ތައިވާނުގެ މިނިވަންކަމަށް އެއްވެސް ޖާގައެއް ނެތް :ރައީސް ޝީ ޖިންޕިންގ 

ތައިވާނަށް ވަކިވެގަތުމުގެ އެއްވެސް ފުރުޞަތެއް ނުދެއްވާނެ ކަމަށާއި، "މައި ވަޒަނާ އެކު ފުރިހަމައަށް އެއްކޮށްލުމަކީ" ކޮންމެހެން ޙާޞިލުކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބުރާސްފަތި ދުވަހު ޗައިނާގެ ތައިވާން ސިޔާސަތު އަލުން ކަށަވަރު ކޮށްދެއްވައިފިއެވެ.

ޗައިނާގެ އިންޤިލާބީ ލީޑަރު ސުން ޔަތު-ސެންގެ އުފަންދުވަހަށް 160 އަހަރު ފުރުން ފާހަގަކުރުމަށް ވެރިރަށް ބެއިޖިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޝީ ވިދާޅުވީ، ތައިވާނުގެ މައްސަލަ ޙައްލުކުރުމަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ "ގުޑުވައި ނުލެވޭނެ ތާރީޚީ ވާޖިބެއް" ކަމަށެވެ. އަދި ތައިވާނުގެ މިނިވަންކަމަށް ގޮވާލައި ހިންގާ އެއްވެސް ޙަރަކާތަކަށް އެއްވެސް ސިފައެއްގައި ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޝީ ޖިންޕިންގ އިތުރަށް ވިދާޅުވީ، ތައިވާން ޗައިނާގެ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، އެ ޖަޒީރާގެ ޙާލަތަށާއި އެތަނުގެ ރައްޔިތުންގެ މަޞްލަޙަތަށް ބެއިޖިންގއިން ފުރިހަމައަށް ރިޢާޔަތްކުރާނެ ކަމަށެވެ. އެގޮތުން، ތައިވާނުގައި އޮތް ޙަޤީޤީ ޙާލަތު ދެނެގަނެ، ތައިވާނުގެ އަޚުންނާއި އުޚުތުންގެ އިޙްސާސްތަކާއި މަޞްލަޙަތުތަކަށް ފުރިހަމައަށް އިޙްތިރާމްކުރާނެ ކަމަށް ވިދާޅުވިއެވެ.

"ތާރީޚުގެ އޮއިވަރު ހުއްޓުވައެއް ނުލެވޭނެ. މައި ވަޒަނާ ފުރިހަމައަށް އެއްކޮށްލުމުގެ މަޤްޞަދު ކޮންމެހެންވެސް ޙާޞިލުވާންޖެހޭނެ،" ޗައިނާގެ ރައީސް ވިދާޅުވި އެވެ.

ޗައިނާގެ ސަރުކާރުން ދެކޭ ގޮތުގައި، ޑިމޮކްރެޓިކް އުސޫލުން ވެރިކަން ހިންގަމުން އަންނަ ތައިވާނަކީ ޗައިނާގެ ބައެކެވެ. އަދި ބޭނުންވެއްޖެ ޙާލަތެއްގައި ސިފައިންގެ ބާރު ބޭނުންކޮށްގެން ނަމަވެސް އެ ޖަޒީރާ ޗައިނާގެ ބާރުގެ ދަށަށް ގެނައުމަށް ބެއިޖިންގއިން ދަނީ ތަކުރާރުކޮށް އިންޒާރު ދެމުންނެވެ. ނަމަވެސް، ތައިވާނުގެ ސަރުކާރުން ބެއިޖިންގގެ މި ދަޢުވާތަކާ ދެކޮޅު ހަދައި، އެ ޖަޒީރާގެ މުސްތަޤުބަލާ މެދު ގޮތެއް ނިންމުމުގެ ޙައްޤު އޮތީ ހަމައެކަނި ތައިވާނުގެ ރައްޔިތުންނަށް ކަމަށް ބުނަމުންދެއެވެ.

ރައީސް ޝީ މި ވާހަކަފުޅު ދެއްކެވި ރަސްމިއްޔާތަކީ 1911 ވަނަ އަހަރު ޗައިނާގައި އޮތް ޤަދީމީ ރަސްކަމުގެ ނިޒާމު ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ސުން ޔަތު-ސެންގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތެކެވެ.

1925 ވަނަ އަހަރު އަވަހާރަވި ސުން ޔަތު-ސެންއަކީ ޗައިނާއާއި ތައިވާނުގައިވެސް އިޙްތިރާމް ލިބިގެންވާ ތާރީޚީ ޝަޚްޞިއްޔަތެކެވެ.

ހިއްސާ ކުރައްވާ!