އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ބާއްވާ މިޑްޓާމް އިންތިޚާބަށް ކުޑަތަންވެފައިވަނިކޮށް، ކުރީގެ ރައީސް ބަރާކް އޯބާމާގެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާއަކީ "ގާބިލުކަމެއް ނެތް" ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި ބަހުގެ ވަރުގަދަ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.
އިންތިޚާބަށް 10 ދުވަހަށް ވެފައިވަނިކޮށް، އޯހާއޯ އަދި މިޝިގަންގައި ބޭއްވި ކެމްޕޭން އެއްވުންތަކުގައި އޯބާމާ ވަނީ ރައީސް ޓްރަމްޕްގެ ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރައްވައި، އީރާނާއެކު އޮތް ގުޅުމުގައި ގެންގުޅުއްވާ ސްޓްރެޓެޖީއަށް ފާޑުވިދާޅުވެފައެވެ. އަދި މިޝިގަންގެ ސެނެޓް ގޮނޑިއަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުއްސައްޔިދުގެ ކެމްޕޭން އެއްވުމެއްގައި އޯބާމާ ވިދާޅުވީ، ނޮވެމްބަރު 3 ގައި ބާއްވާ މި އިންތިޚާބަކީ ޓްރަމްޕްގެ ސަރުކާރުން ހިންގަވާ "ޖާހިލު ކަންކަން" ހުއްޓުވުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
އޯބާމާގެ މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ޓްރަމްޕް އޭނާގެ "ޓްރޫތު ސޯޝަލް" މީސް މީޑިއާ އެކައުންޓްގައި ލިޔުއްވާފައިވަނީ، އޯބާމާއަކީ ގާބިލުކަން ކުޑަ ރައީސެއް ކަމަށެވެ. އަދި އީރާނަށް ބިލިއަން ޑޮލަރު ދީ، ނިއުކްލިއާ ހަތިޔާރު ހޯދުމަށް މަގުފަހިކޮށްދެއްވީ އޯބާމާ ކަމަށް ޓްރަމްޕް ތުހުމަތުކުރެއްވިއެވެ. މީގެއިތުރުން، މީގެ ކުރިން ހިލަރީ ކްލިންޓަން އަދި ކަމަލާ ހެރިސްއަށް ތާއީދުކުރައްވައި އޯބާމާ ކުރެއްވި ކެމްޕޭންތައް ނާކާމިޔާބުވިކަންވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
މިޝިގަންގެ ސެނެޓް ގޮނޑިއަށް ވާދަކުރައްވާ އަބްދުލްސައްޔިދަށް އޯބާމާ ތާއީދުކުރައްވާތީ އެކަމަށް އިޝާރާތް ކުރައްވައި، ޓްރަމްޕާއި ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސް ވަނީ ސައްޔިދަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ތުހުމަތުކޮށް، އޭނާއަށް ވޯޓު ނުދިނުމަށް ގޮވާލައްވާފައެވެ.
އޯބާމާގެ ވާހަކަފުޅުގައި، ވަނީ އީރާނުން ހުރުމުޒު ކަނޑުއޮޅިން ތެޔޮ އުފުލާ އުޅަންދަށް ދޭ ހަމަލާތަކުގެ ނުރައްކާ ބޮޑުވެ، ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް އޭގެ އަސަރު ކުރަމުންދާ ކަން ފާހަގަކުރައްވައި، އީރާނުގެ މައްޗަށް ކާމިޔާބު ހޯދިފައިވާ ކަމަށް ޓްރަމްޕްގެ ސަރުކާރުން ކުރާ ދައުވާތަކަށް ޖޯކު ޖައްސަވާފައެވެ. އަދި އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ސިފައިންގެ ކަންކަމަށް އިސްކަންދިނުމުގެ ބަދަލުގައި އެހެން ކަންކަމަށް ސަމާލުކަން ދެއްވާ ކަމަށް ބުނެ އޯބާމާ ވަނީ ފާޑުވިދާޅުވެފައެވެ.
އޮގަސްޓް މަހު ނެގުނު ރޮއިޓާސް/އިޕްސޯސް ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، އެމެރިކާގެ 63 އިންސައްތަ މީހުން ގަބޫލުކުރަނީ ޓްރަމްޕާއި އޭނާގެ އާއިލާއިން ވެރިކަމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށެވެ.






