ގދ. ތިނަދޫ މޭޔަރު ސަޢުދުގެ މައްޗަށް ކުރި ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް: ރައީސް ނަޝީދު 

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ސިޓީގެ އާބާދީގެ މައުލޫމާތު އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރި ދައުވާތަކަކީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ދައުވާތަކެއް ކަމަށް ވިދާޅުވެ، އެ ދައުވާތައް ވަގުތުން އަނބުރާ ގެންދިއުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ގޮވައިލައްވައިފިއެވެ.
ރައީސް މުޙައްމަދު ނަޝީދު 'އެކްސް' ގައި ކުރެއްވި ޚާއްސަ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން މޭޔަރު ސަޢުދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިގެން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން އިންތިޚާބުކޮށްފައިވާ ކައުންސިލްތަކާއި އެ ކައުންސިލްތަކުގެ ވެރިންނަށް ޖަލުގެ ބިރުދައްކައިގެން ނުފޫޒު ފޯރުވަން މަސައްކަތްކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅާފައިވަނީ މޭޔަރު ސަޢުދުގެ މައްޗަށް ކުރެވޭ ޖިނާއީ ދެ ދައުވާއެކެވެ.
  1. ފުރަތަމަ ދައުވާއަކީ އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވައިގެން، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހިއްސާކުރި އާބާދީ ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި، އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައިގެން ތިނަދޫގެ އާބާދީއަކީ 10,150 މީހުން ކަމަށް ބުނެ ސައްހަ ނޫން މައުލޫމާތު ހުށަހެޅި ކަމަށް ތުހުމަތުކޮށެވެ. މ ގާނޫނީ ގޮތުން މި ދައުވާ ސާބިތުވެއްޖެނަމަ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
  2. ދެވަނަ ދައުވާއަކީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ހުށަހެޅި ލިޔެކިޔުންތައް ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދުމުން، އެފަދަ ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާ ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތުކޮށެވެ. މި ދައުވާ ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގެ ތަހުގީގަށް ސަޢުދު ވަނީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ފުލުހުން 2024 ވަނަ އަހަރުން ފެށިގެން ހިންގަމުން އައި މި ތަހުގީގު ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސަޢުދުﷲ ޙިލްމީ ވަނީ 2024 ވަނަ އަހަރު އެ މައްސަލަ މަޖިލީހަށާއި އެލްޖީއޭއަށް ހުށަހަޅުއްވާފައެވެ.
މެންބަރު ސަޢުދުﷲ ތުހުމަތު ކުރެއްވި ގޮތުގައި، އާބާދީގެ އަދަދުތައް އޮޅުވާލާފައިވަނީ އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ތިނަދޫ ސިޓީއަކަށް ހައްދަވައިދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށާއި، ކައުންސިލަރުންނަށް މޭޔަރުންގެ ދަރަޖަ ހޯދުމުގެ ބޭނުމުގައެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ރަސްމީކޮށް ދެއްވީ 30 އޮގަސްޓު 2023 ގައެވެ. އަދި ވެރިކަން ބަދަލުވުމަށްފަހު، މިހާރުގެ ސަރުކާރުން ވެސް ވަނީ ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ދަމަހައްޓަން ނިންމާފައެވެ. ނަމަވެސް، މި މައްސަލައިގައި ޖިނާއީ ދައުވާތަކެއް އުފުލި، އެ ދައުވާތައް ސާބިތުވެއްޖެނަމަ، ގާނޫނުގައިވާ ގޮތުގެ މަތިން މޭޔަރު ސަޢުދު ޢަލީގެ މޭޔަރުކަމުގެ ގޮނޑި ގެއްލުމުގެ ފުރުސަތު ބޮޑެވެ.

ހިއްސާ ކުރައްވާ!