ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމުގެ މަރުހަލާގައި އެ ރަށުގެ ރަސްމީ އާބާދީގެ އަދަދުތަކާ މެދު މަކަރާއި އޮޅުވާލުން ހަދާފައިވާ ކަމަށް ބުނާ މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޖިނާއީ ދެ ދައުވާއެއް އުފުލައި ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މޭޔަރު ސައުދުގެ މައްޗަށް ކޯޓަށް ހުށަހަޅާފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ. މި މައްސަލައަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީގެ ދަރަޖަ ލިބުމަށް ބޭނުންވާ އެންމެ އަސާސީ ޝަރުތު ފުރިހަމަކުރުމުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ކާކުކަން ނޭނގޭ ފަރާތްތަކާއި ނިޔާވެފައިވާ މީހުންގެ މައުލޫމާތު ހުށަހެޅި ކަމަށް ކުރެވޭ ތުހުމަތެކެވެ.
ދައުވާގެ ތަފްސީލުތަކަށް ބަލާއިރު، 17 މޭ 2021 ގައި ސައުދު ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުއްވި ރަސްމީ ސިޓީއެއްގައި ސައްހަ ނޫން މައުލޫމާތު ހިމަނުއްވާފައިވެއެވެ. ގާނޫނުގައިވާ ގޮތުން ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނީ މަދުވެގެން 10،000 މީހުންގެ ރަޖިސްޓްރީވެފައިވާ އާބާދީއެއް އޮވެގެންނެވެ. ނަމަވެސް، ސައުދު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި އެ އަދަދު ހަމަކުރުމުގެ ގޮތުން ނިޔާވެފައިވާ މީހުންގެ މައުލޫމާތާއި، ސައްހަކަން ކަށަވަރު ނުކުރެވޭ އެތައް ބައެއްގެ މައުލޫމާތު ހިމަނާފައިވާ ކަމަށް ޕީޖީ އޮފީހުން ފާހަގަކުރެއެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ރަސްމީކޮށް ދެއްވާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު 30 ގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭންގެ ތެރޭގައެވެ. އޭގެ ފަހުން ވެރިކަމަށް އައި މިހާރުގެ ސަރުކާރުން ވެސް ވަނީ ތިނަދޫގެ އިދާރީ ދަރަޖަ ސިޓީއެއްގެ ގޮތުގައި ދަމަހައްޓަން ނިންމާފައެވެ.


