ނޭޕާލްގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް މޯލްޑިވިއަން ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި

ނޭޕާލްގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް މޯލްޑިވިއަން ރެޑް ކްރެސެންޓުން (އެމްއާރްސީ) ފަންޑެއް ހުޅުވައިފިއެވެ.

ހިމާލިޔާ ފަރުބަދަތަކުގެ އުސް ސަރަހައްދަކުން ގަނޑުފެން ކަނޑައިގެން ގޮސް ވެއްޓުމުގެ ސަބަބުން ނޭޕާލާއި ޓިބެޓު ގުޅޭ ބޯޑަރު ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާއާ ގުޅިގެން ނޭޕާލާއި ޓިބެޓުގެ ބޯޑަރު ސަރަހައްދަށް ފެންބޮޑުވެ ކިސަޑު ފޭބުމުގެ ސަބަބުން 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 1,300 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އަދި ޗައިނާގެ ފަޅިން އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ޓިބެޓުގެ ގިޔަރޮންގް ކައުންޓީން އެކަނިވެސް 260 ބިދޭސީން ހިމެނޭހެން 558 މީހުން ގެއްލިފައިވާ ކަމަށް ސީސީޓީވީން ރިޕޯޓުކޮށްފައިވެއެވެ.

މި ކާރިސާގައި އަސަރުކޮށްފައިވާ މީހުންނަށް ބޭނުންވާ ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި އެމްއާރްސީން ވަނީ "އެމްއާރްސީ ނޭޕާލް ސޮލިޑަޓަރީ ފަންޑު" ހުޅުވާފައެވެ. އެމްއާރްސީން ހާމަކޮށްފައިވާ ގޮތުގައި، އެ ފަންޑުގެ ޒަރީއާއިން ލިބޭ ހުރިހާ ފައިސާއެއް އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ރެޑް ކްރޮސް މެދުވެރިކޮށް ފޯރުކޮށްދޭނީ ނޭޕާލް ރެޑް ކްރޮސް ސޮސައިޓީއަށެވެ.

ނޭޕާލުގެ ކާރިސާތަކާ ބެހޭ އިދާރާއިން އިންޒާރުދީފައިވާ ގޮތުގައި، އެ ސަރަހައްދުގައި އޮންނަ ބޯޓެކޯޝީ ކޯރު ބެދުމުގެ ސަބަބުން އުފެދިފައިވާ ފެންގަނޑު ދަނީ ބޮޑުވަމުންނެވެ. އަދި އެ ފެންގަނޑު އިތުރަށް ފެތުރިގެން ދިއުމުގެ ނުރައްކާ ބޮޑުކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން އެ ސަރަހައްދަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހިއްސާ ކުރައްވާ!