައިސަންސް ފީއެއް ނަގަން ފަށަން ނިންމައިފިއެވެ.

ޔޫއޭއީގެ އިޤްތިޞާދާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ 2026 ވަނަ އަހަރުގެ 136 ވަނަ ވަޒީރުންގެ ޤަރާރުގެ ދަށުން، 1 ޑިސެމްބަރު 2026 އިން ފެށިގެން އެކުވެރި އަރަބި އިމާރާތުގެ ރެސްޓޯރަންޓްތަކާއި، ކެފޭތަކާއި، ހޮޓާތަކާއި، އެއާލައިންތަކުން މިއުޒިކް ބޭނުންކުރުމަށް ލައިސަންސް ފީއެއް ދައްކަން މަޖުބޫރުވާނެއެވެ.

މި ޤަރާރުގެ ދަށުން ރެސްޓޯރަންޓްތަކާއި، ކެފޭތަކާއި، ހޮޓާތަކާއި، ޝޮޕިންގ މޯލްތަކާއި، ޖިމްތަކާއި، އެއާލައިންތަކުގެ އިތުރުން ރޭޑިއޯއާއި ޓީވީ ޗެނަލްތަކާއި، ކޮންސަޓްތަކާއި އެފަދަ އެހެނިހެން ހަރަކާތްތަކުން ފީ ނެގުނާ ހިމެނެއެވެ. މިއުޒިކް ބޭނުންކުރުމުގެ ފީ ނަގާނީ ހުއްދަދީފައިވާ ދެ މުއައްސަސާ ކަމަށްވާ "މިއުޒިކް ނޭޝަން" އާއި "އިމާރާތްސް މިއުޒިކް ރައިޓްސް އެސޯސިއޭޝަން" މެދުވެރިކޮށެވެ.

ފީގެ މިންވަރު ކަނޑައަޅާނީ ވިޔަފާރީގެ ބޮޑުމިނަށާއި މިއުޒިކް ބޭނުންކުރާ ގޮތުގެ މައްޗަށް ބަލައިގެންނެވެ. އެގޮތުން ރެކޯޑުކޮށްފައިވާ މިއުޒިކަށްވުރެ ލައިވް ހުށަހެޅުންތަކުން ނަގާ ފީ ބޮޑުވާނެއެވެ. މީގެ އިތުރުން ނަގާ ފީގެ 10 އިންސައްތަ ޚާއްޞަކުރާނީ މިއުޒިކް އުފެއްދުމުގެ ތަފާތު މަރުޙަލާތަކުގައި މިއުޒިކްޝަނުންނަށް އެހީތެރިވެދޭ ސަގާފީ ފަންޑަކަށެވެ.

ސަރުކާރުގެ އިދާރާތަކާއި، ތަޢުލީމީ މުއައްސަސާތަކާއި، ހެޔޮއެދޭ ހަރަކާތްތަކުގެ އިތުރުން ޤައުމީ މުނާސަބަތުތަކާއި ވިޔަފާރީގެ މަންފާއެއް ނުހިމެނޭ އަމިއްލަ ޙަފްލާތައް މި ލައިސަންސް ފީއިން އިސްތިސްނާވާނެއެވެ.

މިއީ ޓެކްސްގެ ގޮތުގައި އަލަށް ތަޢާރަފުކުރާ ފީއެއް ނޫނެވެ. ނަމަވެސް މިއީ ވިޔަފާރީގެ ތެރޭގައި ރައްކާތެރިކުރެވިފައިވާ އުފެއްދުމެއް ބޭނުންކުރުމަށްޓަކައި ދައްކަންޖެހޭ ލައިސަންސް ފީއެކެވެ.

މިއުޒިކް ސްޓްރީމްކުރާ ޕްލެޓްފޯމަކުން މެންބަރޝިޕެއް ނެގުމަކީ ވިޔަފާރި އުޞޫލުން އާންމުންނަށް މިއުޒިކް އިއްވުމުގެ ޙައްޤު ލިބޭ ކަމެއް ނޫނެވެ. ސަބަބަކީ އަމިއްލައަށް އަޑުއެހުމުގެ ޙައްޤާއި އާންމުންނަށް އިއްވުމުގެ ޙައްޤަކީ ދެކަމެއް ކަމަށްވާތީއެވެ.

މި ބަދަލާއެކު އަލަށް ތަޢާރަފުވާ ކަމަކީ ޙައްޤެއް ނޫނެވެ. ނަމަވެސް ކޮންމެ ފަންނާނަކު ވަކިވަކިން ފީ ހޯދަން އުޅުމުގެ ބަދަލުގައި، އެއް އުޞޫލަކުން ފީ ނަގައި ފައިސާ ފޯރުކޮށްދިނުމުގެ ނިޒާމެކެވެ.

އެއް މުއައްސަސާއަކުން ދެފަހަރަށް ފީ ނެގުން ހުއްޓުވުމަށްޓަކައި، ފީގެ އަދަދުތައް ހިމެނޭ ތާވަލާއި ދެ މުއައްސަސާގެ މެދުގައި މަސައްކަތް ބެހިގެންވާ ގޮތުގެ ތަފްޞީލު އަދި އާންމެއް ނުކުރެއެވެ.

ހިއްސާ ކުރައްވާ!