ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ އަހަރީ ފޮތް މައުރަޒު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ. ޤައުމީ ޔުނިވަރސިޓީގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުއްވައިދެއްވުމަށްފަހު، ވަޒީރު ވަނީ އެމްއެންޔޫ ބުކް ރައިޓިންގ ގްރާންޓުގެ ދަށުން ނެރުނު އައު ފޮތް ވެސް ނެރެދެއްވާފައެވެ.
މި މައުރަޒަކީ ފޮތް އުފައްދާ ފަރާތްތަކާއި، ވިއްކާ ފަރާތްތަކުގެ އިތުރުން ފޮތް ކިޔުމަށް ޝައުޤުވެރިވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވާ މުހިންމު ބާޒާރެކެވެ. ރަސްމިއްޔާތަށްފަހު ވަޒީރު ޑރ. ޝަހީމް ވަނީ މައުރަޒުގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގައި ހުރި ފޮތްތައް ބައްލަވާލައްވައި، މައުރަޒު އިންތިޒާމުކުރި ފަރާތްތަކާ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
ޤައުމީ ޔުނިވަރސިޓީން ހާމަކުރި ގޮތުގައި، މި މައުރަޒު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ. އަދި މިހާތަނަށް ޝާއިޢުނުކުރެވި ހުރި އައު ފޮތްތަކާއި ޢިލްމީ އެހެނިހެން ވަސީލަތްތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދެވޭނެ ފަހި މާޙައުލެއް ޤާއިމުކުރުމަކީ ވެސް މި ހަރަކާތުގެ ބޭނުމެކެވެ.
މިފަދަ މައުރަޒުތަކުގެ ސަބަބުން މުޖުތަމަޢުގެ އެންމެހައި ފަރުދުން ފޮތަށް އަހުލުވެރިކުރުވުމަށާއި، ފޮތް ކިޔުމުގެ ރަނގަޅު އާދަ އަށަގަންނުވައި އެ އާދަ ދެމެހެއްޓުމުގެ ޝައުޤުވެރިކަން މުޖުތަމަޢުގައި އާލާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ޔުނިވަރސިޓީން ފާހަގަކުރެއެވެ.


