އީރާނުން ފެނުނު މޮސާޑުގެ ޚާޒާނާއަކީ ފޭކް ވީޑިއޯއެއް

ތެހެރާނުން ޔަހޫދީ ޖާސޫސީ މޮސާޑުގެ އެންމެ އިސް އޭޖެންޓު އަތުލައިގެން ކަމަށް ބުނެ އާންމުކުރި ވީޑިއޯއަކީ ފޭކެއް ކަމަށާ ދާއްކައިފިއެވެ.

ގިނަ އަދަދެއްގެ ރަނާއި ޑޮލަރު އަތުލައިގަތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކީ ހަގީގަތާ ހިލާފު، އޮޅުވާލުމެއް ކަމަށް ހާމަވެއްޖެއެވެ.

މި އޯގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެކްސް އާއި އެހެނިހެން މީޑިއާ ޕްލެޓްފޯމްތަކުގައި ހިންދީ، އަރަބި އަދި އުރުދޫ ބަހުން ފެތުރެމުންދާ މި މަންޒަރުތަކުން ފެންނަނީ ގޭގެއަށް ވަދެ ގިނަ އަދަދެއްގެ ރަން ބިސްކޯދާއި އެމެރިކާ ޑޮލަރު ހޯދާ މަންޒަރެވެ. މި ވީޑިއޯއާއެކު ދައުރުކުރި މެސެޖުތަކުގައި ބުނެފައިވަނީ އެއީ ތެހެރާނުގައި ހުންނަ މޮސާޑުގެ އެންމެ އިސް އޭޖެންޓުގެ ގެއިން އަތުލައިގަތް ތަކެތި ކަމަށެވެ.

ނަމަވެސް، މި ވީޑިއޯގެ ހަގީގަތް ހޯދުމަށް ހުޅުވާލެވިފައިވާ މައުލޫމާތުގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގި ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، މި ވީޑިއޯއަކީ އެހެން ހާދިސާއެއްގެ މަންޒަރުތަކެއް ބޭނުންކޮށްގެން އާންމުން އޮޅުވާލުމަށް އުފައްދާފައިވާ ފޭކް ވީޑިއޯއެކެވެ.

މި ވީޑިއޯ އާންމުކުރި ފަރާތްތަކުން ވަނީ އޭގެ އަސްލު އޮޅުވާލުމުގެ ގޮތުން ވީޑިއޯގެ ކަނާތްފަރާތު މަތީގައި އިންނަ އޮރިޖިނަލް ވޯޓަރމާކް ކަނޑާލައި ފޮރުވާފައެވެ. އަދި އިރާނުގެ އެއްވެސް ރަސްމީ މީޑިއާއަކުން ނުވަތަ ހަބަރު ފަތުރާ އޭޖެންސީއަކުންވެސް މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގައި، މޮސާޑުގެ އިސް އޭޖެންޓަކު އަތުލައިގަތް ކަމުގެ އެއްވެސް ހަބަރެއް ޝާއިރުކޮށްފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!