އެފްރިކާގައި ޗައިނާއިން އަޅާ ބިޔަ އިމާރާތްތައް

އެފްރިކާގެ ގައުމުތަކުގެ މަލަމަތިން ފެންނާން ހުން ޗާލޫ ރީތި އިމާރާތްތަކަކީ ޗައިނާއިން ބިނާކޮށްދީފައިވާ އިމާރާތްތަކެވެ، ފޮރިން މިނިސްޓްރީތަކާއި  ރައީސުންނާއި ޑިކްޓޭޓަރުންގެ އެދުމަށް ބިނާ ކުރާ ރިއާސީ ގަނޑުވަރުތައް ވިދާ ބަބުޅަނީ، ޗައިނާއިން އެތަންތަން ޑިޒައިން ކޮށް އިމާރާތްކޮށް، އިންޓީރިއާ ހަދައި ބިއްރޫރި ޖަހައި ދިނުމުންނެވެ.

ޗައިނާއިން ދަނީ އެފްރިކާގައި ޕޮލިސް ހެޑްކުއާޓާރތަކާއި ސިފައިންގެ މީހުންގެ ގެތަކާއި ޕާލަމެންޓް ބިލްޑިންގތައްވެސް އަޅައި ދެމުންނެވެ. މި ވާހަކަތައް ރިޕޯޓް ކުރުމަށްފަހު ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ސުއާލު ކުރަނީ އެފްރިކާ ގައުމުތަކުން މި ތަންތަން ހެދުމުގެ ލޯން ޗައިނާއަށް އަދާ ކުރާނީ ކިހިނަކުން ހެއްޔެވެ؟

ޗައިނާއިން ބިނާ ކޮށްދޭ އެންމެ ފަހުގެ އިމާރާތަކީ މި މަހު ބިނާ ކުރުމަށް އެއްބަސްވެފައިވާ ކެންޔާގެ ފޮރިން މިނިސްޓްރިއެވެ. މީގެ އިތުރުން އިތިއޯޕިއާގެ ވެރިރަށް އެޑިސްއަބާބާގައި ޗައިނާއިން ދަނީ، އެކްރިކާ ބައްރުގެ ޑިޒީޒް ކޮންޓްރޯލް ސެންޓަރވެސް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއީ 80 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

1949ގައި މިނިވަން ވުމަށްފަހު ޗައިނާއިން ވަނީ އެފްރިކާގެ ގައުމުތަކަށް އެހީތެރިވެ ދިފައެވެ. މިނިވަންކަމުގެ ހަނގުރާމައިން އިސްތިއުމާރުން ސަލާމަތް ވުމުގެ މަސައްކަތުގައެވެ.

މިއަދު އެފްރިކާއަށް އެންމެ ބޮޑު އަދަދުން ލޯން ދޭފަރާތަކީވެސް ޗައިނާއެވެ. ޗައިނާގެ އެތައް ބިލިއަން ޑޮލަރަށް އެފްރިކާގެ ގައުމުތަކުން ދަރާފައިވާ ކަމަށް ބުނެ ބައެއް ގައުމުތަކުގައި އެކަން ސިފަކޮށްފައި ވަނީ ދަރަނީގެ ދަންތުރައެއްގެ ގޮތުގައެވެ.

އެފްރިކާ ބައްރުގައި ހިންގާ ހުރިހައި ބޮޑެތި ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ހިންގަނީ ޗައިނާއިން ނެނެވެ. މުޅި ބައްރުގެ އިންޓަރނޭޝަނަލް ކޮންސްޓްރަކްޝަން ޓެންޑާގެ ދެބައިކުޅަ އެއްބައި އެއްކޮށް ނަގަނީ ޗައިނާއިންނެވެ.

ޗައިނާއަށް ވެސް ބޮޑެތި ފައިދާތަކެއް އެބަ އޮތެވެ. އެކްރިކާގެ ރޯމެޓީރިއަލް ކޮންޓްރޯލް ކުރަން ޗައިނާ ބޭނުން ވެއެވެ. މައުދަންތައް ނަގާ މައިން ތަކާއި ދަނޑު ބިންތައް ޗައިނާއިން ދަނީ ގަނޑުކޮށް ގަންނަމުންނެވެ.

 

ހިއްސާ ކުރައްވާ!