އެމެރިކާއިން ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލުމަކީ ހަނގުރާމައަށް އަންނާނެ ނިމުމެއް ނޫން ކަމަށާއި، އިރާނުގެ އަސާސީ އަމާޒަކީ ހަނގުރާމަ މުޅިން ނިންމާލުން ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.
އިރާނުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހާރިޖީ ވަޒީރު އަރާގްޗީ ވިދާޅުވީ، ވަގުތީ ގޮތުން ހަމަލާހުއްޓާލުމުގެ އެއްބަސްވުންތަކުގެ ސަބަބުން އަލުން އިތުރު ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކަށް މަގުފަހިވެގެންދާ ކަމަށެވެ. އަދި އެފަދަ މަޝްވަރާތަކުން ހަނގުރާމައިގެ ނުރައްކާ ކުޑަވުމުގެ ބަދަލުގައި، އެއީ ހަނގުރާމަ ތަކުރާރުވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"އެމެރިކާއާއެކު ހިނގަމުންދާ ކުރިމަތިލުންތަކުގައި އިރާނުން ހަމައެކަނި ވަގުތީ ސުލްހައަކަށް ނުވަތަ ހަމަލާތައް ވަގުތީގޮތުން ހުއްޓާލުމަކަށް އެދިފައެއް ނުވާނެ. އިރާނުގެ އަމާޒަކީ ހަނގުރާމަ ޅިޅން ނިންމާލުން،" އަރާގްޗީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ވަގުތީގޮތުން ހަމަލާތައް ހުއްޓާލުމަކީ ހަނގުރާމައިގެ ސިލްސިލާ އަލުން ފެށުމަށް މަގުފަހިކުރާ ކަމެކެވެ. އެހެންކަމުން، ސަރަހައްދީ ހަމަޖެހުމަށްޓަކައި ބޭނުންވަނީ ވަގުތީ ހައްލުތަކުގެ ބަދަލުގައި، ސުލްހަ ގާއިމުކުރެވޭނެ ފަދަ ދާއިމީ އަދި ސާފު ނިންމުމެއް ކަމަށް ވިދާޅުވިއެވެ.




