ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ނިޒާމު "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް" ގުޅުވާލުމާއެކު، އިންޑިއާގެ ޔޫ.ޕީ.އައި ނިޒާމު ތަންފީޒުކުރި 11 ވަނަ ޤައުމަށް ދިވެހިރާއްޖެ ވެގެންގޮސްފިއެވެ. ޖުލައި 30 ގައި އިފްތިތާޙުކުރި މި ޚިދުމަތުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.
މި ނިޒާމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ރާއްޖޭގެ ރަށްރަށުގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. ޚާއްޞަކޮށް ގެސްޓްހައުސްތަކާއި، ރެސްޓޯރެންޓްތަކުގެ އިތުރުން ކުދި ފިހާރަތަކަށް، ބޭރުގެ ޑިޖިޓަލް ފައިސާ ބަލައިގަތުމުގައި ކުރިން ދިމާވި ދަތިތަކަށް މިހާރު ވަނީ ޙައްލެއް ލިބިފައެވެ. ބޮޑެތި ރިސޯޓުތަކެކޭ އެއްފަދައިން ކުދި ރަށްރަށުގެ ވިޔަފާރިވެރިންނަށްވެސް ބޭރުގެ ފަތުރުވެރިންގެ އަތުން ފަސޭހަކަމާއެކު ފައިސާ ބަލައިގަނެވޭނެ މަގު ތަނަވަސްވުމަކީ، އިޤްތިޞާދީ މަންފާ ސީދާ އާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމެކެވެ. މީގެ އިތުރުން ފަތުރުވެރިން ނަގުދު ފައިސާ ހިފަހައްޓަންޖެހޭ ކަންބޮޑުވުން ނައްތާލެވުމުން ޚަރަދުކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ.
މާލީ ދާއިރާއިން ބަލާއިރު، ދނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ޑިޖިޓަލް ޕޭމަންޓް ނިޒާމާ ރާއްޖޭގެ "ފަވަރަ" ނިޒާމު ގުޅުވާލެވުމަކީ ދިވެހި މާލީ ދާއިރާއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.




