ޗައިނާގެ އެކްސްޕޯޓް ކޮންޓްރޯލް ސިޔާސަތު ވަރުގަދަކޮށް، ދުނިޔޭގެ އިގްތިސާދީ އަދި ޓެކްނޮލޮޖީގައި ބޮޑު ނުފޫޒެއް 

ދުނިޔޭގެ ސިނާއީ އަދި ޓެކްނޮލޮޖީގެ ބާޒާރުގައި އަމިއްލަ ނުފޫޒު ވަރުގަދަކޮށް، ބޭރުގެ ޤައުމުތަކުން ޗައިނާގެ އުފެއްދުންތަކަށް ބަރޯސާވާ މިންވަރު ދެމެހެއްޓުމުގެ ސްޓްރެޓެޖީގެ ދަށުން، ޓެކްނޮލޮޖީއާއި އިންޖީނިއަރިންގގެ މުހިންމު ވަސީލަތްތައް ބޭރަށް އެކްސްޕޯޓުކުރުން ކޮންޓްރޯލްކުރުމުގެ އާ އުސޫލުތަކެއް ޗައިނާގެ ސަރުކާރުން ތަންފީޒުކުރަން ފަށައިފިއެވެ.

ނިއުޔޯކް ތައިމްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ އިސްނެންގެވުމަށް އެކުލަވާލާފައިވާ މި ސިޔާސަތުގެ ދަށުން، ފަރުބަދަތަކާއި ބިންގަރާސްތައް ކޮނުމަށް ބޭނުންކުރާ ބިޔަ "ޓަނަލް ބޯރިންގ މެޝިން" ތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ އެޑްވާންސް މޮޑެލްތަކާއި، އަދި އިރުގެ ހަކަތައިން ކަރަންޓު އުފައްދާ ސޯލާ ޕެނަލް އުފެއްދުމަށް ބޭނުންވާ ޚާއްސަ ޓެކްނޮލޮޖީތައް އެކްސްޕޯޓުކުރުން ވަނީ ހަނިކޮށްފައެވެ. މީގެ އިތުރުން، ބޭސްވެރިކަމަށް ބޭނުންކުރާ ނިއުކްލިއާ އަދި ބަޔޯ-ޓެކްނޮލޮޖީގެ މުހިންމު ވަސީލަތްތައްވެސް މި ކޮންޓްރޯލްގެ ތެރޭގައި ހިމެނެއެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގެ އިތުރުން އިންޑިއާއަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ޚާއްސަކޮށް، އިންޑިއާއިން ޗައިނާއާ އިމުގެ މައްސަލަ އުފެދިފައިވާ ހިސާބުތަކުގައި ސިފައިންނާއި އަސްކަރީ އުޅަނދުފަހަރު ދަތުރުކުރުމަށް ހަދާ ބިންގަރާސްތައް ކޮނުމަށް ބޭނުންކުރާ މެޝިންތައް ޗައިނާއިން ލިބުން ދަތިވުމުގެ ނުރައްކާ އިންޑިއާއަށް ވަނީ ބޮޑުވެފައެވެ. މީގެ ކުރިން، އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން އީރާނުގެ ހުރުމުޒު ކަނޑުއޮޅި ސަރަހައްދުގައި ނުވަތަ ރަޝިޔާއިން ޕޫޓިންގެ އިރުޝާދުގެ ދަށުން ޔުކްރޭން އާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތަކާ ގުޅިގެން އަޅާފައިވާ އިގްތިސާދީ ފިޔަވަޅުތަކެކޭ އެއްފަދައިން، ޗައިނާއިންވެސް ދަނީ އިގްތިސާދީ ވަސީލަތްތައް ސިޔާސީ ބާރެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައެވެ.

ޓައިމްސްއާ ވާހަކަ ދެއްކި މުހައްލިލުން ފާހަގަކުރާ ގޮތުގައި، ޗައިނާގެ މި ސްޓްރެޓެޖީއަކީ އެމެރިކާއިން އެ ޤައުމާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދޭ ރައްދެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކަށް މައިކްރޯޗިޕް ފޯރުކޮށްދިނުން މަނާކުރުމާއި، ސިފައިންގެ ބޭނުންތަކަށް ބޭނުންކުރާ ނާދިރު "ރެއާ އާރތް" މައުދަންތައް އެމެރިކާއަށް އެކްސްޕޯޓުކުރުން ޗައިނާއިން ހުއްޓުވާލުމާ ގުޅިގެން އުފެދުނު ނުތަނަވަސްކަން މިހާރު ވަނީ އާ މައިދާން ތަކަކަށް ފެތުރިފައެވެ.

އެކްސްޕޯޓު ކޮންޓްރޯލާއި މުދާ ލިބުން ކޮންޓްރޯލު ކުރުމަކީ ވިޔަފާރީގެ ހަނގުރާމަިއގެ ވަސީލަތެއްގެ ގޮތުގައި ޗައިނާއަށް ވުރެން ކުރިން ބޭނުން ކުރީ ހުޅަނގުގެ ގައުމުތަކުންނެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ރަސްމީ ނޫސްތަކުންނާއި މީސް މީޑިއާ އިން އާންމުކުރާ މައުލޫމާތުގައި ބުނެފައިވަނީ، މިއީ ޤައުމީ ސަލާމަތް ކަށަވަރުކުރުމަށާއި، ޗައިނާގެ ސިނާއީ ކުރިއެރުން ހިމާޔަތްކުރުމަށްޓަކައި އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމެރިކާގެ ވައިޓް ހައުސްގެ އިސްވެރިންނާއި، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އާއި ނައިބު ރައީސް ވެންސް ފަދަ ބޭފުޅުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓް ތަކުގައި މި މައްސަލަ އިތުރަށް ބަހުސްކުރެވޭނެ ކަމަށް ބެލެވެއެވެ.

އިގްތިސާދީ މާހިރުން އިންޒާރުދޭ ގޮތުގައި، ޗައިނާއިން އެކްސްޕޯޓް ކޮންޓްރޯލްތައް  ވަރުގަދަކުރުމުގެ ސަބަބުން، ދުނިޔޭގެ އެހެން ޤައުމުތަކުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ދިޮގު މުއްދަތެއް ނެގުމާއި އަދި މފިޔަވަޅުތަކުގެ ސަބަބުން ދިގު މުއްދަތެއްގައި ޗައިނާގެ ވިޔަފާރިތަކަށް ގެއްލުންވުމުގެ ފުރުސަތު ބޮޑެވެ.

ހިއްސާ ކުރައްވާ!