ތައިލެންޑުގެ ކޯޓަކުން މިވަނީ އަމިއްލަ 12 އަހަރުގެ އަންހެން ދަރިފުޅު ޖަޕާނަށް ގެންގޮސް، ޓޯކިއޯގެ މާސެޖް ޕާލަރެއްގައި ހަށިވިއްކުމަށް މަޖުބޫރުކުރި މައިމީހާއަށް 7 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. 'ލަކްސަނާ' ނަމުން ނަންދެވިފައިވާ މި އަންހެން މީހާ ވަނީ އިންސާނީ ވަގުފާރިއާއި ހަށިވިއްކުމަށް މަގުފަހިކޮށްދިން ކަމުގެ ކުށަށް އިއުތިރާފުވެފައެވެ.
ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މި މައިމީހާ އޭނާގެ ދަރިފުޅު ޖަޕާނަށް ގެންދިޔައީ ފަތުރުވެރިކަމުގެ ނަމުގައެވެ. ނަމަވެސް، އެ ގައުމަށް ދިއުމަށްފަހު، އެ ކުޑަކުޑަ އަންހެން ކުއްޖާ އެކަނި މާއެކަނި ދޫކޮށްލުމަށްފަހު، ޖަޕާނުގައި ހަރަކާތްތެރިވާ ގުޅުންތަކެއް މެދުވެރިކޮށް އެ ކުއްޖާ ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ވިއްކާލީއެވެ.
ތަހުގީގުތަކުން ހާމަވާ ގޮތުގައި، 2025 ވަނަ އަހަރުގެ ޖޫން މަހާއި ޖުލައި މަހުގެ ތެރޭގައި، އެ ކުޑަ އަންހެން ކުއްޖާ ވަނީ ގާތްގަނޑަކަށް 60 ފިރިހެނުންނަށް ހަށިވިއްކަން މަޖުބޫރުކުރެވިފައެވެ.
2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އެ ކުއްޖާ ޖަޕާނުގެ އިމިގްރޭޝަން ސާވިސް އެޖެންސީގެ އެހީތެރިކަމަށް އެދުމުން މި ޖަރީމާ ފަޅާއެރިއެވެ. ފަހުން އިންޓަޕޯލްގެ އެހީގައި އެ މައިމީހާ ތައިވާނުން ހައްޔަރުކުރެވުނީ ޑިސެމްބަރު މަހުއެވެ. ތަހުގީގުގައި އޭނާ ބުނެފައިވަނީ، ދަރިފުޅު ޖަޕާނަށް ގެންދިޔައީ އޭނާގެ އެންމެ ހަގު ދަރިފުޅު ބެލުމަށް އެހީތެރިވުމަށް ކަމަށެވެ. އެހެންނަމަވެސް، މި ޖަވާބަކީ އޭނާގެ އަމަލުތަކުގެ ނުބައިކަން ފޮރުވޭނެ އެއްޗަކަށް ނުވިއެވެ.






