އިރާނާއެކު ކުރެވެމުންދިޔަ އިގްތިސާދީ، ވިޔަފާރި އަދި މާލީ ހުރިހާ މުއާމަލާތްތަކެއް ވަކި ގޮތެއް އަންގަންދެން ވަގުތީގޮތުން ހުއްޓާލުމަށް އެކުވެރި އަރަބި އިމާރާތުން ނިންމައިފިއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަފްރާ އަލް ހާމިލީ ވިދާޅުވި ގޮތުގައި، މި ނިންމުމަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހައަށް ނުރައްކާވާ ފަދަ ހަމަނުޖެހުންތަކެއް އުފެދެމުންދާތީ، އެކަމަށް ރިއާޔަތްކޮށް ނިންމި ނިންމުމެކެވެ. މީގެ އިތުރުން އިރާނާއެކު އޮތް އިގްތިސާދީ ގުޅުންތަކާ ބެހޭގޮތުން ދެކެވެމުންދާ ބައެއް ވާހަކަތައް ދޮގުކުރައްވަމުން، ބައިނަލްއަގުވާމީ މާލީ ނިޒާމުގެ ރައްކާތެރިކަން ދެމެހެއްޓުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ޔޫއޭއީއިން އަބަދުވެސް އިހުތިރާމްކުރާނެކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
މި ނިންމުން އައިސްފައިވަނީ އިރާނުން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ކަނޑުގެ ސަރަހައްދަށް ވެއްޓިފައިވާކަން ޔޫއޭއީގެ ދިފާއީ މިނިސްޓްރީން ކަށަވަރުކޮށްދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. ޔޫއޭއީގެ ސިފައިން ހާމަކުރި ގޮތުގައި އެ މިސައިލްތަކުގެ އަމާޒަކީ ކަނޑުގެ ދަތުރުފަތުރާއި ވިޔަފާރި އުޅަންދުފަހަރެވެ. ނަމަވެސް، އިރާނުގެ ހާރިޖީ މިނިސްޓްރީން ވަނީ ޔޫއޭއީއަށް އަމާޒުކޮށް އެއްވެސް މިސައިލެއް ފޮނުވާލާފައިނުވާނެކަމަށް ބުނެ، އެ ތުހުމަތުތައް މުޅިން ދޮގުކޮށްފައެވެ. އަދި އެފަދަ ހަގީގަތެއް ނެތް ތުހުމަތުތަކުގެ ސަބަބުން އަވަށްޓެރި ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލި، ނުތަނަވަސްކަން އިތުރުވާނެކަމަށް އިރާނުން ބުނެއެވެ.
އަރަބި ގައުމުތަކުގެ ތެރެއިން އިރާނާއެކު އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ގައުމަކީވެސް ޔޫއޭއީއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދެ ގައުމުގެ މެދުގައި އަހަރަކު 27 ބިލިއަން އާއި 29 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ ތެލުގެ ބޭރުން ކުރެވޭ މުއާމަލާތްތައް ހިންގައެވެ.



