ފޭސްބުކް (ވާހަކަ) 1

އަހަރެއް ނިމުމަކަށް އަންނަނީއެވެ. ހަފްތާއެއްވެސް އޭގެ ފަހު ދުވަހަށް އަލްވަދާއު ކިޔަނީއެވެ. ދުވަސް ނިންމާލުމަށްޓަކައި މުސްތޯ އޭނާގެ އިންބޮކްސް ޗެކްކޮށްލިއެވެ. ފޭސްބުކް އިން ފޮނުވާފައިވާ މެސެޖެއް އޭނާގެ ލޮލުގައި އަޅައިގަތެވެ.

“އަހަރެންގެ ރައްޓެހި މުސްތޯ ހޯދަމުން ދަނިކޮށް މި ފޮޓޯ އަހަރެންގެ ލޮލުގައި އަޅައިގަތީ. އަނެއްކާ ނަން ބަދަލުކޮށްގެންތަ ތިއުޅެނީ؟”

އެ މެސެޖު އިތުރަށް ކިޔާލިއެވެ.

“ވިއްސަކަށް އަހަރުގެ ދިނު ޒަމާނަކަށްފަހު ފެނުނީތީ ވަރަށް އުފާ ކޮށްފިން. ފަހަރެއްގައި އަހަރެންނަކީ ކާކުކަން ހަނދާނަށް ނައައިސްފާނެ. އެކަމަކު ފޮޓޯ ފެނުމުން އަހަރެންގެ ހަނދާން ތާޒާވެއްޖެ.”

ކާކުގެ މެސެޖެއް ބާވައޭ ހިތަށް އަރަމުން މުސްތޯ މެސެޖު ކިޔަމުން ދިޔައެވެ.

“ކަލާއާއި ކަލާގެ އާއިލާއަށް ބާއްޖަވެރި ވަގުތަކަށް އެދެން. މިއީ ރަހޫ… އާނ! ބޮޑަށް އެނގޭނީ ފޭދޫ ރަހޫއޭ ބުނިއްޔާ ދޯ؟” މެސެޖު ނިންމާލަމުން ބުންޏެވެ.

ހަމަ ވަރަށް ސާދާ މެސެޖެކެވެ. އެކަމަކު އެ މެސެޖުން މުސްތޯއަށް އިތުރު ހަކަތައެއް ލިބުނެވެ. އެއީ ޅަފަތުގެ ދުވަސްތަކަށް ފަހު، އޭނާ އެމީހެއްގެ މަތިން މުޅިން ހެން ހަނދާން ނެތިފައިވާ މީހެކެވެ.

މަތީ ތައުލީމު ހާސިލުކުރަން ދިޔަ ފަހުން މީހާއަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއެކު ހަނދާނުން ކައްސާލާފައިވާ ކުރީގެ ވަރަށް ޚާއްސަ މީހެއްގެ މެސެޖެކެވެ. ހީވީ ރެޑްބުލްއަކާއެކު ހަކަތައިގެ އޮއިވަރެއް ހަށިގަނޑަށް ވެރިވި ހެންނެވެ. މުސްތޯގެ މާޒީގެ ހަނދާންތައް މުޅިން ތާޒާ ވެއްޖެވެ.

މުސްތޯއާއެކު މަސައްކަތް ކުރާ އެންމެނަށް ވެސް އެއީ މުސްތޯއެވެ. އޭނާގެ ފޭސްބުކް އެކައުންޓްވެސް ރަޖިސްޓްރީ ކޮށްފައި ވަނީ އެނަމުންނެވެ. އޭނާގެ ސިފައަކަށްވެސް މާ ބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. އެހެންވެ، ރަހޫއަށްވެސް ވާހަކަ ދައްކަން ފަސޭހަވީ އޭނާގެ ނަމާ ބެހޭ ގޮތުންނެވެ.

ސާފުކޮށް ސީދާ ބަހުން، ރަހޫ މުސްތޯއާ މީގެ ކުރިން ވާހަކަ ދައްކާފައެއް ނުވެއެވެ. އެއީ ފުރާވަރުގެ ދުވަސްތަކެވެ. އެއިރު އޮންނަ ގޮތެވެ. އެކަމަކު ދެމީހުންގެ ޝުއޫރުތައް އެކަކު އަނެކަކަށް ބީރައްޓެއްސެއް ނޫނެވެ.

އެހެންވެ، މެސެޖު ކިޔާލުމަށްފަހު ފަސޭހަކަމާއެކު މުސްތޯގެ އިނގިލިތައް ކީބޯޑްގައި ފިރުކާލިއެވެ.

“ކަލާކޮ! މާޒީން މިއައީ ކޮންފަދަ ހަނދާނެއް؟ ތިބާ މަތިން އަހަރެން ހަނދާން ނެތޭނީ ކިހިނެއް؟ ރަހޫ ދޯ! މަގޭ އަވަށްޓެރިޔާ! ކިހިނެއް؟ އަހަރެންގެ މަތިން ހަނދާން ނެތުނީތަ؟ ހާލު އަހުވާލު ކިހިނެއް؟

އެނގޭ މީހަކާވެސް އިންކަން. އާޓިސްޓެއްކަންވެސް އެނގޭ.

ވަރަށް ލޯބި ކުދިންތަކެއްގެ މަންމައެއްކަން ވެސް އެނގޭ. 20 އަހަރު ފަހުން ދޯ؟ ހީވަނީ ހަމަ އިހައް ދުވަހު ކައިރީގައި އުޅުނު އަވަށްޓެރިއެއްހެން. މިހާރު ތިހުރީ ކިހާ ހިސާބެއްގައި؟ ކިހިނެއް އެނގުނީ އަހަރެން ކަން؟” މުސްތޯ ގެ މެސެޖުގައި ބުންޏެވެ.

ރަހޫއަކީ މިހާރު އުމުރުން 39 އަހަރުގެ އަންހެނެކެވެ. އުފާވެރި ޒަވާޖީ ހަޔާތެއްގައި އުޅެމުންދާތާ ކިތަންމެ ޒަމާނެކެވެ. ފިރިމީހާ، ވާއިލް އަކީ އިންޖިނޭރެކެވެ. ރަހޫއަށް އޭނާ ދޭ ވަގުތަށް ވުރެން އެނާ އިންޖީނުގައި އުނގުޅެން ހޭދަކުރާ ވަގުތު މާގިނައެވެ. އަދި ރަހޫދެކެ ވާލޯއްބަށް ވުރެން ގިރިސް އުނގުޅަން އޭނާ މަޔާ ގަޔާވެއެވެ. ވަޒީފާގެ ބައެކެވެ.

ރަހޫއަކީ އާޓިސްޓެކެވެ. އިންޓީރިއާ ޑެކަރޭޝަންގެ ފަންނާނެކެވެ. ރިސޯޓްތަކަށް އޭނާގެ ފަންނީ މަސައްކަތްތައް ކޮށްދީގެން ރަނގަޅު އާމްދަނީއެއް ހޯދައެވެ. އަދި އިހުގެ ދިވެހިންގެ ފަންނުވެރިކަމާ ބެހޭ ގޮތުން އޭނާ މިހާރު ދަނީ ޕީއެޗްޑީއަށް ދިރާސާއެއް ލިޔަމުންނެވެ.

ރަހޫ ފޭސްބުކްގައި ބައިވެރިވިތާ އަދި މިވީ ދޮޅު އަހަރެވެ. އެއީ، އެހާމެ އެކްޓިވް ޕްރޮފައިލެއް ނޫނެވެ. މިހާތަނަށް އަދި އެޑް ކުރެވުނީ އެންމެ 12 ރައްޓެހިންނެވެ.

ވާއިލް މުޅިން ތަފާތެވެ. އެއީ އިންފޮމޭޝަން ސުޕަރ ހައިވޭ ނޫނީ މައުލޫމާތުގެ ރަސްމަގުގެ ހުޝިޔާރު ފަހުލަވާނެކެވެ.

ގޭގެ ބްރޯޑްބޭންޑް އިންޓަރނެޓް ކަނެކްޝަން އެންމެ ފުރިހަމައަށް ބޭނުން ކުރަނީ އެފްބީ ފްރެންޑުންނާއެކު އޮންލައިން ގޭމްތަކަށެވެ. ފޭސްބުކްގައި ޗެޓް ކުރާށެވެ.

މުސްތޯގެ އެފްބީއަށް ދެވި ހިފުމުން ރަހޫއަށްވެސް ފައިދާއެއް ކޮށްފިއެވެ. އެތައް ދުވަހެއް ފަހުން ރަހޫ ބަލާލިއިރު މުސްތޯގެ ފޭސްބުކް ފްރެންޑުންގެ އަދަދު ވަނީ 510އަށް އަރާފައެވެ. އެދުވަހު ރަހޫ ހިތަށް އެރީ ފޭސްބުކްގެ މެޓާވާސް ދުނިޔޭގައި އޭނާއަކީ އެކަނިވެރިއެއް ކަމަށެވެ.

އެއީ ރަހޫގެ ފޭސްބުކް ފްރެންޑްސް އެޑްކުރުމަށް މަސައްކަތް ފެށި ދުވަހެވެ. ފުރަތަމަ ރަހުމަތްތެރިންގެ ލިސްޓްގައިވެސް މުސްތޯ ހިމެނިއްޖެއެވެ. (ނުނިމޭ)

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް