ބެންކޮކަށް ފެންބޮޑުވި ނަމަވެސް އެއާޕޯޓްތަކުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްދަނީ

ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، އެ ރަށުގެ މައި ދެ އެއާޕޯޓް ކަމަށްވާ ސުވަރްނަބޫމީ އެއާޕޯޓާއި ޑޮން މުއެންގް އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާ ކަމަށް ތައިލެންޑުގެ ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފްލައިޓްތައް މެދުނުކެނޑި އޮޕަރޭޓް ކުރަމުންދިޔަ ނަމަވެސް، ބައެއް ފްލައިޓްތައް ފުރުން ލަސްވުމާއި ޑޮން މުއެންގް އެއާޕޯޓުގެ ޓެކްސީވޭގެ ބަޔަކަށް ފެންވަދެފައިވާ ކަމަށް  އިދާރާތަކުން ބުނެއެވެ.

ތައިލެންޑުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު ޕިޕަޓް ރަޗަކިތުޕްރަކާން ވަނީ ގައުމީ ފެންވަރުގައި ދަތުރުފަތުރުގެ ނިޒާމުތައް ކޯޑިނޭޓްކުރުމަށްޓަކައި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ޚާއްސަ "ވޯ ރޫމް" އެއް ގާއިމުކުރައްވާފައެވެ. ކުއްލި ހާލަތުގައި މަސައްކަތްކުރާ އިމަޖެންސީ ފްލަޑް ރެސްޕޯންސް އޮޕަރޭޝަންސް ސެންޓަރުގެ ނަމުގައި އުފެއްދި މި މަރުކަޒަކީ އެއްގަމާއި، ރޭލާއި، ފެނާއި އަދި ވައިގެ ދަތުރުފަތުރާ ގުޅޭ ހުރިހާ އިދާރާތަކެއް ގުޅިގެން 24 ގަޑިއިރު މައުލޫމާތު ބަދަލުކޮށް، ވަސީލަތްތައް ހަމަޖެއްސުމަށް ގާއިމުކުރި މައި ހަބެކެވެ.

ބޯކޮށް ވެހުމުގެ ސަބަބުން ބެންކޮކުގެ މުހިންމު ބޮޑެތި މަގުތަކުގައި ފެންބޮޑުވެ، އެއްގަމު ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މިގޮތުން ވިއެބަވާދީ ރަންގްސިޓް ފަދަ މައި މަގުތަކުގެ ބައެއް ސަރަހައްދުތަކުގައި ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން ޓްރެފިކް ބްލޮކްވުންތައް ވަނީ އުފެދިފައެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ފެންހިންދާ ޕަންޕުތަކާއި، ބަރު އުޅަނދުތަކާއި، ޓޯ ޓްރަކްތައް ފަދަ ތަކެތި ހާދިސާ ހިނގި ސަރަހައްދުތަކަށް ފޮނުވައި، މަގުތަކުގެ އަމާންކަން ބެލެހެއްޓުމުގެ މަސައްކަތް ފަށާފައެވެ.

އެއްގަމު ދަތުރުފަތުރަށް ހުރަސްތަކެއް ކުރިމަތިވި ނަމަވެސް، އަަންޑަރގްރައުންޑް އަދި އެލެވޭޓެޑް ރޭލު ޚިދުމަތްތައް ކަމަށްވާ އެމްއާރުޓީ ބްލޫ، ޕާޕަލް، ޔެލޯ އަދި ޕިންކް ލައިންތަކުގެ ޚިދުމަތްތައް އަންނަނީ އާންމު އުސޫލުން ދެމުންނެވެ. އަދި ސްޓޭޓް ރޭލްވޭ އޮފް ތައިލެންޑް (އެސްއާރުޓީ) އިން ވަނީ ފެންބޮޑުވުމުގެ ސަބަބުން ހާލުގައިޖެހޭ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ބެންކޮކް ސްޓޭޝަން (ހުއާ ލަމްފޮންގް) އާއި ކްރަންގް ތެޕް އަފިވަތު ސެންޓްރަލް ޓާމިނަލް ފަދަ ތަންތަން ތައްޔާރުކޮށްފައެވެ.

ވައިގެ ދަތުރުފަތުރަށް ބަލާއިރު، ޑޮން މުއެންގް އެއާޕޯޓުގެ ދެކުނު ޓެކްސީވޭގެ ބަޔަކަށް ފެންވަދެފައިވީ ނަމަވެސް، މަތިންދާބޯޓުތައް ޖެއްސުމަށާއި ފުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. ނަމަވެސް މަގުތަކުގައި ފެންބޮޑުވެފައިވުމުގެ ސަބަބުން އެއާޕޯޓަށް ދިއުމަށް ނަގާ ވަގުތު ދިގުވެގެންދާތީ، ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް ތައިލެންޑުން ވަނީ ދަތުރުވެރިން އެއާޕޯޓަށް ދިއުމަށް އާންމުކޮށް ނަގާ ވަގުތަށްވުރެ އަވަހަށް ނުކުތުމަށާއި ފްލައިޓްތަކުގެ މައުލޫމާތު އެއާލައިންތަކުން ކަށަވަރުކުރުމަށް އިރުޝާދު ދީފައެވެ.

ހިއްސާ ކުރައްވާ!