ކަރާޗީގެ ކޯލް ސެންޓަރެއް ރެއިޑްކޮށް 273 މީހުން ހައްޔަރުކޮށްފި

ޕާކިސްތާނުގެ ކަރާޗީގެ ޝާރިއު ފައިސަލް ސަރަހައްދުގައި ހުންނަ ކޯލް ސެންޓަރަކަށް އަމާޒުކޮށް، ބައިނަލްއަޤުވާމީ މާލީ އޮޅުވާލުންތަކެއް ހިންގާ ކަމުގެ ތުހުމަތުގައި ޕާކިސްތާންގެ ނޭޝަނަލް ސައިބަރ ކްރައިމް އިންވެސްޓިގޭޝަން އެޖެންސީ (އެންސީސީއައިއޭ) އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 273 މީހަކު ހައްޔަރުކޮށްފިއެވެ.

ކަރާޗީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންސީސީއައިއޭގެ އެޑިޝަނަލް ޑިރެކްޓަރު ޝަހްޒާދު އަކްބަރު ވިދާޅުވީ، ނޮވެމްބަރު 4 ގައި ހިންގި މި އޮޕަރޭޝަނުގައި 339 ލެޕްޓޮޕާއި، 152 މޮބައިލް ފޯނުގެ އިތުރުން 4 ކޮމްޕިއުޓަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން "ވޮކްސްޓްރޮން ސޮލިއުޝަންސް" ގެ ނަމުގައި ހިންގަމުންދިޔަ މި ކޯލް ސެންޓަރަކީ ބޭރު ޤައުމުތަކުގެ ރައްޔިތުންނަށް އޮޅުވާލައިގެން މާލީ މައުލޫމާތު ހޯދައި، ސކޭޭމްގެ ޖަރީމާތައް ހިންގަމުންދިޔަ ތަނެއް ކަމަށް އިބްތިދާއީ ތަޙުޤީޤުން ވަނީ ކަށަވަރުވެފައެވެ.

އެންސީސީއައިއޭ އިން ބުނި ގޮތުގައި، މި ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ބޭރު ޤައުމުތަކުގެ ބޭންކުތަކާއި މާލީ އިދާރާތަކުގެ އޮފިޝަލުންކަމަށް ހެދިގެން، އެ ޤައުމުތަކުގެ ރައްޔިތުންނަށް ގުޅައިގެން ދަރަނި ޚަލާސްކުރުމުގެ ޚިދުމަތްތައް ދޭ ކަމަށް ބުނެ އޮޅުވާލާފައެވެ. އަދި އެ މީހުންގެ ސޯޝަލް ސެކިއުރިޓީ ނަންބަރުތަކާއި ކާޑުގެ މައުލޫމާތު ހޯދުމަށްފަހު، އެ މައުލޫމާތު ބޭނުންކޮށްގެން ޣައިރުޤާނޫނީ މާލީ މުއާމަލާތްތައް ހިންގައި، އެ ފައިސާ ޕާކިސްތާނަށް ފޮނުވާފައިވާ ކަމަށް އަކްބަރު ފާހަގަކުރެއްވިއެވެ. މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ މައްޗަށް ވަނީ ސައިބަރ ކުށްތަކާ ބެހޭ ޤާނޫނުގެ ދަށުން މައްސަލަ ރަޖިސްޓްރީކޮށްފައެވެ.

މި އޮޕަރޭޝަނާ ގުޅިގެން ހައްޔަރުކުރި މީހުންގެ ޢާއިލާތަކުން ވަނީ ބަލޯޗް ކޮލޮނީ ބްރިޖު ކައިރިއަށް އެއްވެ، މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ކޯލް ސެންޓަރުން ހައްޔަރުކުރި 100 އަށްވުރެ ގިނަ އަންހެނުން ވަގުތުން ދޫކޮށްލުމަށް އެދި، ޝާރިއު ފައިސަލްގެ ޓްރެފިކް ބަންދުކޮށްފައެވެ. ނަމަވެސް ފުލުހުން މަޝްވަރާކުރުމަށްފަހު މުޒާހަރާގެ ބައިވެރިން ވަނީ ސަރަހައްދުން ފޮނުވާލާފައެވެ.

ހިއްސާ ކުރައްވާ!